20 ޖެނުއަރީ 2025 - 23:36

އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވައި ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.

މަގާމުގެ ހުވާ ކުރައްވައި، އެމެރިކާގެ ވެރިކަމަށް ޓްރަމްޕް އެނބުރި ވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވެފަ އެވެ.
"މުޅި ދުނިޔެ ބިރުވެރިކަމާއި ހަލަބޮލިކަމުގެ ތެރޭގައި އޮތް އިރު، މަނިކުފާނަށް ވިސްނުމާއި ހިކުމަތްތެރިކަމަށް އެދެން،" ރައީސް ވިދާޅުވި އެވެ.
އަދި ޓްރަމްޕްގެ ވެރިކަމުގައި، ރާއްޖެ އާއި އެމެރިކާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ފުޅާވެ، އިތުރު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޓްރަމްޕަކީ، 1890 ވަނަ އަހަރުގެ ފަހުން، ރިޔާސީ އިންތިހާބަކުން ނާކާމިޔާބުވެވަޑައިގެންނެވުމަށް ފަހު، ދެވަނަ ދައުރަކަށް ރައީސްކަމުގެ ހުވާކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.
ޓްރަމްޕް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސުންނާއި ތިން ބާރުގެ ވެރިންނާއި، ބޮޑެތި މަހުޖަނުންނާއި، ބައެއް ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ހުވާ ކުރެއްވުމަށް ފަހު، ޓްރަމްޕް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ކެމްޕޭނު ތެރޭގައި ވައުދުވެވަޑައިގެންނެވި ގޮތަށް، އެމެރިކާގެ މަސްހަލަތު އިސްކުރުމުގެ ސިޔާސަތުގެ ތެރެއިން، ގައުމު އާރާސްތުކުރުމުގެ މަސައްކަތް މި ފެށުނީ ކަމަށެވެ.
މި ވަގުތުން ފެށިގެން އެމެރިކާގެ ބޯޑަރުތައް ހިމާޔަތްކޮށް، ގައުމުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބޭރު ގައުމުތަކުގެ "ކުށްވެރިން" ބޭރުކުރުމުގެ ފެއްޓެވީ ކަމަށް ޓްރަމްޕް އިއުލާނު ކުރެއްވި އެވެ.
"ޖެނުއަރީ 20، 2025 އަކީ އެމެރިކާއަށް މިނިވަންކަން ލިބުނު ދުވަސް،" ޓްރަމްޕް އިއުލާނުކުރެއްވި އެވެ.