ކަޅު ހަރުފަ
ކަޅު ހަރުފަ

(ބުދަ ދުވަހާ ގުޅޭ)

ރާއިދުގެ ނަމުން ގޮވަން ނަޖާތުގެ ތުންފަތް އިއުތިރާޒު ކުރިއެވެ.

"މާ ކުރިން ވެސް އެނގޭ ތިހެން ކަން ވާނީ،" ހިތްހަމަ ނުޖެހިފައި ރާއިދު އިނގިރޭސިން ބުންޏެވެ. "އެންމެ ރަނގަޅު. އަހަރެން ދެކެ ލޯބިވޭތަ؟ އެ ވަރު ބުނެވެން ޖެހޭނެ."

"ވެޔޭ!" ނަޖާތު ބުންޏެވެ. "އެކަމަކު، ބޭބެއެއް ބޯއިފްރެންޑަކަށް ހަދާށޭ ތި ބުނެވެނީ. އެހާ އަވަހަކަށް އޭތި ޗޭންޖެއް ނުވާނެ އިނގޭ! ކުޑައިރުއްސުރެ ބޭބެ ކިޔައިގެން އުޅެ ބޮޑުވީމަ މައްސަލައަކީ."

"އެއީ އަހަރެންގެ މައްސަލައެއް ނޫނެއްނު!" ރާއިދު ތަންކޮޅެއް ބާރަށް ބުންޏެވެ.

"އަހަރެންގެ ވެސް މައްސަލައެއް ނޫނެއްނު!" ހަމަ އެހައި ބާރަށް ނަޖާތު ވެސް ބުންޏެވެ.

އެ ހިސާބުން ދެ މީހުން ވެސް ރުޅިގަނޑު މައިތިރި ކުރިއެވެ. ވިސްނައިލިއެވެ. ދެ މީހުން ވެސް ހައްޔަރު ވެފައި ވަނީ އެހެން ބަޔަކަށް ޖެހުނު ދަންތުރައެއްގައެވެ. އެކަކު އަނެކަކަށް ރުޅިގަނޑު ފޮޅައިލުމަކުން މައްސަލަ ހައްލެއް ނުވާނެކަން ގަބޫލު ކުރެވުނެވެ.

"ލުކް! މި ކަން ފިކްސް ކުރެވޭނީ ރުޅިމަޑުކޮށްގެން،" ނަޖާތު ނިކަން އޯގާވެރިކަޮށް ބުންޏެވެ. "ކިހާ އުނދަގޫވާނެ ބޭބެއެއް ދެކެ އެހެން ގޮތަކަށް ލޯބިވާން؟ އަހަރެން ބޭބެ ކިއީ ހަމަ ބޭބެއެއް ގޮތަށް. ޖަސްޓް ހަމަ ބޭބެ ކިޔަން ކިއީކީ ނޫން. އަހަރެންގެ މަންމަޔާ ބޭބެގެ، އައިމީން ޔޫގެ.." އެހެން ބުނެފައި ނަޖާތު ހީނގަތެވެ.

"ޔޫ ކިއީމަ ވެސް ވަރަށް އޮޑް. އެކަމަކު ލެޓްސް ޓްރައި. ނަޖޫގެ މަންމަޔާ... ރާއިދުގެ މަންމައަކީ ކްލާސްމޭޓްސް. ބެސްޓްފްރެންޑްސް. އަހަރުމެންގެ މަންމަމެންނަށް ކިޑްސް ލިބުނީ ވެސް އެއް ދުވަސްވަރެއްގަ. ކޮން ޒަމާނެއް އަހަރުމެން މިހެން އުޅޭތާ؟ އެހެންވެ ތަނަކުން ފެންނަހާ މީހަކަށް ކޮއްކޮ ބޭބެ ނުކިޔަންވީ. އަހަރެން އެއްޗެއް އަހާލަންތަ؟ އަހަރެން ބޭބެ ކިޔަކިޔާ ހުއްޓާ ކޮން އިރަކު މީތި ޗޭންޖުވީ؟"

