19 ޖެނުއަރީ 2025 - 14:21

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އިމިގްރޭޝަނާ ހަވާލުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ މުހައްމަދު އާރިފު މިއާ ކަމަށެވެ.
އޭނާ ޑީޕޯޓްކުރަން ނިންމީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ އާ ގުޅުން ހުރި ކަމަށް ބެލެވޭ ތަނެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ފެނުނު މައްސަލައެއްގަ އެވެ. އެތަނުން 1.05 ގްރާމުގެ މަސްތުވާތަކެއްޗާއި 92 ބަނގުރާ ފުޅި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެތަކެތި އަތުލައިގަތީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުމާއި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުނު ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އިން ހިންގި އޮޕަރޭޝަނެއްގަ އެވެ.