24 ޖެނުއަރީ 2025 - 10:31

ކާމިނީޕޫލް ހަސަން މަނިކޭ ބުނެފި ނަމަ ގިނަ ބައެއްގެ ހަނދާނަށް އަންނާނީ ދިވެހި ފުޓްބޯޅައިގެ ރަން މާޒީ އެވެ. އޭނާ އަކީ އޭރުގެ އެންމެ ކާމިޔާބު އެއް ކްލަބް، ނިއު ރޭޑިއަންޓުގެ އެއް ހިންގުންތެރިޔާ އެވެ. އެކަމަކު މިހާރު އޭނާ ބޮޑަށް ހަރަކާތްތެރިވަނީ ފުޓްބޯޅައިގެ ކުރިމަގަށް ރަނގަޅު ޖީލެއް ބިނާކުރެއްވުމުގެ މަސައްކަތުގަ އެވެ. ހަސަން މަނިކުގެ ރައީސްކަމުގެ ދަށުން ހިންގާ އެމް އެސް ސޮކާ މޭޓްސްއަކީ، ރާއްޖޭގެ މިހާރުގެ އެންމެ ވަރުގަދަ އެއް އެކަޑަމީ އެވެ. އެ އެކަޑަމީގެ އެންމެ ބޮޑު އެއް ތަފާތަކީ ކުދިންގެ ބެލެނެވެރިންގެ ބައިވެރިވުން ހޯދުމެވެ.

ގިނަ ކުޅިވަރު އެކަޑަމީތަކުން ބެލެނިވެރިންނަށް ދޭ ހަމައެކަނި ހައިސިއްޔަތަކީ ހަރަދުކުރާ ބައެއްގެ ގޮތުގައި ބޭތިއްބުމެވެ. ކުދިން ތަމްރީނުތަކަށް ގެންގޮސް ގެނައި ހަދާ ބައެއްގެ ގޮތުގައި ބޭތިއްބުމެވެ. އަދި ހަމައެއާ އެކު، ބޭރުގެ މުބާރާތްތަކަށް ދަތުރުކުރާއިރު ކުރަން ޖެހޭ ހަރަދު ދޭ ބައެއްގެ ގޮތުގައި ބޭތިއްބުން ވެސް މެ އެވެ.

އެކަމަކު އެކަން ބަދަލުވާ މަންޒަރު ފެނިއްޖެ އެވެ؛ އެމް އެސް ސޮކާ މޭޓްސް އިން މިހާރު ކުރިއަށްގެންދާ ދިވެހި ޔޫތު ލީގަކީ، އެ އެކަޑަމީގައި ކުޅޭ ކުދިންތަކެއްގެ ބައްޕައިންގެ އިސް ނެގުމެކެވެ. އިބްރާހިމް ނަޝީދާއި ސޮފްވާން ޝަމީމާއި ހަސަން ނަވާޒް އާދަމްގެ އިތުރުން އަހްމަދު ނަވާޒްގެ ބުރަ މަސައްކަތެވެ.

އެމް އެސް ސޮކާ މޭޓްސްގެ ކުޑައިގެ ދަށުން މުބާރާތް ކުރިއަށްގެންދިޔަ ނަމަވެސް، މުބާރާތުގެ ހުރިހާ ކްރެޑިޓެއް ހަސަން މަނިކު ދެއްވަނީ މި ބެލެނިވެރިންނަށެވެ. އެފްއޭއެމާ ވެސް ގުޅިގެން ކުރިއަށްގެންދާ މުބާރާތުގައި މެދުވެރިއަކަށްވީ އެމް އެސް މޭޓްސް އެވެ. ފެސިލިޓޭޓަރުންނަކީ މި ބެލެނިވެރިންނެވެ. މުބާރާތުގެ އިންތިޒާމުކޮމިޓީގެ މެޖޯރިޓީއަކީ ވެސް ބެލެނިވެރިންގެ މި ޓީމެވެ.

"މިއީ ހަމަ މި ބޭފުޅުންގެ މަސައްކަތެއް. މި ކްރެޑިޓް ހައްގު ވަނީ ހަމަ މި ބޭފުޅުންނަށް،" ހެންވޭރު ދަނޑުގައި ބޭއްވި މިޑިއާ ސެޝަންގައި އޭނާގެ ދެ ފަރާތުގައި ތިއްބެވި ބެލެނިވެރިންނަށް އިޝާރާތް ކުރައްވައި ހަސަން މަނިކު ވިދާޅުވި އެވެ.