ރާއިދު ބޭނުންވީ އެ ވާހަކަ ދައްކާށެވެ. ބޭބެގެ ބަދަލުގައި ނަޖާތުގެ ދުލުން ރާއިދު ކިއި އަޑުއިވުމަކީ ރާއިދަށް ލިބުނު ހިތްވަރެކެވެ. އާ ބާބެއްގެ ފެށުމެކެވެ. ނަޖާތުއާ ދިމާއަށް އެހެން ނަޒަރަކުން ރާއިދަށް ބެލެން ފެށުނީ ގޭގައި ކަރޯކޭ ބޭއްވި ދުވަހަކުއެވެ. އޭގެ ކުރިން ވެސް ނަޖާތު އާއި ރާއިދަކީ، ސުކޫލު މުބާރާތުގައި ލަވަ ކިޔާ ދެ ކުދިންނެވެ. އެކަކަށް ވެސް މާ މޮޅު ވަނައެއް ނުހޯދެއެވެ. އެހެނަސް، ދެ ކުދިން ވެސް ވަރަށް ރީތިކޮށް ލަވަ ކިޔައެވެ. އެހެން އުޅެނިކޮށް، ގޭގައި ކަރޯކޭ ބޭއްވި ދުވަހަކު ދެ ކުދިން އެކުގައި ލަވައެއް ކިއީއެވެ. އިނގިރޭސި ލަވައެކެވެ. ނަޖާތު ކިއީ ޓީވީއަށް އެރި އަކުރުތަކެކެވެ. އެ އަަކު އިހުސާސެއް ނުވަތަ މާނައެއް ނެތެވެ. ލަވައިގެ ވަކި ހިސާބަކުން ރާއިދު ޓީވީއަކަށް ނުވެސް ބަލައެވެ. ބެލީ ނަޖާތަށެވެ. މީހުންނަށް އެ ކަން ފާހަގަ ނުވީއެވެ.

"ހަނދާންކޮށްބަލަ!" ރާއިދު ބުންޏެވެ. "އޭގެ ފަހުން ނަޖޫ އަހަންނަށް ބޭބެ ކިޔަސް އަހަރެން ނުވެސް ބަލަމެއްނު!"

ނަޖާތުއަށް އެ ކަން ފާހަގަކުރެވުނީ ރާއިދު އެހެން ބުނީމައެވެ.

"މިއަދު ވެސް މަންމަ ބުނި އެއްޗެއް އެނގޭތަ؟" ރާއިދު ބުންޏެވެ. "މަންމަ އަބަދުވެސް ބޭނުންވިޔޯ އަހަރުމެން ދެ މީހުން ބޮޑުވެގެން މެރީ ކުރަން."

"ދެން ކީއްކުރަން އަހަރެން ލައްވާ ބޭބެ ކިޔުއްވީ؟" ހައިރާން ވެފައި ނަޖާތު އެހިއެވެ.

"އާނއެކޭ!" ރާއިދު ވެސް އެއްބަސްވިއެވެ.

ދެ މީހުންގެ މެދުގައި އުފެދުނު ނުތަނަވަސް ކަމަށް ލުޔެއް ލިބުނެވެ. ބޭބެ ކިޔުން ނަޖާތުއަކަށް ހުއްޓައެއް ނުލެވުނެވެ. ކޮންމެ ފަސް ފަހަރެއްގެ ތެރެއިން ދެ ފަހަރު ކިޔެއެވެ. ޖެހުނު މައްސަލަ، ގޮތަކަށް ހައްލުވި އިރު ވެސް ނަޖާތުގެ މަންމައަކަށް އެ ކަމެއް ނޭނގެއެވެ. ނަޖާތު ބޭނުންވީ ހިތާއި ސިކުނޑިން "ބޭބެ" ފުހެވެންދެން މަޑުކުރާށެވެ. ވަގުތު އައިސް ޖެހުމުން އެ ޚަބަރު މަންމައަށް ދޭނީ ނަޖާތުއެވެ. އެ ނިންމުމަށް ރާއިދު ތާއީދު ކުރިއެވެ. ވަގުތު ދިނުން ނޫން އެހެން ގޮތެއް ނެތީމައެވެ.

