23 ޖެނުއަރީ 2025 - 09:48

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށި 3-2 އިން ބަލިކޮށް އޮމަދޫ އިން އަތޮޅު ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ތިމަރަފުށި ބަލިވި ނަމަވެސް އެޓީމު ވަނީ މި މެޗުގެ ކުރިން ނުވަ ޕޮއިންޓާ އެކު ގުރޫޕް އޭގެ އެއް ވަނައިގައި ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ.
ފަސް ޓީމު ހިމެނޭ މި ގުރޫޕުން ދެ ވަނަ ލިބުނު އޮމަދޫ އާއި ކިނބިދޫ އަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބުނީ އޮމަދޫއަށެވެ. ކިނބިދޫ ވަނީ ރޭ 5-2 އިން ދިޔަމިގިލި ބަލިކޮށްފަ އެވެ.
ގުރޫޕް ބީގެ އެއް ވަނަ ޔަގީން ކޮށްފައި ވަނީ 12 ޕޮއިންޓް ހޯދި ހިރިލަންދޫ އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ ރޭ ސޮލާހު އަލީގެ ހަތަރު ގޯލާ އެކު 6-4 އިން ކަނޑޫދޫ ބަލިކުރި ވޭމަންޑޫ އެވެ. ވޭމަންޑޫ އާއި ބުރުނީ އަދި ގާދިއްފުއްޓަށް ވެސް ހަ ޕޮއިންޓް ލިބިފައި ވާއިރު، ވޭމަންޑޫ އަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ. ބުރުނީ ވަނީ ރޭ ގާދިއްފުއްޓާ ވާދަކޮށް 3-2 އިން ބަލިވެފަ އެވެ.
ތ. އަތޮޅުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ 10 ޖަހާއިރު އެވެ. ތިމަރަފުއްޓާއި ވޭމަންޑޫ ބައްދަލުކުރާއިރު ހިރިލަންދޫ ނުކުންނާނީ އޮމަދޫއާ ދެކޮޅަށެވެ.
ލ. އަތޮޅުގެ ދެ ގުރޫޕްގައި ވެސް ތިން ޓީމު ހިމެނޭ އިރު، ގުރޫޕް އޭގެ އެއް ވަނަ ހޯދާފައި ވަނީ ދެ މެޗު ވެސް ކާމިޔާބުކުރި ގަމެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ ރޭ 3-2 އިން މާވަށް ބަލިކުރި މާބައިދޫ އެވެ.
އިސްދޫ ވަނީ ރޭ 3-1 އިން މުންޑޫ ބަލިކޮށް ގުރޫޕް ބީގެ އެއް ވަނަ ހޯދައިފަ އެވެ. މުންޑޫ އާއި ކަލައިދޫ އަށް ވެސް ޕޮއިންޓެއް ލިބިފައި ވާއިރު، ގޯލުގެ ތަފާތުން ގުރޫޕްގެ ދެ ވަނަ ލިބުނީ މުންޑޫ އަށެވެ.
މި އަތޮޅުގެ ސެމީގައި އަންނަ އާދިއްތަ ދުވަހުގެ ރޭ 11 ޖަހާއިރު ގަން ނުކުންނާނީ މުންޑޫއާ ދެކޮޅަށެވެ. އަދި އިސްދޫ ނުކުންނާނީ މާބައިދޫއާ ދެކޮޅަށެވެ.
ތިން ޓީމު ވާދަކުރާ ބ. އަތޮޅު ބުރުގައި ރޭ ތުޅާދޫ ވަނީ 1-0 އިން ފެހެންދޫ ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުގައި ތުޅާދޫ ވަނީ ހަމަ މި ނަތީޖާއިން އޭދަފުށީ އަތުން ބަލިވެފަ އެވެ.
މި އަތޮޅުގެ ގުރޫޕް ބުރުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރު ބައްދަލުކުރާނީ އޭދަފުއްޓާއި ފެހެންދޫ އެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ރ. އަތޮޅާއި ގއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތަކުގެ އިތުރުން، ޅ. އަތޮޅާއި ވ. އަތޮޅު ބުރުގެ މެޗުތަކެވެ.