ތައިލެންޑާއި މެލޭޝިއާގައި ބާއްވާ މުބާރާތްތަކަށް ދިވެހި އެކަޑަމީތައް ދަތުރުކުރާތާ ގާތްގަނޑަކަށް ހަތް އަހަރު ވެއްޖެ އެވެ. އެކަމަކު އެކަށީގެންވާ ކުރިއެރުމެއް ދިވެހި ޓީމުތަކަށް ނުލިބެ އެވެ. ދިވެހި ކުޅުންތެރިންގެ އިންޑަވިޖުއަލް ހުނަރު މޮޅެވެ. އެކަމަކު ޓީމެއްގެ ސިފައި ވަކި ގޮތަކަށް ބައްޓަންކޮށްގެން ގޭމެއް ކުޅެން އެކަޑަމީ ޓީމުތަކަށް އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ.

އެ ގައުމުތަކަށް ގޮސް ތަކުރާރުކޮށް އެއް ޓީމުތަކާ ކުޅޭތީ، އެ ގައުމުތަކުގެ ޓީމުތަކަށް އަންނަމުން ދިޔަ ކުރިއެރުން މި ބެލެނިވެރިންގެ ޓީމަށް ފާހަގަ ކުރެވުނެވެ. އެކަމަކު އެ ގައުމުތަކުގެ ކުޅުންތެރިންނާ މިނެކިރާ އިރު ދިވެހި ކުޅުންތެރިންގެ ކުރިއެރުން ދަށެވެ. އެ ގައުމުތަކުގެ އެކަޑަމީތަކުގެ ކުޅުންތެރިން ހޯދަމުން ދިޔަ ކުރިއެރުތަކުގެ ސަބަބަކީ އަހަރު ތެރޭގައި ކުޅޭ މުބާރާތްތަކުގެ އަދަދު އިތުރުވުމެވެ. އެއާ ހިލާފަށް ރާއްޖޭގައި އަހަރެއްގެ ތެރޭގައި މުބާރާތެއްގެ ސިފައިގައި ކުޅުންތެރިންނަށް ކުޅެލާނެ ގިނަ މެޗުތަކެއް ނުލިބެ އެވެ.

އެކަން ބަދަލުކޮށްލަން ނުކުތީ މި ބައްޕައިންނެވެ. މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ދިވެހި ޔޫތު ލީގު އުފައްދައި ބާއްވަން އިސް ނެގީ މި ބެލެނިވެރިންނެވެ. އެ މީހުންގެ ދަރިން ވެސް ފުޓްބޯޅަ އެކަޑަމީތަކުގައި ތަމްރީނު ހަދާތީ، ހަމައެކަނި އެކަޑަމީތަކަށް ފީ ދައްކާ ބަޔަކަށް މި ބަފައިން ބޭނުމެއް ނުވި އެވެ.
މުބާތާތުގެ އިންތިޒާމު ކޮމިޓީގެ މެންބަރުކަން ކުރައްވާ އިބްރާހިމް ނަޝީދު ބުނީ އެކަޑަމީ މުބާރާތްތަކަށް ތައިލެންޑާއި މެލޭޝިއާ އަށް ދަރިފުޅު ވެސް ހިމެނޭ ޓީމާ އެކު ކުރި ދަތުރުތަކުގައި، އެ ގައުމުތަކުގެ ޓީމުތަކުގެ އިސް އޮފިޝަލުންނާ އެކު ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށެވެ. އެ ވާހަކަތަކުން ލިބުނު ހިޔާލުތަކުގެ މައްޗަށް ބިނާކޮށް މެދުނުކެނޑި އަހަރުން އަހަރަށް، ސީޒަނަކަށް ފަހު ސީޒަނެއް ގޮތަށް ކުރިއަށްދާ މުބާރާތްތަކެއް ބާއްވަން ޖެހޭކަމަށް އޭނާ އާއި ބެލެނިވެރިންގެ މި ޓީމުގެ އެހެން މެންބަރުންނަށް ވެސް ވިސްނުނު ކަމަށް އޭނާ ބުންޏެވެ.