ވަގުތެއް ނުހުއްޓެއެވެ. ދުނިޔެ ދިޔައީ އެނބުރެމުންނެވެ. ދިޔަވަރު ބޮޑުވެ ހިކުނެވެ. އިރުއަރައި އޮއްސުނެވެ. ރާއިދު އޮފީހަކަށް ވަނެވެ. އާއިލާ މުއްސަނދި، ދެއްކުންތެރި ކަމަށް ލޯބިކުރާ ރާއިދަކީ، ޒުވާން އަންހެންކުދީންގެ ހިތްތަކަށް ވެރިވި ރީތި މިޔުޒިކެކެވެ. ޖިންސުއްލަތީފުންގެ ރަދީފަށް އިތުރުވި ހިތްގައިމު ލަފުޒެކެވެ. އޮފީހުގައި އުޅޭ ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނުގައި ރާއިދު ރަސްކަން ކުރަން ފެށިއެވެ. ތޫބާއަކީ އޭގެ ތެރެއިން އެކަކެވެ. އުމުރުން ދާދި އެއްވަރު ތޫބާގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ރާއިދުގެ ސިފައެއް ނޫނެވެ. މުއްސަނދިކަމެވެ. މިޒާޖެއް ނޫނެވެ. އަތުގައި އޮތް ގަޑީގެ އަގާއި، ޖަހާފައި ހުންނަ ސެންޓުގެ އަގެވެ. އެހެނަސް މައްސަލައެއް ކުރިމަތިވިއެވެ. ތޫބާއަކީ ރީތީގެ ރާނީއެއް ނޫނެވެ.

ރާއިދުގެ ލޮލަކު ތޫބާ އަޅައެއް ނުގަތެވެ. ހިނިތުންވެލިޔަސް، ހުރަސް ކޮށްފައި ދިޔަސް، ކުރިމަތީގައި ހުއްޓި ހުއްޓަސް ރާއިދުގެ ސަމާލުކަމެއް ތޫބާއަކަށް އަތެއް ނުލެވުނެވެ. އެކި ގޮތްގޮތުން ތޫބާ ކުރި މަސައްކަތް ބޭކާރު ވަމުން ދިޔައެވެ. އެކުވެރީން ލައްވައި، ދުރުދުރުން އަޅުވައި ކިޔުއްވިއެވެ. ހަޔާތުގެ ހިތްދަތި ވާހަކަތައް ރާއިދަށް ކިޔައިދިނެވެ. އެކި ދުވަހު އެކި ކަހަލަ ހެދުންލައި، އެކިއެކި މޭކަޕުތައް ކުރިއެވެ. އެހެނަސް، އެކުވެރި ކަމަށް ވުރެ އެންމެ އިންޗިއެއް ވެސް ގާތަކަށް ތޫބާއަކަށް ނާދެވުނެވެ. ކެނޑިނޭޅި ތޫބާ ކުރި މަސައްކަތް ނިޔާޒަށް ފެނުނެވެ. ނިޔާޒުއަކީ ތޫބާގެ އެކުވެރިއެކެވެ.

އޮފީހުގައި ބޮޑު ހަފުލާއެއް އޮތް ރެޔަކު، ފަހު ޑުރާމާ ކުޅުމަށް ތޫބާ ތައްޔާރުވިއެވެ. އެއީ ރާއިދަށް ތޫބާ ދޭ ފަހު ޓެސްޓެވެ. ހަފުލާ އޮތީ ގޯތިތެރޭގައެވެ. އެންމެން ވެސް އުޅުނީ އެ ތަނުގައި، ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތިއެވެ. ރާއިދު ވެސް މެއެވެ. ހަފުލާ ފެށެން ތައްޔާރުވަމުން އައި އިރު، ރާއިދުގެ ފަސްފަހަތުން ކޮކާތައް އުދުހެމުން ދިޔައެވެ. އެކި ކުލަކުލައިގެ ރީތި ކޮކާތަކެވެ.

ތަންކޮޅެއް އެކަހެރިކޮށް ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ރާއިދު މަސައްކަތްކުރީ އެ ހަފުލާއަށް ނަޖާތު ގެނެވޭތޯއެވެ. ނަޖާތު ހުރީ ވެސް އަންނަ ގޮތަށެވެ. މައްސަލައަކީ ހެދުން ފަހައި ނުނިމުމެވެ. އާދެވޭނެ ކަމުގެ ޔަގީން ކަމެއް ނަޖާތު ނުދިނެވެ.

