ވެއިލް: ހަރަކާތްތެރިވެ އުޅޭ މީހުންނަށް ހާއްސަ ބުރުގާ
ވެއިލް: ހަރަކާތްތެރިވެ އުޅޭ މީހުންނަށް ހާއްސަ ބުރުގާ

ބުރުގާ އަޅާ މީހުންނަށް، ޕާޓީތަކަށް ދިއުމަށާއި ނަލަކޮށް ތިބުމަށް ނުވަތަ ގޭތެރޭގައި އުޅޭއިރު ބޭނުންކުރުމަށް އެކި ވައްތަރުގެ ހެދުމާއި ބުރުގާ ލިބެން ހުރެ އެވެ. ނަމަވެސް ދުވުމާއި ފެތުން ނުވަތަ ކަސްރަތުތަކަށް ލާނެ އެއްޗެއް ހޯދުން ފަސޭހަ ކަމަކަށް ނުވެ އެވެ. "އެކްޓިވް ވެއާ" ނުވަތަ ކަސްރަތު ކުރަން ލާން ހާއްސަ ހެދުމެއް ބުރުގާ އަޅާ މީހުންނަށް ނެތުމަކީ ވަރަށް ބޮޑު އުނިކެމެއްކަމަށް ފާހަގަ ކުރެވެ އެވެ.

ވެއިލް: ހަރަކާތްތެރިވެ އުޅޭ މީހުންނަށް ހާއްސަ ބުރުގާ
ވެއިލް: ހަރަކާތްތެރިވެ އުޅޭ މީހުންނަށް ހާއްސަ ބުރުގާ

"ބުރުގާ ނުވަތަ މޮޑެސްޓްކޮށް ހެދުން އަޅާ މީހުންނަށް ހާއްސަ ސްޕޯޓްސްވެއާއެއް އަދި އެއްވެސް ބޮޑު ބްރޭންޑަކުން ތައްޔާރުކޮށްފައެއް ނެތް،" ކްރައުޑް ފަންޑިން ޕްލެޓްފޯމް "ކިކްސްޓާޓާގައި" މިދިޔަ މަހު "ވެއިލް" ބްރޭންޑް ލޯންޗްކުރި އަހްމަދު ގާނިމް، 23، ބުނެފައިވެ އެވެ. އޭނާ ބޭނުންވަނީ މި އުނިކަން ނައްތާލާ، ފަސޭހައިން ލެވޭނެ ރަނގަޅު ކޮލިޓީއެއްގެ "އެކްޓިވްވެއާ"އެއް ތައްޔާރުކުރާށެވެ.

އޭނާ ބުނެފައިވާ ގޮތުގައި މި އާ ބްރޭންޑް ލޯންޗްކުރުމުގެ ކުރިން ސާވޭކޮށް، ބުރުގާ އަޅާމީހުންނަށް އެކަށީގެންވާ ވައްތަރުގެ "ފިޓްނަސް ކްލޯތިން" ބާޒާރުން ލިބޭތޯ ބަލާފައި ވާނެ އެވެ.

"އަޅުގަނޑުމެންނަށް ލިބުނު ޖަވާބުތަކުން ވަރަށް ބޮޑު ކަމެއް ހާމަވި. ގިނަ މީހުން ފިޓްނަސް ވެއާ ނުލިބޭތީ ގަންނަނީ ފިރިހެނުންގެ ސެކްޝަނުން. އެއީ ދޫކޮށް ހުންނަ ފިޓްނަސް ވެއާ ނުލިބޭތީ. ފިޓްނަސް ވެއާ ހޯދަން އެހާ އުނދަގުލުގައި އުޅޭކަށް ނުޖެހޭނެ،" އޭނާ ބުންޏެވެ.

ވެއިލްގެ ސްޕޯޓްސްވެއާ ކަލެކްޝަންގައި ހިމެނެނީ ޒިބު ލާފައި ހުންނަ، ކަސްރަތު ކުރާއިރު އުނދަގޫ ނުވާވަރަށް ދޫކޮށް ފަރުމާކޮށްފައިވާ ސްވެޓާ އާއި ހުޑީއެކެވެ. މީގެ އިތުރުން ވެއިލްގެ ސްކޫބާ ފޮތިން ތައްޔާރުކޮށްފައިވާ ބުރުގާ އަކީ ނުވެއްޓި ރީތިކޮށް ބޮލުގައި ހަރުލާފައި އިންނަ ގޮތަށް ފަރުމާކޮށްފައިވާ ބުރުގާއެކެވެ. މިހާރު ވެއިލްގެ އެކްޓިވްވެއާއެއް ލިބެނީ ކަސްޓަމަރުން އޯޑަރު ދިނުމުންނެވެ.

މި ކުންފުނިން އެކްޓިވްވެއާ ތައާރަފު ކުރުމުގެ ކުރިން "ކޫލް ޑްރައި ޝޯލް"ގެ ނަމުން ވަރަށް ތަފާތު ޝޯލެއް ނެރެފައިވެ އެވެ. އަޅައިގެން އުޅޭއިރު ދާހިއްލިޔަސް ފޮތިގަނޑު ނުތެމޭ އަދި ފިނި ކޮށްދޭ މި ޝޯލަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އުފެއްދުމެކެވެ. ވެއިލް ބްރޭންޑު ލޯންޗު ކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. ނަމަވެސް، މިހާތަނަށް އެ ކުންފުންޏަށް ލިބުނު ތާއީދު ވަރަށް ބޮޑެވެ.