10 މާޗް 2017 - 11:43

ލަންޑަން (މާޗް 10) - އާސެނަލްގެ ކޯޗު އާސެން ވެންގާ މި ސީޒަނަށް ފަހު އެ ޓީމުގައި ބެހެއްޓުމާ މެދު އެ ކްލަބުން ގޮތެއް ނިންމާއިރު ސަޕޯޓަރުން ދެކޭ ގޮތް ވެސް ބަލާނެ ކަމަށް އޭނާ ބުނެފި އެވެ.
މި ސީޒަނަށް ފަހު ވެންގާ އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު ފާއިތުވި މެޗުތަކުގައި އެ ޓީމުގެ ފަރާތުން ނުކުތް ނަތީޖާތަކުގެ ސަބަބުން އާސެނަލް ސަޕޯޓަރުން އަންނަނީ ވެންގާގެ އިސްތިއުފާ އަށް ގޮވަމުންނެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ލިވަޕޫލް އަތުން ބަލިވިއިރު، ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން ވަނީ 5-1 އިން ބަލިވެފަ އެވެ.
ވެންގާ ބުނީ ކްލަބްގައި މަޑުކުރުމާ މެދު އޭނާގެ ވިސްނުން ކުރިން ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.
"ކްލަބްގައި މަޑުކުރުމާ މެދު އަހަރެންގެ ވިސްނުން ވާނީ ކުރިން ހިއްސާކޮށްފައި. ސަޕޯޓަރުން އަހަރެން މި ޓީމުން ދާން ބޭނުންނަމަ އެ ކަމަށް އަހަރެން ވެސް މި ކްލަބުގެ ބޯޑުން ވެސް ބަލާނެ،" ވެންގާ ބުންޏެވެ. "އަހަރެން ފާއިތުވި 20 އަހަރު މަސައްކަތް ކުރީ ސަޕޯޓަރުންގެ ވެސް އުފަަލަށްޓަކައި ބަލިވާނަމަ ސަޕޯޓަރުން ހިތްހަމައެއް ނުޖެހޭނެ."
ވެންގާ ބުނީ އޭނާ އަކީ އަމިއްލަ އަށް ޕްރޮމޯޓްވާން މަސައްކަތް ކުރާ ކޯޗެއް ނޫން ކަމަށާއި އަބަދުވެސް އިސްކުރާނީ ކްލަބްގެ މަސްލަހަތު ކަމަށެވެ.
އާސެނަލްގެ ކޯޗުކަމުގެ މަގާމުގައި އަންނަ ސީޒަނުގައި ވެންގާ ނުހުންނާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. އަދި އާސެނަލްގެ ކުރީގެ ކުޅުންތެރިން ވެސް އަންނަނީ މިއީ ވެންގާގެ ފަހު ސީޒަން ކަމަށް ބުނަމުންނެވެ.
މިކަމާ ގުޅޭގޮތުން ދާދިފަހުން އާސެނަލްގެ ޗެއާމަން ޗިޕް ކެސްވިކް ވިދާޅުވީ ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން ވަކިގޮތެއް އަދި ނިންމާފައިނުވާ ކަމަށެވެ.
"ކްލަބް މި ވަގުތު އޮތް ހާލަތު އަހަރެމެން މިދަނީ ވަރަށް ގާތުން ބަލަމުން. މި ސީޒަނުގެ ނިޔަލަށް ވެންގާގެ ކޮންޓްރެެކްޓެއް އެބައޮތް. ރަނގަޅު ވަގުތު ޖެހުމުން މި ކްލަބްގެ ފައިދާ އަށް އެންމެ ރަނގަޅު ނިންމުމެއް ނިންމާނަން،" ކެސްވިކް ވިދާޅުވި އެވެ.