މިއީ އަދިވެސް ޅަ ޓީމެއް، ފެންވަރެއް ނޯޅޭ: ނިޒާމްބެ
މިއީ އަދިވެސް ޅަ ޓީމެއް، ފެންވަރެއް ނޯޅޭ: ނިޒާމްބެ

ބަންގްލަދޭޝްގެ ޝެއިހް ކަމާލް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން އޯވާ ކޮންފިޑެންސް ނުވާ ކަމަށާއި އެކަމަކު އެ ކާމިޔާބީގެ ސަބަބުން ކުޅުންތެރިން ތިބީ ހިތްވަރުގައި ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ނުކުންނަ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ބައިނަލްއަގްވާމީ ފަސް މެޗަށް ފަހު ރާއްޖޭގެ ލީގުގެ ފުރަތަމަ މެޗަށް ޓީސީ ނުކުންނައިރު ވެލެންސިއާ ވަނީ އޭއެފްސީ ކަޕުގައި ހަތަރު މެޗު އަދި ލީގުގައި އެއް މެޗު ކުޅެފަ އެވެ. އެ މެޗުން ގްރީން ސްޓްރީޓްސްއާ 1-1 އިން ވަނީ އެއްވަރުވެފަ އެވެ.

ނިޒާމްބެ ބުނީ ބަންގްލަދޭޝް މުބާރާތުގެ ކާމިޔާބީއާ އެކު ޓީސީގެ ރޭންކިން މަތިވެއްޖެ ކަމަށް ގަބޫލުނުކުރާ ކަމަށާއި މެނޭޖްމަންޓުން އަދި އޭނާ ވެސް ކުޅުންތެރިންނަށް ވިސްނައިދެނީ އެ ޓީމަކީ ލީގުގައި ވާދަކުރާ ދެ ވަނަ އަށް އެންމެ ޅަ ޓީމުގެ ގޮތުގައި ކަމަށެވެ.

"އެކަން ދެނެގަން އަދި ވެލެންސިއާ އަކީ ބޮޑު ހިސްޓަރީއެއް އޮތް ޓީމެއްކަން އެނގިގެން އަޅުގަނޑު މި މެޗަށް ނުކުންނަނީ. މިދިޔަ އަހަރުގެ ކުޅުމުގެ ފެންވަރަށް ބަލާއިރު ސަތޭކަ ޕަސެންޓް ޓީސީ އަކީ ރާއްޖޭގެ ދެ ވަނަ ކްލަބް. އެހެން ނަމަވެސް މިދިޔަ އަހަރު ކުޅުމާ މި އަހަރު އަޅާނުލިޔޭނެ. އަދި ބަންގްލަދޭޝް މުބާރާތުގައި ހޯދި ކާމިޔާބީން ވެސް ޓީސީގެ ފެންވަރު ވެސް ވަޒަނެއް ނުކުރޭނެ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ޓީސީ މިވަގުތު އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެކަމަކު އެންމެ ފަހުގެ ޕްރެކްޓިހަށް ބަލާއިރު ވެސް ކުޅުންތެރިން ތިބީ އޯވާ ކޮންފިޑެންޓްވެފައި ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ކުޅުންތެރިން ތިބީ ސީޒަން ފަށަން ކެތްމަތުވެފައި ކަމަށް އޭނާ ބުންޏެވެ.

"މިއީ ތަފާތު މެޗެއް. މިއީ ތަފާތު މުބާރާތެއް. މިއީ ޓީސީގެ އަސްލު ލަޅުދަނޑިއަކީ. ސީޒަން ރަނގަޅަށް ފަށަން ބަލާއިރު މިއީ ވަރަށް މުހިއްމު މެޗެއް. ފުރަތަމަ މެޗުގެ ތިން ޕޮއިންޓަކީ ކުޅުންތެރިންނަށް އިތުރު މޯޓިވޭޝަނެއް. ކުރިއަށް ހުރި މެޗުތަކަށް ލިބޭނެ ހިތްވަރެއް،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސްގެ މެޗު ބެލި ކަމަށާއި އެ މެޗުގައި ވެލެންސިއާ ފެނުނީ ވަރަށް އޯގަނައިޒްކޮށް ކަމަށެވެ. އަދި ބޭރުގެ މެޗުތަކަށް ފަހު ވެލެންސިއާގެ ފަރާތުން ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެނުނު ކަމަށާއި އެކަމަކު މި މެޗު އެއްގޮތަކަށް ވެސް ފަސޭހަވާނެ ކަމަށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.