މުޅި އަހަރު ޕްރެކްޓިސް ކުރުން ފިޔަވައި މާ ބޮޑު އެހެން ކަމެއް ރާއްޖޭގެ ފަސްގަނޑުގައި އެކަޑަމީތަކުގެ ކުޅުންތެރިންނަކަށް ނެތެވެ. އޮންނަނީ އެފްއޭއެމުން ބާއްވާ ކުރު މުބާރާތަކާއި އަމިއްލަ ފަރާތަކުން ދެ ދުވަހުގެ މުައްދަތަކަށް ބާއްވާލާ މުބާރާތެކެވެ. އެކަޑަމީތަކުގެ ކުޅުންތެރިން ވާދަކުރާނެ ދާއިމީ މުބާރާތެއް ނެތެވެ. ރާއްޖޭގައި ފުރުސަތުތައް މަދީ އެވެ. ފެންވަރު ވަޒަންކޮށްލާނެ ރަނގަޅު މުބާރާތެއް ރާއްޖޭގައި ނެތެވެ. އެކަން ބަދަލުވާން ޖެހެ އެވެ. ފުޓްބޯޅައިގެ އާ ޖީލެއް ތައްޔާރުކުރުމުގެ މަސައްކަތަށް ބޭނުން ވަނީ ފުރުސަތާއި ވަސީލަތެވެ. މިވަގުތު އެފްއޭއެމްގެ ހާލަތު އޮތް ގޮތުން އެ ވަރުގެ މުބާރާތެއް ބޭއްވޭނެ ވަރުގެ ހަކަތައެއް އެ އެސޯސިއޭޝަނުގައި ނެތެވެ.
އެކަމަކު ފުޓްބޯޅައިގެ އަންނަ ޖީލާ މެދު ނުވިސްނާ ތިބެވޭކަށް ނޯންނާނެ އެވެ. ކޮންމެވެސް ބަޔަކު އެކަން ކުރަން ޖެހެ އެވެ. ހާލަތު ބަދަލުކުރަން އަމިއްލަ ގޮތުން ނުކުތީ ދަނޑުބޭރުގައި ސަޕޯޓަރުންގެ ގޮތުގައި ތިބި މި ބެލެނިވެރިންނެވެ.
"އަޅުގަނޑުމެންނަށް ވިސްނުނީ އެކަން ބަދަލުވާން ޖެހޭނެ ކަމަށް،" އައިޓީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ނަޝީދު ބުންޏެވެ.
އޭނާ ބުނީ މުބާރާތުގެ ހިޔާލު އެމް އެސް މޭޓްސްއާ ހަމައަށް ގެންދިއުމުގެ ކުރިން، ތައިލެންޑާއި މެލޭޝިއާ އަދި ސިންގަޕޫރުގެ ކޮންސެޕްޓް ދިރާސާކުރުމަށް ވެސް ވަގުތަކެއް ހޭދަ ކުރި ކަމަށެވެ. މުބާރާތުގެ ހިޔާލު ކުލަ ޖެއްސުމުގެ ކުރިން ބެންޗުމާކަކަށް ބެލީ އެ ގައުމުތަކުގެ ޑޮމެސްޓިކް ޔޫތު މުބާރާތްތަކެވެ.
"އަޅުގަނޑުމެންގެ ދިވެހި ޓީމުތައް [ތައިލެންޑާއި މާލޭޝިއާގެ މުބާރާތްތަކުގައި] ގިނައިން މި ކުޅެނީ އެއް ޓީމުތަކަކާ އެއްކޮށްވީމަ އަޅުގަނޑުމެންނަށް ފެނުނު އެ ކުޅުންތެރިންގެ ކުޅުމަށް އަންނަމުން ދިޔަ ކުރިއެރުން. ހަގީގަތުގައި އެ ކުރިއެރުން އަންނަނީ ވާދަކުރާނެ ރަނގަޅު ފެންވަރުގެ މުބާރާތްތަކެއް [އެ ގައުމުތަކުގައި] ބާއްވާތީ،" ނަޝީދު ބުންޏެވެ.
ރާއްޖޭގައި އާންމުކޮށް ބާއްވާ މުބާރާތްތަކަށް ޑިޖިޓަލް ނިޒާމެއް ގެންނަނީ މުބާރާތް ބާއްވާތާ އަހަރުތަކެއް ފަހުންނެވެ. އެކަމަކު ދިވެހި ޔޫތު ލީގު، ވުޖޫދު ކުރީ އެ ހުރިހާ ސިސްޓަމަކާ އެކު އެވެ.
