އޮކްޓޫބަރު 7 ގެ ހަމަލާއާ ގުޅިގެން އިޒްރޭލު އަސްކަރިއްޔާގެ ވެރިޔާ އިސްތިއުފާ ދީފި
އޮކްޓޫބަރު 7 ގެ ހަމަލާއާ ގުޅިގެން އިޒްރޭލު އަސްކަރިއްޔާގެ ވެރިޔާ އިސްތިއުފާ ދީފި

ހަމާސް ޖަމާއަތުން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ވަރުގަދަ ހަމަލާ ނާކާމިޔާބުކޮށްލެވިފައި ނުވާތީ އިޒްރޭލު އަސްކަރިއްޔާގެ ވެރިޔާ އެކަމުގެ ޒިންމާ އުފުލުމުގެ ގޮތުން އިއްޔެ އިސްތިއުފާ ދީފި އެވެ.

ލެފްޓިނެންޓް ޖެނެރަލް ހަރްޒީ ހަލެވީގެ އިސްތިއުފާގެ ސިޓީ އަސްކަރިއްޔާއިން ހާމަކޮށްފައި ވާއިރު އޭގައި ބުނެފައިވަނީ، އިސްތިއުފާ ދެނީ އޮކްޓޫބަރު 7 ގެ ހަމަލާ އަކީ އަސްކަރިއްޔާ ފެއިލްވުމުގެ ސަބަބުން ދެވުނު ހަމަލާއެއް ކަމަށް އިއުތިރާފް ވެވިފައި ވާތީ، އެކަމުގެ މައްޗަށް ކަމަށެވެ.

އޭނާ ބުނީ އަސްކަރިއްޔާ ދޫކޮށް ދަނީ މުހިންމު ކާމިޔާބީތަކެއް ހާސިލްކުރެވިފައި ވަނިކޮށް ކަމަށާއި އެކަމަކު އަސްކަރިއްޔާއިން ހާސިލްކުރަން ބޭނުންވި ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްނުވާ ކަމަށެވެ.

"ހަނގުރާމައިގެ މަގްސަދު ހާސިލެއް ނުވެ އެވެ. ހަމާސް އާއި އެ ޖަމާއަތުގެ ހިންގުމުގެ ގާބިލްކަން ނައްތާލުމަށާއި، ރަހީނުން އަނބުރާ ގެންނަން އަސްކަރިއްޔާއިން އަދިވެސް މަސައްކަތްކުރަމުން ދާނެ" ކަމަށް ހަލޭވީ ބުނެފައިވެ އެވެ.

އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ވަނީ ހަލޭވީ އިސްތިއުފާ ދިނުމުން އެކަމަށް ތައުރީފުކޮށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް އެގޮތަށް އަމަލު ކުރުމަށް ގޮވާލައިފަ އެވެ.

"މިހާރު މިއޮތީ އެންމެން ޒިންމާ ނަގައި، އިސްތިއުފާ ދޭންވީ ވަގުތު - ބޮޑުވަޒީރާއި އޭނާގެ ހަލާކެއް ފަދަ މުޅި ސަރުކާރު."

އިޒްރޭލު އަސްކަރިއްޔާއިން ޣައްޒާގެ ކަންކަމަށް ހާއްސަކޮށްފައިވާ ކޮމާންޑުގެ ވެރިޔާ މޭޖާ ޖެނެރަލް ޔާރޮން ފިންކަލްމަން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ.

މި ދެ މީހުން އިސްތިއުފާ ދީފައި މި ވަނީ އިޒްރޭލަށް މުޅި ތާރީހުގައި ވެސް ދިން އެންމެ ނުރައްކާތެރި ހަމަލާއާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކަށް 15 މަސް ދުވަސް ފަހުން ހަމަލާތައް މެދުކަނޑާލި ވަގުތު އެވެ.

ހަލޭވީ ވަނީ މާޗް މަހުގެ ހަވަނަ ދުވަހު މަގާމުން ވަކިވާން ކުރިން އެދިފަ އެވެ. އެހާ ހިސާބަށް، އޮކްޓޯބަރު 7 ގެ ހާދިސާތަކުގެ ތަހުގީގުތައް ފުރިހަމަކޮށް ނިންމާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އޮކްޓޯބަރު 7، 2023 ގައި ފަލަސްތީނުގެ އެތައް ހާސް ހަނގުރާމަވެރިން ވަނީ ޣައްޒާއިން އިޒްރޭލުގެ ދެކުނުގެ ސަރަހައްދަށް ވަދެފަ އެވެ. އެ މީހުންގެ ހަމަލާގެ ސަބަބުން 1،210 މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް އިޒްރޭލުން ބުނެ އެވެ. އަދި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް 251 މީހުން ރަހީނުކޮށްގެން ވެސް ގެންދިޔަ އެވެ.

މިކަމުގެ ބަދަލު ހިފުމުގެ ނަމުގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް މެދުކަނޑާލި އިރު ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 46،000 އިން މައްޗަށް ވަނީ ގޮސްފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.