20 ޖެނުއަރީ 2025 - 13:54

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އއ. އަތޮޅުގެ ފައިނަލަށް ތޮއްޑޫ އާއި އެންމެ ފަހުގެ ޗެމްޕިއަން މަތިވެރި ދަތުރުކޮށްފި އެވެ.
މަތިވެރި ވަނީ ރޭގެ ސެމީ ފައިނަލްގައި 3-0 އިން ރަސްދޫ ބަލިކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ބޮޑުފޮޅުދޫ ވަނީ ޕެނަލްޓީ ޖަހައިގެން ތޮއްޑޫ އަތުން ބަލިވެފަ އެވެ. މި މެޗުގައި ޕެނަލްޓީ ޖެހީ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީ ޝޫޓައުޓްގައި ތޮއްޑޫގެ ކީޕަރު އަބްދުﷲ ރިޔާސްގެ ސޭވްތަކާ އެކު ކާމިޔާބުކުރީ 3-1 އިންނެވެ.
މަތިވެރި އާއި ތޮއްޑޫ ބައްދަލުކުރާ އއ. އަތޮޅު ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 7 ޖަހާއިރެވެ.
އދ. އަތޮޅުގެ ގުރޫޕް ސްޓޭޖު ރޭ ނިމި، ސެމީ ފައިނަލަށް ޓީމުތައް ވަނީ ހޮވިފަ އެވެ. ދެ މެޗު ކާމިޔާބުކުރި ދަނގެއްޗަށް ގުރޫޕް އޭގެ އެއް ވަނަ ޔަގީން ވެފައި ވާއިރު، ދެ ވަނަ ހޯދީ 3-0 އިން ހަންޏާމީދޫ ބަލިކުރި ކުނބުރުދޫ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން މަހިބަދޫ ވަނީ 4-1 އިން އޮމަދޫ ބަލިކޮށް ގުރޫޕް ބީގެ އެއް ވަނަ ހޯދައިފަ އެވެ. މިއާ އެކު ދެ މެޗުން ވެސް ބަލިވެ އޮމަދޫ އަށް މުބާރާތް ނިމުނު އިރު، ދެވަނަ ލިބުނީ ތިން ޕޮއިންޓް ލިބުނު މަންދޫ އަށެވެ.
ސެމީ ފައިނަލްގައި ދަނގެއްޗާއި މަންދޫ ބައްދަލުކުރާ މެޗާއި މަހިބަދޫ އަދި ކުނބުރުދޫ ބައްދަލުކުރާ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރޭ 10 ޖަހާއިރެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 10 ޖަހާއިރެވެ.
ވ. އަތޮޅުގެ އެންމެ ފަހުވެ ޗެމްޕިއަން ކެޔޮދޫ ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި 3-1 އިން ފުލިދޫ ބަލިކޮށްފަ އެވެ. ކެޔޮދޫން ޖެހި ތިން ގޯލު ވެސް ޖަހައިދިނީ އަހުމަދު ރަޝީދު (އަންމަޑޭ) އެވެ.
މިއާ އެކު ފުލިދޫ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 1-0 އިން ފެލިދޫ އަތުން ބަލިވެފަ އެވެ.
ތިން ޓީމު ވާދަކުރާ މި އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާނީ ކެޔޮދޫ އާއި ފެލިދޫ އެވެ. އަދި އަންނަ އާދިއްތަ ދުވަހުގެ ރޭ 8 ޖަހާއިރު ކުޅޭ މި އަތޮޅުގެ ފައިނަލްގައި ވެސް ވާދަކުރާނީ މި ދެ ޓީމެވެ.
ހަތަރު ޓީމު ހިމެނޭ ޅ. އަތޮޅު ކުޅުން ރޭ ފެށި އިރު، ރޭ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން ކުރެންދޫ ވަނީ 1-1 އިން އޮޅުވެލިފުއްޓާ އެއްވަރު ވެފަ އެވެ.
ހިންނަވަރާއި ނައިފަރު ބައްދަލުކުރި މެޗު ނިމުނީ 4-4 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި ނައިފަރުގެ އިބްރާޙިމް ޝަރީފް މުހައްމަދު ވަނީ ހެޓްރިކް ހަދައިފަ އެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ، އެންމެ ރަނގަޅު ދެ ޓީމުގެ މެދުގައި މި އަތޮޅުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ.
އިއްޔެ ހަވީރު ކުޅުނު ކ. އަތޮޅުގެ މެޗުތަކަށް ބަލައިލާއިރު، ގުރޫޕް އޭގައި މާފުށިން ވަނީ 3-2 އިން ދިއްފުށި ބަލިކޮށްފަ އެވެ.
ފުރަތަމަ މެޗުގައި މާފުށިން ވަނީ ވަގުގަދަ ގާފަރު އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. އަދި ދިއްފުށިން ވަނީ ބޮޑު ތަފާތަކުން ހިންމަފުށީގެ މައްޗަށް ކުރި ހޯދައިފަ އެވެ. ހިންމަފުށީ ވަނީ އިއްޔެ ގާފަރު އަތުން ބަލިވެފަ އެެވެ. މި މެޗުގައި ގާފަރުގެ ޝަނާން ރަޝާދާއި ސަނީމް ޝަމާއިލް ވަނީ ހެޓްރިކް ހަދައިފަ އެވެ.
މިވަގުތު މި ގުރޫޕްގެ އެއް ވަނައިގައި އޮތް ގާފަރާއި މާފުއްޓަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ދިއްފުއްޓަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގުރޫޕްގެ ފަހު މެޗުގައި ގާފަރާއި ދިއްފުށި ބައްދަލުކުރާއިރު، މާފުށި ނުކުންނާނީ ހިންމަފުއްޓާ ދެކޮޅަށެވެ.
ގުރޫޕް ބީގެ އެއް ވަނައިގައި މިވަގުތު އޮތް ކާށިދޫ އާއި ދެ ވަނައިގައި އޮތް ގުރައިދުއަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މި ދެ ޓީމު މިދިޔަ އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރި މެޗު ވަނީ އެއްވަރު ވެފަ އެވެ. ގުޅި އަށް ތިން ޕޮއިންޓް ލިބިފައި ވާއިރު، ތުލުސްދޫ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
ތުލުސްދޫ އިއްޔެ ބަލިވީ ކާށިދޫއާ ވާދަކޮށް 5-1 އިންނެވެ. ގުރައިދޫ ވަނީ 3-2 އިން ގުޅި ބަލިކޮށްފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަދު ހަވީރު ށ. އަތޮޅުގެ ސެމީ ފައިނަލްގެ ދެ މެޗު ކުޅޭނެ އެވެ. އެގޮތުން ގްރައުންޑް 1 ގައި ކުޅޭނީ މިލަންދޫ އާއި ނަރުދޫ އެވެ. އަދި ގްރައުންޑް 2 ގައި ކުޅޭނީ ބިލެތްފަހި އާއި ކަނޑިތީމެވެ.
އެއަށް ފަހު ނ. އަތޮޅުގެ މެޗެއް ވެސް ހަވީރު ކުޅޭނެ އެވެ. މިރޭ ކުޅޭނީ ދ. އަތޮޅުގެ މެޗަކާއި ގދ. އަތޮޅާއި ސ. އަދި ފ. އަތޮޅުގެ މެޗުތަކެކެވެ.