މެޗުތަކުގެ ލައިވް ސްކޯ އާއި ލައިވް އަޕްޑޭޓް ވެސް ވަގުތުން ގެނެސްދިނުމަށް ހެދި ޕްލެޓްފޯމަކީ، އައިޓީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އަލަށް ފަށާ މުބާރާތެއްގައި މިހާތަނަށް ނުފެންނަ ވަރުގެ ސިސްޓަމެކެވެ. ޓީމު ލިސްޓް ހުށަހެޅުމާއި ކުޅުންތެރިންގެ ރަޖިސްޓްރޭޝަން ފަށައިގަތީ ވެސް ޑިޖިޓަލް ނިޒާމަކުންނެވެ. އަދި ދަނޑުމަތީގައި ކުޅުންތެރިން ދުވި މިންވަރު ދައްކުވައިދޭ "ހީޓްމެޕް" ގެ ޑޭޓާބޭސް ނެގޭނެ ސިސްޓަމެއް އެކުލަވާލި އެވެ.
ރާއްޖޭގެ ކުޅިވަރުގައި ކުޅުންތެރިންގެ ޑޭޓާބޭސް ނެގުމަށް ބޭނުން ކުރާ އެންމެ ފެންވަރު ރަނގަޅު ކެމެރާ ވެސް ބޭނުން ކުރަނީ ދިވެހި ޔޫތު ލީގުގަ އެވެ. އެ މަސައްކަތަށް އާޓިފިޝަލް އިންޓެލިޖެންސް ކެމެރާއެއް ވެސް ވަނީ ގެނެސްފަ އެވެ. "ވީއީއޯ ކެމް3" އަކީ ފުޓްބޯޅަ އެނަލިސްސް އަށް ހާއްސަ ކެމެރާއެކެވެ. ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ޕްރެކްޓިސްގައި ކުޅުންތެރިން ބޯޅައިގައި ޓަޗް ކުރާ އަދަދާއި މުޅި ގޭމް ގައި ޕާސް ކުރާ އަދަދު ދެނެގަތުމަށް ވެސް މި ކެމެރާ ބޭނުން ކުރެ އެވެ. މިވަރުގެ ސިސްޓަމެއް ރާއްޖޭގައި ބޭނުން ކުރާ ފުރަތަމަ މުބާރާތަކީ ދިވެހި ޔޫތު ލީގެވެ.
މުބާރާތަށް ބޭނުންވާ ޑިޖިޓަލް ސިސްޓަމް އެކުލަވާލުމުގެ ފަހަތުގައި ހުރި ނަޝީދެވެ. މުބާރާތުގެ މަސައްކަތް މި ޓީމުން ބަހާލީ އެކި ބެލެނިވެރިންނަށް އެކި މަސައްކަތެވެ. މުބާރާތުގެ ކޮމާޝަލް މަސައްކަތާ ހަވާލުވީ ސޮފްވާން ޝަމީމެވެ. މުބާރާތުގެ އޮޕަރޭޝަން މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވާނީ އަހްމަދު ނަވާޒެވެ. ސޯޝަލް މީޑިއާ އާއި ޕްރޮމޯޝަންގެ މަސައްކަތް އިސްވެ ހަވާލުވެ ކުރަނީ ހަސަން ނަވާޒް އާދަމް އެވެ.
"މިއީ ހަތަރު ކަހަލަ [ވައްތަރުގެ] ހަތަރު މީހުން،" ސޮފްވާން ބުންޏެވެ.
ނަޝީދު ބުނީ ޑިޖިޓަލައިޒޭޝަންގެ މަސައްކަތް އޭނާގެ ބެލުމުގެދަށުން ކުރިޔަސް، އެއީ މުބާރާތުގެ އިންތިޒާމު ކޮމިޓީގެ އެހެން މެންބަރުންގެ ހިޔާލާއި މަޝްވަރާ ކަމަށެވެ.
"ޑިޖިޓަލް ސިސްޓަމެއް ޑިވެލޮޕް ކުރަން ވަރަށް ގިނަ ރިސާޗްތަކެއް ހެދިން. ބޭރުގެ މުބާރާތްތަކަށް ބޭނުންކުރާ މިކަހަލަ ސިސްޓަމްތައް ހުންނަނީ ކިހިނެއްތޯ. ސިސްޓަމްގައި ހުންނަ ކްރައިޓީރިއާތައް ހަމަކުރުމުގެ އިތުރަށް ޔޫޒާ ފްރެންޑްލީ އެއްޗަކަށް ހެދުމަށް މަސައްކަތް ކޮށްފައި ވާނެ،" ނަޝީދު ބުންޏެވެ.
