14 ޖޫން 2016 - 03:32

ޕެރިސް (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަޔަލެންޑާއި ސްވިޑަން ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ދެ ޓީމު ވެސް ގްރޫޕްގެ ފުރަތަމަ މެޗު ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މި މެޗު އެއްވަރުވުމުން މި ދެ ޓީމު މިހާތަނަށް ކުޅުނު 11 މެޗުގެ ތެެރެއިން ތިން މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. މިއީ މި ދެ ޓީމު ބައިނަލްއަގްވާމީ މުބާރާތެއްގައި ބައްދަލުކުރި ފުރަތަމަ ފަހަރެވެ.
މެޗު ފެށިގެން ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކީ އަޔަލެންޑުންނެވެ. އެ ޓީމުން ފޮނުވާލި ބައެއް ހަަމަލާތަށް ސްވިޑަންގެ ކީޕަރު އަންދްރެސް އައިސެކްސަން ވަނީ މަތަކޮށްފަ އެވެެ. މި ގޮތުން ސްވިޑަން އޭރިއާ ތެރެއިން ޖެފް ހެންޑްރިކްސް ފޮނުވާލި ބޯޅަ އާއި ރޮބަޓް ބްރެޑީގެ ހަމަލާ އޭނާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފްގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަޔަލެންޑްގެ ކެޕްޓަން ޖޯން އޯޝެއާ އަށެވެ. މެޗުގެ 17 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން ކިއެރަން ކްލާކް ބޮލުން ދިން ބޯޅަ ސްވިޑަން ގޯލު ކުރިމަތީހުރި އޯޝެއާ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ.
މި ހާފްގައި އަޔަލަންޑަށް ލީޑު ނަގައިދިނުމާ އެންމެ ގާތަށް ޖެހިލީ މެޗުގެ 30 ވަނަ މިނިޓްގައި ހެންޑްރިކްސް އެވެ. ހެންޑްރިކްސް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސްވިޑަން އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެ ޓީމުގެ ކެޕްޓަން ޒަލަޓަން އިބްރަހިމޮވިޗް ހިފެހެއްޓުމަށް އަޔަލެންޑް ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ސްވިޑަން ސިއްސުވާލުމަށް ފަހު އަޔަލެންޑުން ލީޑު ނެގި އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްދިނީ ނޯވިޗް ސިޓީގެ މިޑްފީލްޑަރު ވެސް ހޫލަހާން އެވެ. ސީމަސް ކޯލްމަން އަރިމަތިން ނަގައިދިން ހުރަހަކުން ހޫލަހާން އެއް ފަހަރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ކަނަށެވެ.
އަޔަލެންޑް ލީޑު ނެގިތާ ދެ މިނިޓް ފަހުން ސްވިޑަންގެ އެމިލް ފޯސްބާގަށް ވަނީ އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އަޔަލެންޑް އޭރިއާ ތެެރެއިން ފޯސްބާގް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗުގެ 68 ވަނަ މިނިޓްގައި އަޔަލެންޑް އޭރިއާ ތެެރެއިން އިބްރަހިމޮވިޗް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ސްވިޑަން އެއްވަރުކުރީ މެޗުގެ 71 ވަނަ މިނިޓްގައި އަޔަލެންޑުގެ ކިއެރަން ކްލާކް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑަކީ އިބްރަހިމޮވިޗް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކްލާކް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ ފަހު 15 މިނިޓްގައި ދެ ޓީމުން ވެސް ލަނޑު ޖަހަން އިތުރު ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކުރިނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.