އޮފީހުގެ ފަސްވަނަ ފަންގިފިލާގެ ކުޑަދޮރަކުން ތިރިއަށް ބަލަން ހުރި ތޫބާގެ ކެތްތެރިކަން ކޮޅުން ލަމުންދިޔައެވެ. ތޫބާ ބޭނުންވަނީ ރާއިދު އެ ތަނަށް ގެންނާށެވެ. އަންނާނެކަން ތޫބާއަށް ޔަގީނެވެ. އެ ރަސްމިއްޔާތަށް ޓަކައި އޮފީހުން ވަނީ ބެޖެއް ތައްޔާރު ކޮށްފައެވެ. ތޫބާއަކީ އެ ކަމުގައި އުޅުނު އެކަކެވެ. ރާއިދަށް ބެޖު ހަވާލުކުރުމުގެ ޒިންމާ އޮތީ ވެސް ތޫބާއަށެވެ. މޭޒުމަތީގައި ބެޖު ބޭއްވި ވާހަކަ ތޫބާ ބުނެފިއެވެ. ބާކީ އޮތީ ރާއިދު ބެޖު ނަގަން އައުމެވެ. އެންމެ ބޮތްކެއް ފިޔަވައި ހުރިހައި ބޮތްކެއް ނިއްވައިލައިގެން ރާއިދަށް ބަލަހައްޓައިގެން ތޫބާ ހުއްޓެވެ. ދެން ފެނުނީ އޮފީހުގެ އެންމެ ރީތި ކުއްޖާ އައިސް ރާއިދު ކައިރީގައި އިށީންތަނެވެ. އޭނަގެ ބެޖު ރާއިދަށް ދައްކައިލިއެވެ. ތޫބާއަށް ލަފާކުރެވުނު ގޮތުގައި އޭނަ އެހީ ރާއިދުގެ ބެޖު ކޮބައިހޭއެވެ. ރާއިދު ތެދުވިއެވެ. ހިނގައިގަތެވެ. ތޫބާ އަވަސް ފިޔަވަޅުތަކެއް އަޅަމުން އެ ތަނުން ނުކުތެވެ. އިރުކޮޅަކުން ރާއިދު އަންނަ ތަން ފެނުނެވެ. ފިލާ ހުރި ތޫބާ ހުރަސް ކޮށްފައި ރާއިދު ގޮސް ރާއިދުގެ ޑިޕާޓުމަންޓަށް ވަނެވެ. ތޫބާ ހިނގައިގަތެވެ. އެ ތަނަށް ވަނެވެ. އޭރު ރާއިދު ބެޖު ނަގައިގެން ނުކުންނަން އަންނަނީއެވެ. ތޫބާ ވަގުތުން ވެއްޓިގަތެވެ. ނުކުންނަން ހުރި ދޮރު ހުރަސްވާ ގޮތަށެވެ. ރާއިދަށް ލިބުނީ ސިހުމެކެވެ. ފަނޑު އަނދިރީގައި ވާނުވާ ބަލަން އޮތް ތޫބާއަށް ފެނުނީ، ތޫބާ ގިރާކޮށްފައި ރާއިދު ނުކުތް ތަނެވެ. އޭރު އަންހެން މުވައްޒަފަކު، ހަމަ އެ ދިމާއަށް އާދެއެވެ. އޭނައަށް ތޫބާ ދައްކާފައި ރާއިދު އެ ތަނުން ނުކުތީއެވެ. ދެން ވީ ގޮތެއް ރާއިދު ނުވެސް ބަލައެވެ. ތޫބާއަށް މަޖުބޫރުވީ އަމިއްލައަށް ތެދުވާށެވެ. އަނބުރައިގަތް ކަމުގެ ޑުރާމާއެއް ކުޅޭށެވެ.
އޮފީހުގައި ހިނގި ހާދިސާ އެނގުނީ މަދު މީހަކަށެވެ. ނިޔާޒަކީ އޭގެ ތެރެއިން އެކަކެވެ. ހަފުލާގެ މެދުތެރެއިން ނިޔާޒު އާއި ތޫބާ ބައްދަލުވެ، އެ ވާހަކަ ދެކެވުނެވެ.