އެ ހުރިހާ މަސައްކަތެއް ނަޝީދުގެ ބެލުމުގެދަށުން ކުރީ އެއްވެސް އަގަކާނުލަ އެވެ. އޭނާ ލަފާ ކުރިގޮތުގައި އެ މަސައްކަތް އައިޓީ ދާއިރާގެ ބާޒާރުގެ އަގުން ކުރި ނަމަ ގާތްގަނޑަކަށް 400،000 ރުފިޔާ ހަރަދުވާނެ އެވެ.
ކޮންމެވެސް ދުވަހަކުން ބެލެނިވެރިންގެ މި ޓީމުން މުބާރާތުން އަތް ދޫކޮށްލާނެ ދުވަހެއް އަތުވެދާނެ އެވެ. އެ މީހުންގެ ދަރިން ޔޫތު ކެރިއާ އަށް ފަހު ސީނިއާ ކެރިއާ ފަށާ ދުވަހަކުން، މުބާރާތަށް ދެން ވާނެ ގޮތަކާ މެދު ސުވާލު އުފައްދަފާނެ މީހަކު ވެސް ހުރެދާނެ އެވެ. އެހެންވެ، ރާއްޖޭގެ ޔޫތު ފުޓްބޯޅައިގެ އެންމެ ބޮޑު ލީގު މެދުނުކެނޑި ކުރިއަށްގެންދާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭނެއް ބެލެނިވެރިންގެ ޓީމުން ވަނީ އެކުލަވާލައިފަ އެވެ.
ސޮފްވާން ބުނީ މުބާރާތް އިއުލާންކޮށް ފެށީ ވެސް އެ ހުރިހާ ކަމެއް ޕޭލޭންކޮށް ރާވައިގެން ކަމަށެވެ. އެ ޓީމުން މިހާރު ވަނީ ވިލާ ކޮލެޖާ އެކު ސްޓްރެޓެޖިކް އެއްބަސްވުމަކަށް ގޮސްފަ އެވެ. މުބާރާތް މެދުނުކެނޑި ކުރިއަށްގެންދާނެ ދެމެހެއްޓެނިވި ހައްލެއް އޮތީ ޕްލޭންކޮށް އަމަލުކުރަން ފަށައިފަ އެވެ.
އުމުރުފުރާތަކުގެ ފުޓްބޯޅަ ކުޅޭ ހުރިހާ ކުޅުންތެރިންނަކީ ކެރިއާއެއްގެ ގޮތުގައި ވެސް ފުޓްބޯޅަ ކުޅެން އިހްތިޔާރު ކުރާނެ ބަޔަކަށް ނުވެ އެވެ. ދުނިޔޭގެ ހުރިހާ ތަނެގައިވެސް ޖޫނިއާ ފުޓްބޯޅައިގައި ކަންކަން ހިނގަނީ އެގޮތަށެވެ. އެކަމަކު އެ ކުދިންނަކީ ކޮންމެވެސް ސިފައެއްގައި ފުޓްބޯޅައިގެ މަސައްކަތުގައި ޝާމިލު ކުރެވޭނެ ޒިންމާދާރު ކުދިންނަށް، ފުޓްބޯޅައިގެ މަރުހަލާތަކުގެ ތެރެއިން ހަދައި ދެ އެވެ.
ދިވެހި ޔޫތު ލީގުގެ އިންތިޒާމު ކޮމިޓީން ވިލާ ކޮލެޖާ އެކު ހެދި އެއްބަސްވުމުގެ ބޭނުމަކީ އެއީ ކަމަށް ސޮފްވާން ބުންޏެވެ. މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަށް އިތުރު ދާއިރާތަކުގެ ތަމްރީނު ދޭން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އޭނާ ބުންޏެވެ.
"މެނޭޖްމެންޓް ސްކިލްސް. ފުޓްބޯޅަ ޖާނަލިސްޓުން. އަދި ފުޓްބޯޅަ ކޮމަންޓޭޓަރުން ތަމްރީނު ކުރަން ވެސް އަޅުގަނޑުމެން ވިލާ ކޮލެޖާ އެކު މިހާރު ވާހަކަ ދެކެވިފައި އޮންނާނީ،" ސޮފްވާން ބުންޏެވެ.
