އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 230 ގައިދީއަކު ގައުމުން ބޭރުކޮށްލާނެ
އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 230 ގައިދީއަކު ގައުމުން ބޭރުކޮށްލާނެ

ޣައްޒާގައި ހަމަލާތައް ހުއްޓާލަން ހެދި އެއްބަސްވުމަކަށް އަމަލުކުރަން ފަށައި އެއްބަޔަކު އަަނެއް ބައެއްގެ ގައިދީން މިނިވަންކުރަން ފަށާފައި ވާއިރު އިޒްރޭލުން ދޫކޮށްލާ ފަލަސްތީނު މީހުންގެ ތެރެއިން 230 އަށް ވުރެ ގިނަ މީހުން ގައުމުން ބޭރުގައި އުޅެން މަޖުބޫރުވާނެ އެވެ.

އާދީއްތަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި އިޒްރޭލުން މިނިވަންކުރާނެ ކަމަށް ބުނާ ފަލަސްތީނުގެ 737 ގައިދީންގެ ތެރެއިން 734 މީހެއްގެ ނަން ވަނީ އާންމުކޮށްފަ އެވެ.

އެ ލިސްޓުގައިވާ ގޮތުން އިޒްރޭލާ ދެކޮޅަށް ނުރައްކާތެރި ހަމަލާތަކެއް ދިނުމުގައި ނުވަތަ އެފަދަ ހަމަލާތަކުގައި ބައިވެރިވުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ 230 އަށް ވުރެ ގިނަ ގައިދީން ދާއިމީކޮށް ގައުމުން ބޭރުކުރަން ޖެހެ އެވެ.

ހަމާސްއިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއައަށް ފަހު އިޒްރޭލުން ހައްޔަރުކުރި ފަލަސްތީނުގެ އިތުރު 1،000 އަށްވުރެ ގިނަ މީހުން ވެސް އެއްބަސްވުން ތަންފީޒުކުރަން ފަށާތާ ފުރަތަމަ 42 ދުވަހުގެ ތެރޭގައި ދޫކޮށްލަން ޖެހެ އެވެ.

ޣައްޒާގައި 15 މަހަށް ވުރެ ގިނަ ދުވަސް ވަންދެން ހިނގަމުން ދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގަތަރާއި މިސްރާއި އެމެރިކާ މެދުވެރިޔަކަށް ވެގެން ހެދި އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދެއްކި ހަމާސްގެ ދެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި އުމުރަށް ޖަލަށް ލާފައިވާ، ފަލަސްތީނުގެ 296 މީހަކު މީހަކު އިޒްރޭލުން މިނިވަންކުރާނެ އެވެ. މީގެ ތެރެއިން 236 މީހުންނަކީ ޖަލުން ދޫކޮށްލުމާ އެކު ގައުމުން ބޭރަށް ގެންދާނެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ގެންދަނީ ގަތަރާއި މިސްރަށް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި، ޣައްޒާގައި ބަންދުކޮށްފައިވާ އިޒްރޭލުގެ 33 މީހުންގެ ބަދަލުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 1900 މީހުން މިނިވަންކުރަން ނިންމާފައިވެ އެވެ. މި އެއްބަސްވުމުގެ ދަށުން އާދީއްތަ ދުވަހު ވަނީ ތިން އަންހެނަކު ހަމާސް އިން މިނިވަންކޮށްފަ އެވެ.