23 ޖެނުއަރީ 2025 - 06:49

އިންޑިއާއަށް ނުރައްކާ ކުރިމަތިވަނީ ގައުމުގެ ބޭރުން ނޫން ކަމަށާއި އެތެރެއިން ކަމަށް ވިދާޅުވެ ޖައްމޫ އެންޑް ކަޝްމީރު ނޭޝަނަލް ކޮންފަރެންސްގެ ރައީސް ޑރ. ފާރޫގު އަބްދުﷲ އިއްޔެ ހިންދޫންގެ ވާހަކަތަކަށް ރައްދު ދެއްވައިފި އެވެ.
ފާރޫގު ވިދާޅުވީ ގައުމުގެ މުސްތަގުބަލް ރައްކާތެރިކުރުމަށްޓަކައި އެއްބައިވަންތަކަން ދަމަހައްޓައި، ބައިބައިވުން އުފެދޭ ވާހަކަތައް ހުއްޓުވަން ޖެހިފައިވާ ކަމަށެވެ.
"މިއަދުވެސް ގައުމު ގުރުބާންވާން އެދެނީ އެ ގައުމު ސަލާމަތްކުރުމަށް. އިންޑިއާއަށް ނުރައްކާ ކުރިމަތިވަނީ ބޭރަކުން ނޫން. އެތެރެއިން. ގައުމު ހަލާކު ކުރެވޭނީ އެ ތަނުގެ އެތެރޭގައި ތިބި ބަޔަކަށް. ބޭރުން އަންނަ ބަޔަކަށް ނޫން. މިއީ ވަރުގަދަ ގައުމަކަށް ހަދަން ބޭނުން ނަމަ އަމިއްލަ ނަފްސާއި އަޚުންނާއި އުޚުތުންނަކީ ހަރުދަނާ، ވަރުގަދަ ބަޔަކަށް ހަދަންވީ،" ނޭޝަނަލް ކޮންފަރެންސްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފާރޫގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ ހިންދޫން ވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ބުނެ ފަތުރާ ވާހަކަ އަކީ ނުރައްކާތެރި ޕްރޮޕަގެންޑާއެއް ކަމަށެވެ.
"މި ގައުމުގެ 80 ޕަސެންޓަކީ ހިންދޫން. އެހެންވީ އިރު އޮތް ނުރައްކަލަކީ ކޮބާ؟ މިއީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން ވިސްނައިދޭ ގޮތް. މިއީ ދޮގެއްކަން ސާބިތުކޮށްދިނުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް،" ފާރޫގު ވިދާޅުވި އެވެ.
ފާރޫގު ވަނީ އޭނާ ޗީފް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު، ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރު (ޕީއޯކޭ) ގެ މީހުން އިންޑިއާގައި ވަޒަންވެރިކުރަން އުޅޭ ކަމަށް ބުނެ ފެތުރި ދޮގު ވާހަކަތަކެއް ހަނދާންކޮށްދެއްވައިފަ އެވެ.
"އެމީހުން އައިސް ތިޔަ އެންމެންގެ ބިންތައް އަތުލާނެ ކަމަށް ބުނެ ފަތުރަމުން ދިޔައީ ދޮގު ވާހަކައެއް. ޔޫނިއަން ހޯމް މިނިސްޓްރީގެ ރުހުމާ ނުލައި އެއްވެސް މީހަކަށް މިތަނުގައި ވަޒަންވެރި ނުވެވޭނެ ކަން ތަކުރާރުކޮށް އަޅުގަނޑު ދަންނަވަމުން ދިޔައިން. އެކަމަކު އެކަކުވެސް އަޑެއް ނާހާ،" އޭނާ ވިދާޅުވި އެވެ.
ފާރޫގު ވިދާޅުވީ އެފަދަ ވާހަކަތަކާ މެދު ފަހުރުވެރިވެ ތިބެ މިހާ ހިސާބަށް އައި އިރު ގައުމުގެ އެތެރޭގެ ވަޒީފާތައް އަދާކުރަނީ ބިދޭސީން ކަމަށެވެ. ގޭގެ މަސައްކަތު މީހުންނަކީ ވެސް ބިދޭސީން ކަމަށް ވެއްޖެ ކަމަށާއި އެހެންވެ ޕްރޮޕަގެންޑާ ވާހަކަތައް ގަބޫލުކޮށްގެން ތިބެ ލިބުނު ކާމިޔާބީއަކީ ކޮބައިތޯ އޭނާ ސުވާލުކުރެއްވި އެވެ.
"އަޅުގަނޑަކީ މުސްލިމެއް، އަޅުގަނޑަކީ އިންޑިޔާގެ މުސްލިމެއް. އަޅުގަނޑަކީ ޗައިނާ އަދި ޕާކިސްތާނުގެ މުސްލިމެއް ވެސް ނޫން. ނަމަވެސް މި ޕްރޮޕެގެންޑާ ވެސް އެބަ އޮތް. ނޭޝަނަލް ކޮންފަރެންސްގެ ހިންދޫ މެންބަރުން ވެސް އަޅުގަނޑަކީ ޕާކިސްތާނު މީހެއް ކަމަށް ބުނެފައިވޭ،" އޭނާ ވިދާޅުވި އެވެ.
ފާރޫގު ވަނީ ސިޔާސީ ޕާޓީތަކުގެ ވެރިން ގައުމުގައި ބައިބައިވުން އުފައްދަން ނޫޅެ އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށްގެން ނޫނީ ގައުމު ސަލާމަތްކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.