ކުއްޖަކު ދިން ނޯޓުގައި އެދުނު ޕާކުގެ ޔަގީންކަން ރައީސް ދެއްވައިފި
ކުއްޖަކު ދިން ނޯޓުގައި އެދުނު ޕާކުގެ ޔަގީންކަން ރައީސް ދެއްވައިފި

ރ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި، ކިނޮޅަހަށް މިއަދު ވަޑައިގަތުމުން ކުޑަކުއްޖަކު ހަވާލުކުރި ނޯޓުގައި އެދިފައިވާ ޕާކު ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

ކުއްޖަކު ދިން ނޯޓުގައި އެދުނު ޕާކުގެ ޔަގީންކަން ރައީސް ދެއްވައިފި
ކުއްޖަކު ދިން ނޯޓުގައި އެދުނު ޕާކުގެ ޔަގީންކަން ރައީސް ދެއްވައިފި

"ސަފުގައި ސަލާންކުރަމުން ދިޔައިރު ކުޑަކުޑަ ކުދިން ކަރުދާސްކޮޅުތައް އަޅުގަނޑަށް ދެމުން ދިޔަ. އޭގެ ތެރޭގައި އެބަ އޮވޭ ކޮއްކޮ ކުޅެލާނެ ޕާކެއް ނެތީމަ ހާދަ ދެރަވެއޭ. ކޮއްކޮއަށް ޕާކެއް ހަދައިދޭށޭ، މިި ކަހަލަ ވާހަކަތައް،" ކިނޮޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި އެވެ.

ކުއްޖަކު ދިން ނޯޓުގައި އެދުނު ޕާކުގެ ޔަގީންކަން ރައީސް ދެއްވައިފި
ކުއްޖަކު ދިން ނޯޓުގައި އެދުނު ޕާކުގެ ޔަގީންކަން ރައީސް ދެއްވައިފި

"އަޅުގަނޑުގެ މެނިފެސްޓޯގައި، ކެމްޕޭންގައި އަދި ސިޔާސަތުގައި ވެސް ވަރަށް ގިނައިން މި ވާހަކަ ދެކެވިއްޖެ. އެއްވެސް ތަފާތެއް ނެތި ކުދިކުދި އާބާދީތަކުގައި އަދި ހަމައެހެންމެ އެންމެ ބޮޑެތި އާބާދީތަކުގައި ވެސް ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ޕާކުތައް ހެދުމަކީ ތަރައްގީ ގެނެސްދިނުމުގައި ވަރަށް މުހިއްމު ކަމެއް."

ރަށްރަށުގައި ދިރިއުޅޭ މީހުންގެ ދުޅަހެޔޮކަމަށް ކުޅިވަރު ކުޅެވޭނެ އަދި ހިތްހަމަޖައްސާލެވޭނެ ވަސީލަތްތައް ގާއިމްވެފައި ހުރުމަކީ މުހިއްމު ކަމެއް ކަން ފާހަގަކުރައްވައި އެ ކުއްޖާގެ ހުށަހެޅުމަކީ ކިނޮޅަކަށް ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކިނޮޅަހުގައި ޕާކެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އެއާއެކު، ކުޅިވަރަށް ސަމާލުކަން ނުދޭތާ 12 އަހަރު ވެފައިވާ މި ރަށުގައި، ފުޓްސެލް ދަނޑެއްގެ އިތުރުން ވޮލީ ކޯޓެއް ތަރައްގީކޮށްދެއްވަން ވެސް ރައީސް ވައުދުވެވަޑައިގަތެވެ.

"ބޮޑެތި އިމާރާތްތަކާއި މަގުތަކެއް އެކަންޏެއް ނޫން، އެއާއެކުގައި ތުއްތު ކުދިންނާއި އާއިލާތަކުގެ ހިތަށް ހިތްހަމަޖެހުން ލިބޭނެ ފަދަ ވަސީލަތްތައް [ރަށްރަށުގައި] ހުންނަން ޖެހޭ. އެއީ، ވަށައިޖެހޭ ތަރައްގީއެއް ސަރުކާރަކުން ގެނެސްދެންޏާ ހިމެނިގެން ދާން ޖެހޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު، ތޮއްޖެހިފައިވާ މާލޭގެ އެކި ތަންތަން ހޯދައި ޕާކުތައް ތަރައްގީ ކުރެއްވި ސަބަބަކީ ވެސް އެއީ ކަމަށެވެ. އެހެންވެ ކިނޮޅުގައި ވެސް މި އަހަރުގެ ތެރޭގައި ޕާކެއްގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ރަށެއްގައި ޕާކެއް އެޅުން އޮތީ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނުކުރެވޭ ކަމަށާއި ސަބަބަކަށް ވީ މި ސަރުކާރާ ހަވާލުކުރި ބަޖެޓްގެ ތާށިކަން ކަމަށް ވިދާޅުވި އެވެ.

އެކަމަކު މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި، ރައީސް ވިދާޅުވި ގޮތުގައި، އިޖުތިމާއީ ކަންކަމުގައި ހައްލު ހޯދަން ވަރަށް ބޮޑު އިސްކަމެއް އޮތީ ދީފަ އެވެ.

"ދުޅަހެޔޮކަމާއި ސިކުނޑީގެ ތަރައްގީއަށް، ހިތްހަމަޖެހުމަށް ވަރަށް ގިނަ ކަންކަން [ރަށްރަށަށް ވެސް] އޮތީ ބަޖެޓުގައި ކަނޑައަޅާފައި. އެހެންވީމަ ޔަގީންކަން ދެން މި ރަށުގައި ތުއްތުކުދިން އެ ބޭނުންވާ ޕާކު އަޅުގަނޑުމެން ހަދައިދޭނަން. މި އަހަރު ތެރޭ އެކަން ކުރާނެ ކަމަށް ދަންނަވާލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކިނޮޅަހަކީ ކުޅިވަރު ކުޅޭ ހިތްވާ ގިނަ ބަޔަކު ދިރިއުޅޭ ރަށަކަށް ވާތީ މި ރަށުގައި ފުޓްސެލް ދަނޑަކާއި ވޮލީ ކޯޓުގެ މަސައްކަތް ވެސް މި އަހަރު ތެރޭ ފައްޓަވައިދެއްވާނެ ކަމަށެވެ.

ކިނޮޅަހުގެ ކައުންސިލުން ވަނީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން މި ރަށަށް އަޅާލާފައި ނުވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ކައުންސިލްގެ ރައީސް އަހްމަދު ހުސެއިން ވިދާޅުވީ ކުޅިވަރު މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ދާން ޖެހެނީ ކައިރި ރަށްތަކުގެ ކޯޓުތަކަށް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ ކުރިއެރުވުމަށް ވެސް މަސައްކަތްތައް ކޮށްދެއްވާނެ އެވެ. އޭގެ ތެރޭގައި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނެ އެވެ. އަދި ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ކިނޮޅަހުގައި މި އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވެފަ އެވެ.

މިއަދު ހެނދުނު ވަނީ ފުލުހުންގެ އާ އިމާރާތަކާއި ކައުންސިލުގެ އާ އިދާރާގެ ބިންގާ އަޅައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވަނީ ކިނޮޅަހުގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ކައުންސިލާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.