10 މާޗް 2017 - 06:31

އިމާރާތެއްގެ ތިން ވަނަ ބުރިން ވެއްޓޭ މީހުންގެ ތެރެއިން ސަލާމަތްވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއް ބައި މީހުންނެވެ. އަދި 10 ވަނަ ބުރިން ވެއްޓިއްޖެ ނަމަ ސަލާމަތް ވުމުގެ ފުރުސަތެއް ނެތް ކަމަށް ބަލާށެވެ. އެކަމަކު މިއީ އިމާރާތެއްގެ 47 ވަނަ ބުރިން ވެއްޓި ސަލާމަތްވެފައި ހުރި މީހެއްގެ ވާހަކަ އެވެ.
އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އިމާރާތަކުން ވެއްޓުނު އަލްސިޑޭސް މޮރޭނިއޯ އަކީ އިމާރާތްތަކުގެ ބިއްލޫރިތައް ސާފުކުރުމުގެ މަސައްކަތްކުރާ މީހެވެ. މޮރޭނިއޯ ވެއްޓުނީ އޭނާގެ ކޮއްކޮއާ އެކު، މަތީ ފެންވަރުގެ އިމާރާތެއް ކަމަށްވާ ސޯލޯ ޓަވަރުގައި ބިއްލޫރި ސާފުކުރަން އުޅެނިކޮށް، ޑިސެމްބަރު 7، 2007 ގަ އެވެ.
ބިއްލޫރި ސާފުކުރަން ދެބެން އަރާ ތިބި ލިފްޓް އެންމެ މައްޗަށް ހުރީ އުފުލައިފަ އެވެ. ވަރަށް ފިނަ ގަދަ އެވެ. އެ މީހުން އަރާ ތިބި، 16 ފޫޓު ފުޅާ ޕްލެޓްފޯމް ހަރުކޮށްފައި އިން ކޭބަލް ކައްސާލި އެވެ.
"އެންމެ ފުރަތަމަ ކޭބަލް ނެއްޓުނީ ވާތްފަރާތުން. އެއީ ކޮއްކޮ ހުރި ފަރާތް. އޭނާ އެ ހުރި ދިމާލުން ގޮސް އެންމެ ތިރިއަށް ވެއްޓުނީ،" މޮރޭނިއޯ ކިޔައިދިނެވެ.
އޭނާ 472 ފޫޓު މަތިން ވެއްޓި ބިމުގައި ޖެހުނީ ގަޑިއަކު 120 މޭލު ބާރުމިނުގައި ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ. އޭނާ ވެއްޓުނީ ދަގަނޑުތަކެއްގެ ތެރެއަށެވެ. ސަލާމަތެއް ނުވި އެވެ. މޮރޭނިއޯ ވެއްޓި ޖެހުނީ ލަކުޑި ފެންސެއްގެ މައްޗަށެވެ. މިއިން އެއްވެސް މީހަކު ސަލާމަތީ ގޮތުން ބޭނުންކުރަންޖެހޭ އާލާތެއް ބޭނުންކޮށްފައެއް ނުވެ އެވެ.
މޮރޭނިއޯ އޮތީ "ރޫޅިފައި" ކަމަށް، އޭނާއަށް އެހީތެރިވި ފަޔަފައިޓަރުން ބުންޏެވެ. އެހެންވެ "ނާޒުކު ބިހެއް" ނަގާ ގޮތަށް މަޑުމަޑުން ނެގި ކަމަށާއި ނުބައި ގޮތަކަށް ބާރެއް ލެވުނަސް މޮރޭނިއޯގެ ފުރާނަ ދާނެ ކަމަށް ފަޔަފައިޓަރުން ބުންޏެވެ.
ކައިރި ހޮސްޕިޓަލަކަށް މޮރޭނިއޯ ގެންގޮސް ކޯމާއެއްގައި ބޭއްވި އެވެ. އޭނާގެ ސިކުނޑި އާއި މައިބަދަ އާއި މެޔަށާއި ބަނޑަށާއި އަރިކަށި އަދި ފައިގެ ކަށިތަކަށް ވެސް ބޮޑެތި ގެއްލުންތައް ވެފައި ހުއްޓެވެ. އޭނާގެ އެތައް ބައިވަރު އޮޕަރޭޝަނެއް ކުރި އެވެ. އަދި 24 ޕައިންޓުގެ ލޭ އެޅި އެވެ.
މޮރޭނިއޯ އަށް ފަރުވާކުރި ޑޮކްޓަރުން އޭރު ނޫސްވެރިންނަށް ބުނި ގޮތުގައި މޮރޭނިއޯ ސަލާމަތްވެ ފަރުވާއިން ރަނގަޅުވުމަކީ ހަމަ އަޖައިބެކެވެ.
"ހަތަރު ވަނަ ބުރިން ވެއްޓޭ މީހަކު ސަލާމަތްވުމަށް ވެސް މި އޮންނަނީ ވަރަށް ހަނި ފުރުސަތެއް،" ނިއޔ ޔޯކްގެ ފަޔަ ޑިޕާޓްމަންޓުން ވާހަކަ ދެއްކެވި ޑރ. ގްލެން އަސައިޑާ ވިދާޅުވި އެވެ.
މޮރޭނިއޯ ކޯމާގައި އޮންނަތާ ތިން ހަފުތާ ފަހުން ހޭއެރި އެވެ. އޭރު އޭނާގެ ކައިރީގައި އަނބިމީހާ ރޮޒާރިއޯ ހުއްޓެވެ.
އޭނާ ސަލާމަތްވި ގޮތާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކަ އެވެ. ވެއްޓުނުއިރު ވެސް ތިބީ އަރާ ތިބި ޕްލެޓްފޯމް މަތީގައި ކަމަށާއި ވައި އަޅާފައި އެ ޕްލެޓްފޯމް މަޑުން ވެއްޓުނީ ކަމަށް އެއްބަޔަކު ބުނެ އެވެ. އަނެއް ބަޔަކު ބުނަނީ ވެއްޓެން އަންނަނިކޮށް އެއްޗެއްގައި ހިފުނީ ކަމަށާއި އޭގެ ފަހުން މަޑުމަޑުން ވެއްޓުނީ ކަމަށެވެ.
އިކުއެޑޯއިން އެމެރިކާއަށް ހިޖުރަކޮށްގެން އުޅޭ މޮރޭނިއޯ ބުނީ އޭނާ ސަލާމަތްވިޔަސް ކޮއްކޮ ގެއްލުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ގެއްލުނީ ހުރިހާ ކަމެއްގައި އަބަދުވެސް އެންމެ އެހީތެރިވެދޭ މީހާ ކަމަށާއި އެ ހިތާމަ އަދިވެސް ކުރާ ކަމަށް ބުންޏެވެ.
ވެއްޓިގެން ލިބުނު ގެއްލުންތަކަށް މާލީ ބަދަލު ލިބުނެވެ. އަދި މޮރޭނިއޯ ވަނީ ހޫނު ސަރަހައްދަކަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ލަކުނުން ފުރިފައިވާ ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސަ އެވެ. އެހެންވެ އޭނާއަށް ރަނގަޅީ ހޫނެވެ. އޭނާ ބުނީ އަދިވެސް ކަށިތަކަށް ތަދުވާނީ ނުދުވެވޭ ކަމަށާއި އެކަމަކު ހިނގޭ ކަމަށެވެ. މަސައްކަތްކުރެވޭ ވަރު ވާއިރަށް އަލުން ބިއްލޫރި ސާފުކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ކަމަސް ބުންޏެވެ.