"މިސާލަކަށް މެނޭޖްމެންޓް ސްކިލްސްގެ ތަމްރީނުތައް ފުރިހަމަކުރާ ކުދިންގެ ތެރެއިން ފިއުޗާގައި އަންނާނީ މުބާރާތް އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރާނެ ކުދިން. މި ކޮންސެޕްޓް އޮތް ގޮތުން އަޅުގަނޑުމެންނަށް ފެންނަނީ ހަމަ ކޮންޓިނިޔުސްކޮށް ސީޒަނަކަށް ފަހު ސީޒަނެއް މި މުބާރާތް ކުރިއަށްދާނެތަން."
އެމްއެސް މޭޓްސްގެ އެގްޒެކެޓިވް ކޮމިޓީގެ މޭޒާ ހަމައަށް މުބާރާތް ގެންދަން ބެލެނިވެރިންގެ ޓީމުން ނިންމީ އަމިއްލަ ގޮތުން މުބާރާތްތަކެއް މީގެ ކުރިން ވެސް އިންތިޒާމުކޮށްފައި ވާތީ އެވެ. އެމް އެސް މޭޓްސްގެ ތަޖުރިބާ ދިވެހި ޔޫތު ލީގާ ހިއްސާވުމުން މުބާރާތުގެ ފެންވަރު ދަމަހައްޓަން ފަސޭހަވެގެން ދިޔަ ކަމަށް މުބާރާތުގެ އިންތިޒާމު ކޮމިޓީގެ މެންބަރު ސޮފްވާން ޝަމީމް ބުންޏެވެ.
އެމް އެސް މޭޓްސްގެ ހަރަކާތްތެރިޔާ އަބްދުﷲ އާމިރު (އައްލޯ) އާއި އަހްމަދު ޝަރީފްގެ (މާޑޭ) ގެ ހިއްސާ މުބާރާތް ރޭވުމުގައި މުހިންމުކަން ހަސަން ވެސް ފާހަގަ ކުރި އެވެ.
ރެފްރީންނާއި މެޗު އޮފިޝަލުންނަށް ވެސް ގަވާއިދުން ދުވަހުން ދުވަހަށް ފައިސާ ދެވި ދެން އިތުރު ޝަކުވާއެއް މުބާރާތާ މެދު ނާންނާނެ ވަރަށް އިންތިޒާމުތައް އޮތީ ފުރިހަމަކޮށްފަ އެވެ.
"ޗެއާއަކަށް އަޅުގަނޑު ހުއްޓަސް ވަކި ކަމެއް ވަކިގޮތަކަށް ކުރާކަށް އަޅުގަނޑު ނުބުނަން. ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި ތިބީ ވެސް އެކަމަށް އެންމެ އެކަށޭނެ މީހުން. މިސާލަކަށް އައްލޯ އަކީ މުބާރާތް އިންތިޒާމުތަކާއި ގަވާއިދުތަކަށް ފަރިތަ މީހެއް. މާޑޭއަކީ ފީލްޑަށް ފައިބައިގެން ކުރަންޖެހޭ މަސައްކަތްތައް ދެން އެވަރުގެ ދެ ވަނައެއް ނެތް މީހެއް. މި މީހުންނާ ކަމެއް ހަވާލުކޮށްފަ ދެން އަޅުގަނޑާ ހަމައަށް އަންނައިރު ގެރެންޓީ އޮވޭ ވަރަށް ފުރިހަމަކޮށް ނިންމާފަ އޮންނާނެކަން،" އެމްއެސް މޭޓްސްގެ އެންމެ ހަރަކާތްތެރި ދެ މެންބަރުންނާ ބެހޭގޮތުން ހަސަން މަނިކު ވިދާޅުވި އެވެ.
ބެލެނިވެރިންގެ ޓީމުން މިހާރު ވަނީ އަންނަ ސީޒަނަށް މުބާރާތް އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަށް ފަށައިފަ އެވެ. ފުޓްބޯޅައިގެ އާ ވިސްނުމާއި ޒަމާނީ ޓެކްނޮލޮޖީ އާއި ރަށްޓެހި މުބާރާތެއް ފުރަތަމަ ސީޒަނުން ވެސް ފެނިގެން ހިނގައްޖެ އެވެ. ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ޑޭޓާ އެއްކުރެވި ދެން ފުރިހަމަކުރަން ޖެހޭ ކަންކަމަށް ފަރުވާތެރި ވާނެ އެވެ. އަންނަ ސީޒަނަށް އަދި މާބޮޑަށް ވެސް ފުރިހަމަވާނެ ކަމުގެ ޔަގީންކަން އެމް އެސް މޭޓްސްއާ ގުޅިފައި ތިބި ބެލެނިވެރިންގެ ޓީމުން ދެ އެވެ.