19 ޖެނުއަރީ 2025 - 05:50

ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި އިޒްރޭލުގެ 33 ރަހީނުންގެ ބަދަލުގައި ފަލަސްތީނުގެ 1،890 އަށް ވުރެ ގިނަ ގައިދީން ދޫކޮށްލަން ނިންމާފައިވާ ކަމަށް މިސްރުން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ގައިދީން މިނިވަންކުރާނީ އާދީއްތަ ދުވަހު ޖީއެމްޓީ ގަޑިން 06:30 ގައި ފެށުމަށް ހަމަޖެހިފައިވާ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ، 42 ދުވަހުގެ މަރުހަލާގައި ކަމަށެވެ.
މިސްރާއި އެމެރިކާއާ އެކު މި އެއްބަސްވުމުގެ މެދުވެރިއެއްގެ ބައި އަދާކުރި ގަތަރުން ވަނީ ފުރަތަމަ ފިޔަވަހީގައި، ޣައްޒާގައި ތިބި އިޒްރޭލުގެ ރަހީނުންގެ ތެރެއިން 33 މީހުން ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ފަލަސްތީނުގެ 737 ގައިދީންނާއި ހުކުމެއް ނެތި ބަންދުކޮށްފައި ތިބި މީހުން މިނިވަން ކުރާނެ ކަމަށެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި ރަހީނުކުރި 251 މީހުންގެ ތެރެއިން 94 މީހުން އަދިވެސް ތިބީ ޣައްޒާގައި ކަމަށާއި އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.
އާދީއްތަ ދުވަހު ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ވާއިރު 15 މަސް ދުވަހުގެ ހަމަލާތަކުގައި 50،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ޣައްޒާ އޮތީ ބިމާ ހަމަވެފަ އެވެ.
މި އެއްބަސްވުމަށް އަމަލުކުރަން މި ފަށަނީ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމާ ދިމާކޮށެވެ.
މިސްރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މެދުވެރިއެއްގެ ދައުރު އަދާކުރި ގަތަރަށް ޝުކުރު އަދާކޮށް، "މި މައްސަލަ ނިމުމަކަށް ގެނައުމަށް ރައީސް ޓްރަމްޕް އިސްވެ ހުންނަވައި އެމެރިކާގެ އާ ސަރުކާރުން އަދާކުރި މުހިންމު ދައުރަށް" ތައުރީފުކޮށްފަ އެވެ. އަދި މިހާރުގެ ރައީސް ޖޯ ބައިޑަން ވެސް އަދާކުރެއްވި މުހިންމު ދައުރަށް ޝުކުރު އަދާކޮށްފައިވެ އެވެ.