ނިޒާމްބެ ބުނީ ލީގުގައި ބައެއް ޓީމުތަކުން އެއް މެޗު ނުވަތަ ދެ މެޗު ކުޅެފައި އޮތުމުން އެއީ އެ ޓީމުތަކަށް އެޑްވާންޓޭޖެއް ކަމަށާއި އޭގެ ސަބަބުން ރަނގަޅުކުރަން ޖެހޭ ކަންކަން ހުންނާނީ ފާހަގަވެފައި ކަމަށެވެ. ޓީސީން ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެފައިވީ ނަމަވެސް އެ މުބާރާތާ މި މުބާރާތާ ތަފާތުވުމުން ތައްޔާރުވާން ޖެހޭ ގޮތް ތަފާތު ކަމަށް ނިޒާމްބެ ފާހަގަކުރި އެވެ. އެކަމަކު އެ މުބާރާތާ އެކު ޓީސީގެ ކުޅުންތެރިން އިމްޕްރޫވްވެ އިތުބާރު ބޮޑުވެއްޖެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ޓީސީގެ ކުޅުނު ބޭރުގެ މުބާރާތާ މާލޭ ލީގުގެ ކޮންޑިޝަން ވަރަށް ތަފާތު ކަމަށާއި އެހެންވެ ޓީސީގެ ފެންވަރާ މެދު އެއްޗެކޭ ބުނަން ނޭގޭ ކަމަށެވެ.

"އެއްވެސް މެޗަކީ ފަސޭހަ ވާނެ މެޗެއް ނުވާނެ. ހުރިހާ ޓީމެއް ވަރަށް ބެލެންސްކޮށް ފެންނަނީ. އެކަމަކު އަޅުގަނޑަށް އޮތް ހިތްހަމަޖެހުމަކީ ޓީސީ އަކީ ރަނގަޅު ސްޓްރަކްޗާއަކަށް ކުޅޭ ޓީމަކަށް ވުން. ވެލެންސިއާ އަކީ ވެސް ރަނގަޅު ސްޓްރަކްޗާއެއް ބިލްޑްކޮށްގެން ކުޅޭ ޓީމެއް. އެފަދަ ދެ ޓީމެއް ކުޅޭއިރު ފުޓްބޯޅަ މެޗު ތަންކޮޅެއް ބަލާލަން ފަސޭހަ ވާނެ އަދި އެންޓެޓެއިނިން ފުޓްބޯޅައަކަށް ވުމުގެ ފުރުސަތު އޮންނާނެ ބެލުންތެރިންނަށް ވެސް،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ގްރީން ސްޓްރީޓްސް މެޗަށް ނުކުތީ މޮޅަކަށް ކަމަށާއި އެކަމަކު އެ މެޗު ދިޔަ ގޮތުން ޑްރޯއަކުން ފުއްދާލަން ޖެހުނަސް މި މެޗަށް ނުކުންނާނީ އެކަންކަން ރަނގަޅުކޮށްގެން އަނެއްކާ ވެސް މޮޅަކަށް ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް މެޗަކަށް ނުނުކުންނާނަން ދަށްވާކަށް. ނުވަތަ ޑްރޯކުރާކަށް. ވެލެންސިއާ ނުކުންނާނީ މޮޅުވާން. އެކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އެކަމަކު ބައެއް ފަހަރު މެޗަށް ނުކުތީމާ ހާލަތު ބަދަލުވޭ. މެޗު ފެށުނީމާ މެޗުގެ އޮއިވަރު ދާނުދާ ގޮތް އެނގޭނީ. އެ މެޗުގައި ކަންތައް ދިޔަ ގޮތުން އެ މެޗުގެ ރިޒަލްޓް ގޯހެއް ނޫން. އެ މެޗުން އެއް ޕޮއިންޓުން ފުއްދާލަން ޖެހޭ. އެކަމަކު މި މެޗަކީ މުޅިން ތަފާތު މެޗެއް. ނުކުންނަނީ ގޯސްކޮށް ހުރި ކަންކަން ރަނގަޅުކޮށްގެން. ހުރިހާ މެޗެއް އެއްގޮތަކަށް ނުދާނެ،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ބަންގްލަދޭޝް މުބާރާތަށް ފަހު ޓީސީ ފޯމުގައި އޮވެދާނެ ކަމަށާއި އެކަމަކު ފުޓްބޯޅައަކީ ތަފާތުކޮށް އެނބުރޭ އެއްޗަކަށް ވުމުން އޭގެ އިދިކޮޅަށް ވެސް ވެދާނެ ކަމަށެވެ. ޓީސީ އޮތް ހާލަތަކާ މެދު ވެލެންސިއާ އިން ކަންބޮޑުނުވާ ކަމަށާއި ވެލެންސިއާ ނުކުންނާނީ ޓީސީ އަށް އިހުތިރާމްކޮށްގެން އެ ޓީމު ބަލިކުރަން ކަމަށް އޭނާ ބުންޏެވެ.