23 ޖެނުއަރީ 2025 - 11:47

ބިދޭސީ ޓީޗަރުން އަގުބޮޑުކޮށް ޓިއުޝަން ދޭ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގދ. ގައްދޫ ކައުންސިލުން ދީފި އެވެ.
އެ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ހުންނަ އަތޮޅު ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން އާއްމުންގެ އަތުން އެކަށީގެންނުވާ ވަރުގެ ބޮޑު އަގު ނަގައިގެން ޓިއުޝަން ދޭ ކަމުގެ ޝަކުވާތައް ހުއްޓުމެއް ނެތި ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
އެހެންވެ، އެކަމަށް ފިޔަވަޅު އަޅަން އިއްޔެއިން ފެށިގެން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ސޮއި ކުރައްވައި، ނެރުއްވި އިއުލާނުގައިވެ އެވެ.
އިއުލާނުގައި ބުނީ ސްކޫލްގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުން ޓިއުޝަން ދިނުމަކީ ގާނޫނާއި ގަވާއިދާ ވެސް ހިލާފް ކަމެއް ކަމަށެވެ. އަދި އެއީ ސްކޫލުގައި ރަނގަޅު ގޮތެއްގައި އަދި ހަމަހަމަކަމާ އެކު ކުދިންނަށް ކިޔަވައި ދިނުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ދެކޭ ކަމަށް ކައުންސިލުން ބުންޏެވެ.
"ހިތުހުރި ގޮތަކަށް އަމިއްލައަށް މުސާރައާ އަގު ހަދައިގެން ގަވައިދާ ހިލާފަށް ގައްދޫގައި ޓިއުޝަން ދެމުންދާ ޓީޗަރުންނަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި އަދި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާގުޅޭ އިދާރާއަށް ފޮނުވޭނެ ވާހަކަ ދެންނެވީމެވެ،" އިއުލާނުގައިވެ އެވެ.