"ރައްޔިތުންގެ އަޒުމަށް ބަދަލެއް ނާދޭ، ޣައްޒާ އާރާސްތުކުރާނެ"
"ރައްޔިތުންގެ އަޒުމަށް ބަދަލެއް ނާދޭ، ޣައްޒާ އާރާސްތުކުރާނެ"

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ބިމާ ހަމަކޮށްލާފައި ވިޔަސް އެތަން އާރާސްތުކޮށް ރައްޔިތުންގެ ވަރުގަދަ އަމާޒުމާ އެކު އިހު އޮތް ގޮތަށް ރުޖޫއަވާނެ ކަމަށް ހަމާސް ޖަމާއަތުން އިއްޔެ ބުނެފި އެވެ.

ހަމަލާތައް ހުއްޓާލުމަށް އިޒްރޭލާ އެކު ވީ އެއްބަސްވުމުގެ ދެ ވަނަ ދުވަހު ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ ޣައްޒާގެ ރައްޔިތުން އަދިވެސް ތިބީ އިސްތިއުމާރީންނާ ދެކޮޅަށް ކަމަށާއި އެ މީހުން ބަލިކުރެވެންދެން ތިބޭނީ އެގޮތުގައި ކަމަށެވެ.

"އިސްތިއުމާރީން ފަނާކުރި ޣައްޒާ، އެތަނުގެ ހިތްވަރުގަދަ ރައްޔިތުން އަލުން ބިނާކުރާނެ. އިސްތިއުމާރީން ބަލިކުރެވެންދެން ރައްޔިތުންގެ އަމުޒަށް ބަދަލެއް ނާންނާނެ،" ހަމާސްގެ ބަޔާނުގައިވެ އެވެ.

"މި ހޭދަވި 471 ދުވަހުގެ ތެރޭގައި، ނިޒާމީ ގޮތެއްގައި އިސްތިއުމާރީން ހިންގި ޖަރީމާތަކުން ވެސް، ރައްޔިތުން އަމިއްލަ ވަޒަނުގެ ދިފާއުގައި ތެދުވުމުގެ ހިތްވަރު ބަލިކޮށްލުމުގައި ވަނީ ނާކާމިޔާބުވެފައި."

ޣައްޒާގައި ހަމަލާތައް ފެށުނީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކެއްގައި 1،210 މީހުން މަރާލުމާ އެކުގަ އެވެ. މިކަމުގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން 46،913 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.

ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމުގެ ފުރަތަމަ 42 ދުވަހުގެ ފުރަތަމަ މަރުހަލާގައި އިއްޔެ ވަނީ ހަމާސް އިން ރަހީނުކުރި އިޒްރޭލު ތިން މީހަކު މިނިވަންކޮށްފަ އެވެ. އެ މީހުންގެ ބަދަލުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 90 މީހަކު މިިނިވަންކޮށްފަ އެވެ. -- އޭއެފްޕީ