23 ޖެނުއަރީ 2025 - 11:01

ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ކްލަބްގެ ޝަރަފް ސްޕެއިނުގެ ރެއާލް މެޑްރިޑުން ހޯދައިފި އެވެ.
ދަނޑުމަތީގައި އޮންނަ ވާދަވެރިކަމުގެ އިތުރަށް ވިޔަފާރި އާއި އާމްދަނީގައި ވެސް ކްލަބްތަކުގެ މެދުގައި ވާދަވެރިކަން އޮވެ އެވެ.
ފުޓްބޯޅައިގެ ފައިނޭންސް ދާއިރާގެ ކޮންސަލްޓެންޓް ފާމެއް ކަމަށްވާ ޑެލޮއިޓުން ވަނީ މިދިޔަ ސީޒަނުގެ ކްލަބްތަކުގެ އާމްދަނީ އާންމުކޮށްފަ އެވެ. މަނީ ލީގުގެ ނަމުގައި އިއުލާން ކުރާ ލިސްޓްގް އެއް ވަނަ ރެއާލުން ހޯދީ 1.04 ބިލިއަން ޑޮލަރުގެ އާމުދަނީއެއް ހޯދައިގެންނެވެ.
މިއީ ކްލަބެއްގެ އާމްދަނީ ބިލިއަން ޑޮލަރަށް އެރި ފުރަތަމަ ފަހަރެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ލަލީގާގެ ޗެމްޕިއަންކަން ވެސް ހޯދި ރެއާލުން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދީ ތަފާތު ތިން ދާއިރާއަކުން ހޯދި އާމްދަނީ މައްޗަށް ޖައްސައިގެންނެވެ.
ސްޓޭޑިއަމް ގާތްގަނޑަށް ނިމިފައިވުމުން މެޗުތަކުގެ އާމްދަނީ ވަނީ މައްޗަށް ޖައްސާފަ އެވެ. މެޗުތަކުން ލިބޭ އާމްދަނީގެ ގޮތުގައި އެ ކްލަބުން ވަނީ 258 މިލިއަން ޑޮލަރު ހޯދައިފަ އެވެ. ޓީވީ ރައިޓްސް ވިއްކައިގެން އެ ކްލަބުން ވަނީ 328 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އަދި ވިޔަފާރީގެ ގޮތުގައި 501 މިލިއަން ޑޮލަރު ހޯދި އެވެ.
މަނީ ލީގުގެ ދެވަނައިގައި އޮތީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. އެ ކްލަބުން ވަނީ 872 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ޕީއެސްޖީން 839 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ.
1. ރެއާލް މެޑްރިޑް - 1.04 ބިލިއަން ޑޮލަރު
2. މެންޗެސްޓާ ސިޓީ - 872 މިލިއަން ޑޮލަރު
3. ޕީއެސްޖީ – 839 މިލިއަން ޑޮލަރު
4. މެންޗެސްޓާ ޔުނައިޓެޑް – 802 މިލިއަން ޑޮލަރު
5. ބެޔާން މިޔުނިކް – 796 މިލިއަން ޑޮލަރު