ހަ މިލިއަން ހޭދަކޮށްގެން ކުރިއަރުވަންވީ ރެފްރީން: އާތީ
ހަ މިލިއަން ހޭދަކޮށްގެން ކުރިއަރުވަންވީ ރެފްރީން: އާތީ

ތިން މިލިއަން ރުފިޔާ ދޭންވީ ކްލަބްތަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ހަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ރެފްރީން ކުރިއަރުވަން ޖެހޭ ކަމަށް ޔުުނައިޓެޑް ވިކްޓަރީގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނެފި އެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓް އަތުން 3-0 އިން ބަލިވި މެޗަށް ފަހު އާތީ ވަނީ ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ކުޅުމުގެ ވާހަކައިގެ ކުރިން ދައްކަން އޮތީ ރެފްރީންގެ ވާހަކަ. ތިން މިލިއަން ކްލަބްތަކަށް ނޫން ކަންނޭގެ ހަރަދުކުރަންވީ. ތިން މިލިއަން ކްލަބްތަކަށް ހަރަދުކުރުމުގައި ބަދަލުގައި ހަ މިލިއަން ރެފްރީނަން ހަރަދުކޮށްގެން އެ މީހުން ކަންނޭގެ ޑިވެލޮޕްކުރަންވީ،" ކުންފުނިތައް މެދުވެރިކޮށް އެފްއޭއެމުން ކްލަބްތަކަށް ދޭން ނިންމާފައިވާ ފައިސާގެ އެހީއަށް ނިސްބަތްކޮށް އާތީ ބުންޏެވެ.

މިއަދުގެ ރެފްރީ ޒައީމް އަލީގެ ފަރާތުން ފެނިގެން ދިޔަ ކަންކަމުގެ ތަފްސީލެއް ދޭން އެދުމުން އާތީ ބުނީ އެއީ އެހާ މުހިއްމު ކަމެއް ނޫން ކަމަށާއި މެޗު އިތުރަށް ބަލައިގެން އެކަން ކުރަން ޖެހޭނީ ނޫސްވެރިން ކަމަށެވެ. ބެލެވޭ ގޮތުގައި އާތީ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ދެ ވަނަ ހާފުގެ ކުރީކޮޅު ނިއުގެ އިން ޖެހި ގޯލާ މެދު އެވެ. އެ ގޯލް ނިއުގެ އެޑްރިއަން ގަލާޑޯ ޖެހީ، ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ސެންޓޭ ދިން ބޯޅައަކުންނެވެ. ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔާ އަތުން ސެންޓޭ ބޯޅަ ހޯދީ ފައުލްކޮށްފައި ކަމަށް ބުނެ އެ ޓީމުން އެޕީލްކުރި އެެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ނިއުގެ ޖަޕާން މިޑްފީލްޑަރު އޮގާވާ ކެއިސޫކޭ އަށް ރަތްކާޑެއް ދެއްކިއިރު ނިއުގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް ވެސް ވަނީ ރެފްރީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަރެން ރެފްރީންނަށް އިހުތިރާމްކުރަން. މިއަދުގެ ރެފްރީ ގޯހެކޭ ވެސް ނުބުނަން. އެކަމަކު ރެފްރީން އެބަޖެހޭ ބަލައި ދިރާސާކުރަން ރަނގަޅުކުރަންވީ ކަންތައްތައް. އަހަރެމެން ވެސް މެޗަށް ފަހު ހެދޭ ގޯސްތައް ބަލައި އެކަންކަން ރަނގަޅުކުރަން. ރެފްރީންނަށް ވެސް އެގޮތަށް ކުރިއެރުން ހޯދޭނެ،" ޓަވަރޭސް ބުންޏެވެ.

އޭނާ ވަނީ ޖަޕާން ކުޅުންތެރިޔާ އަށް ދެއްކި ކާޑާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ. އެކަމަކު ޓަވަރޭސް ބުނީ ދެ ވަނަ ހާފުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ނިއު އިން މެޗުގެ ކޮންޓްރޯލް ނަގައި ދެ ލަނޑު ޖެހުމުން އެ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސްއާ މެދު ސުވާލު އުފެއްދެން ނެތް ކަމަށެވެ.

"ކުރީ ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުގެ ފިޓްނަސްއާ ބެހޭގޮތުން ސުވާލެއް އަމާޒުވި. އެއަށް ރަނގަޅު ޖަވާބެއް މިއަދު ދިނީ. އެކަކު މަދުކޮށް ކުޅެ ގޭމް ކޮންޓްރޯލްކޮށްގެން އަހަރެމެން ކުޅުނީ،" ޓަވަރޭސް ބުންޏެވެ.

ޓަވަރޭސް ބުނީ ފުރަތަމަ ހާފުގައި ވަރަށް ހޫނު ކަމަށާއި އޭގެ ސަބަބުން ގޭމުގެ ހަލުވިކަން ކުޑަވި ކަމަށާއި އެއާ އެކު ޔުނައިޓެޑް ވިކްޓަރީން ވަރަށް ބޮޑަށް ގޭމް ހުއްޓުވައި ލަސްކޮށްގެން ކުޅުމުން އުނދަގޫތައް ވެސް ކުރިމަތިވި ކަމަށެވެ.

"ދެ ވަނަ ހާފުގައި އިންޓެންސިޓީ ގެނައި ޓީމުން. ދެ ވަނަ ހާފުގައި އިތުރަށް ފުރުސަތު ލިބުނު އަދި ތިން ގޯލް ޖެހިން،" ޓަވަރޭސް ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އާތީ ބުނީ އީގަލްސް އަތުން 2-0 އިން ބަލިވި މެޗާ ބަލާއިރު ފިޒިކަލީ ރަނގަޅު ކަމަށާއި އަދި ކުޅުންތެރިންގެ މަަސައްކަތު ރޭޓް ރަނގަޅު ކަމަށެވެ. އަދި ނިއު ފަދަ ގިނަ ދުވަހު ޕްރެކްޓިސްކޮށްފައި އޮތް ޓީމަކާ ދެކޮޅަށް މަދު ޕްރެކްޓިސްތަކަށް ފަހު ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ކުޅުންތެރިން ދެއްކި ހިތްވަރަށް ޝުކުރުއަދާކުރާ ކަމަށެވެ.

ދެ ވަނަ ހާފުގައި ނިއުގެ އެކަކު މަދުވުމުގެ ފައިދާ ނުނެގުނީ ކީއްވެތޯ އެހުމުން އާތީ ބުނީ ރެފްރީގެ ނިންމުމަކާ ގުޅިގެން ގޯލެއް ވަދެ، ކުޅުންތެރިންގެ މޯޓިވޭޝަން ދަށްވެފައި އޮވެ އަދި ފިޓްނަސް ލެވެލް ވެސް ދަކޮށް އޮތުމުން އިދިކޮޅު ޓީމުން އެކަކު މަދުވުމުން އޭގެ މާބޮޑު ފައިދާއެއް ނެތް ކަމަށެވެ.