10 މާޗް 2017 - 01:22

ރޮސްޓޯވް (މާޗް 10) – ޔުރޮޕާ ލީގުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ރަޝިއާގެ އެފްސީ ރޮސްޓޯވް އިން އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުކޮށްފި އެވެ.
މި މެޗު އެއްވަރުވިޔަސް ޔުނައިޓެޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރަށުން ބޭރުގައި ލަނޑެއް ޖެހުމެވެ. އެހެންވެ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ އޯލްޑް ޓްރެފޯޑުގައި ކުޅޭ ލެގު ލަނޑެއް ނުޖެހި އެއްވަރުވިޔަސް ޔުނައިޓެޑަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
މިރޭގެ މެޗު ކުޅުނު ރޮސްޓޯވްގެ ސްޓޭޑިއަމް ކަމަށްވާ އޮލިމްޕް-2 ސްޓޭޑިއަމުގެ ވިނަގަނޑު ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުން ކުޅެން އުނދަގޫވި އެވެ. މެޗުގެ ކުރިން ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މިރޭގެ މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ 35 ވަނަ މިނެޓުގައި ހެންރިކް މިކިތާރްޔަން އެވެ. މިއީ ޒަލަޓާން އިބްރަހިމޮވިޗް ތަނަވަސްކުރި ފުރުސަތަކުން މިކިތާރްޔަން ޖެހި ގޯލެކެވެ. ރޮސްޓޯވުން އެއްވަރުކުރީ 53 ވަނަ މިނެޓުގައި އަލެކްސެންޑާ ބުހަރޯފް ޖެހި ގޯލުންނެވެ.
މި މެޗުގައި ޔުނައިޓެޑުގެ ޕައުލް ޕޮގްބާ އަދި އިބްރަހިމޮވިޗަށް ވަނީ ފުރުސަތުތައް ލިބި ބޭނުން ނުހިފިފަ އެވެ. ޔުނައިޓެޑުގެ ގޯލް ޖެހި މިކިތާރްޔަން ބުނީ ވިނަގަނޑުގެ ސަބަބުން ދެ ޓީމަށް ވެސް އުނދަގޫވި ކަމަށާއި ބެލުންތެރިންނަށް ވެސް ރީތި މެޗެއް ފެނިގެންނުދާ ކަމަށެވެ.
"އަހަރެމެން މޮޅުވާން މަސައްކަތްކުރިން. މި ދަނޑުގައި ކުޅެވޭނެ އެންމެ ރަނގަޅަކަށް ކުޅުނިން،" އޭނާ ބުންޏެވެ.