19 ޖެނުއަރީ 2025 - 11:34

ހުޅުމާލޭގެ އެކި ސަރަަހައްދުތަކުން ރޭ ކަރަންޓު ކެނޑުނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ފްލެޓްތައް ހެދުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގައި ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ރޭ 11:00 ހާއިރު ކަރަންޓު ކެނޑުނީ ހިޔާ ފްލެޓުގެ 9 ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރާ ހަމައަށެވެ. އަދި އެމްޕީއެލްގެ ފްލެޓްތަކާއި ހުޅުމާލެ ފޭސް އެކެއްގެ އެކި ސަރަހައްދުތަކުން ވެސް ކަރަންޓު ކެނޑުނެވެ.
އެ މައްސަލާގައި ސްޓެލްކޯ އިން ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓުގެ މައްސަލަ ދިމާވީ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެގެން ކަަމަށެވެ.
ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑި އާންމުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްވުމުގެ ގޮތުން، ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ސަމާލުވާން އެދިފަ އެވެ.
ކަރަންޓް ކެނޑުނު ޓަވަރުތަކަށް ރޭ 12:15 ހާއިރު ސްޓެލްކޯ އިން ވަނީ ކަރަންޓް ދީފަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު ދިނީ ހުޅުމާލެ 1 ގެ ތިން ޓްރާންސްފޯމަރެއް އެނަޖައިޒްކޮށްގެންނެވެ.