ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ރޯވެ 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން
ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ރޯވެ 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން

މާލޭ މަޖީދީމަގުގައި ހުންނަ "ފުރުޓް ޓްރީ އެޕަލް" ފިހާރައިގެ ގުދަނުގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ލިބިއްޖެ އެވެ.

ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ރޯވެ 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން
ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ރޯވެ 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން

އެ ފިހާރައިގެ މެނޭޖަރު "މިހާރު" އަށް ބުނީ އެތަނުން ވިއްކަނީ ޑްރައި ފުރުޓްސް އާއި އިލެކްޓްރޯނިކް ބައެއް ސާމާނާއި ގޭގޭގައި އާންމުކޮށް ހިފައިގެންގުޅޭ ބައެއް ތަކެތި ކަމަށެވެ. އެ ފިހާރައިގެ މަތީގައި ދެ ފުލޯ ހަދައި، ފިހާރައިން ވިއްކާ އެއްޗެހި ގުދަންކޮށްފައި ހުރީ އެތަނުގައި ކަމަށް އޭނާ ބުންޏެވެ.

ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ރޯވެ 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން
ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ރޯވެ 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން

އަލިފާން ފުރަތަމަ ރޯވީ އެ ގުދަނުގަ އެވެ.

"ގާތްގަނޑަކަށް 8 މިލިއަނެއްހާ ރުފިޔާގެ މުދާ ސްޓޮކް ކޮށްފައި ހުންނާނެ. އެ އާއި ފިހާރަ އަށް ލިބުނު ގެއްލުމާ އެކު ބެލެވެނީ 8-10 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށް،" އޭނާ ބުންޏެވެ.

މި ހާދިސާ ހިނގި ގޮތެއް އަދި ނޭނގެ އެވެ. އެކަމަކު އަލިފާނުގައި ވަނީ ގުދަން އެއްކޮށް އަނދައި ހުލިވެފަ އެވެ. އެއީ ވަށައިގެން ޓިނު ޖަހައި، ޑެގު އަޅައިގެން ހަދައިފައި ހުރި ދެ ފުލޯގެ ގުދަނެކެވެ.

ގްރައުންޑް ފުލޯގައި ހުރި ފިހާރަ އަށް އަލިފާނުގެ އަސަރު ނުކުރި ނަމަވެސް، އަލިފާންގަނޑު ނިއްވާލަން ފެން ޖެހުމުން އެތަނުގައި ހުރި މުދަލަށް ވެސް ފެން އެޅި ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ.

ފިހާރާގައި ރަނގަޅަށް ހުރި މުދާ އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފުރުޓް ޓްރީގެ އިތުރު ތިން ފިހާރަ މާލޭގައި ހިންގަ އެވެ.

އެމްއެންޑީއެފުން ބުނީ ގުދަނުގައި ރޯވި ކަމުގެ ރިޕޯޓް ލިބުނީ ރޭ ފަތިހު 4:30 ހާއިރު ކަމަށެވެ. އަދި ސިފައިންގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 6:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ގުދަނުގައި ރޯވި އަލިފާނުގެ އަސަރު، އެތަނާ ޖެހިގެން ހުރި 10 ގެއަކަށް ކުރި އެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި، އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 33 މީހެއް ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީންނެވެ. އެތަނުން 22 މީހަކަށް އެންޑީއެމްއޭ އިން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީ ހަމަޖައްސައި ދީފަ އެވެ.

ހާލުގައި ޖެހުނު ބިދޭސީ އާއިލާއެއް އަމިއްލައަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށާއި ބާކީ ތިބި 11 ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނީ އެ މީހުން މަސައްކަތްކުރާ ކުންފުނިތަކުން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.