"ދެން އެ ކަން ހުއްޓާލަން ވެއްޖެއްނު!" ސަމާސާ ރާގެއްގައި ނިޔާޒު ނަސޭހަތްދިނެވެ.

"އަހަރެން ހަމަ އަސްލުގަ ވެސް އަނބުރައިގަތީއޭ،" ތޫބާ މަސައްކަތްކުރީ އެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ. "މާ ބޮޑަށް ފަލަވާތީ ހެނދުނު އެއްކަލަ އިރު ކޮފީއެއް ބުއި ގޮތަށް ހުރީ. ހަމަ ސީރިޔަސްކޮށޭ!"

"ތޫބާ! އަހަންނަށް ތޫބާ އެނގެޔޭ!" ލާނެތް ރާގެއްގައި ނިޔާޒު ބުންޏެވެ. "އެ ސޮރު ފަހަތުން ތޫބާ ކިހާ މުގޯއްޔެއް އަޅައިފިން؟ ހުރިހާ ސްޓާފުން ގޯތިތެރޭގަ ތިއްބާ ތޫބާ ފެއިންޓް ވެގެން ވެއްޓެން ވެސް އެނގުނީ ހަމަ އެކަނި އެ ސޮރުގެ ފައިބުޑަށް. އޭނަގެ ބިޓެއް ހުރެއޭ ތޫބާ! ކިތައް ފަހަރު ބުނާނީ؟ ނަން ވެސް ހޯދައިފިން. ނަޖޫ ކިޔާނީ. އެއީ އަހަރުމެން ގޭދޮށެއްނު! ކުޑައިރުއްސުރެ އެ މީހުން އެއްކޮށް އުޅޭނީ. އަހަންނަށް އެނގޭތީ މި ބުނަނީ."

"އެކަމަކު ނިޔާއަކަށް އަދި އަހަންނެއް ނޭނގޭ!" ބަދަލުހިފުމުގެ ރާގެއްގައި ތޫބާ ބުންޏެވެ. "އަހަރެން ރާއިދާ މެރީ ކުރާނަން. ބަލަން ހުންނާތި!"

ހަފުލާ ނިންމައިފައި ރާއިދު ފުރަތަމަ ދިޔައީ ނަޖާތުގެ ގެއަށެވެ. ނަޖާތުއާ ވާހަކަ ދައްކަން އިރުކޮޅަކު އިނދެފައި ރާއިދުގެ ގެއަށް އައިސް، ފެންވަރާލައިގެން ނިދަން އޮށޯތެވެ. ދުވަހަކު ވެސް ނުލިބޭ ފަދަ ބޮޑު ހިތްހަމަޖެހުމަކާ އެކީގައެވެ. އޮށޯތް އިރު ވެސް ހިތުގައި އެނބުރުނީ އެންމެ ތަސްވީރެކެވެ. އެންމެ ނަމެކެވެ. ނަޖާތެވެ. އެ ރޭ ނަޖާތު ބުނި މުހިންމު ވާހަކައެވެ.

"ހިނގާ މަންމަ ގާތުގަ ބުނަން،" ނަޖާތު ބުނީ އެހެންނެވެ. އަދި ބުންޏެވެ. "އައި ތިންކް އައި އޭމް ރެޑީ!"

ދިގު އިންތިޒާރެއްގެ ނިމުން އައީ، ރާއިދު ހީކުރި ވަރަށް ވުރެ ތަންކޮޅެއް ލަހުންނެވެ. އެހެން ވިޔަސް، އެ ލަސްކަމުގައި ފޮނި ރަހައެއް ހުރިކަން ރާއިދަށް އިހުސާސް ކުރެވުނެވެ. ނިދީގެ ތެރެއަށް މަޑުމަޑުން ގެނބެމުން، ފެތެމުންދިޔަ އިރު، ހުވަފެނުގެ ދޮރުގައި މަޑުމަޑުން ޓަކިޖަހައިލި އަޑު ރާއިދަށް އިވުނެވެ. ދޮރު ހުޅުވައިދިނީ ރާއިދެވެ. ފިނިފެންމަލުގެ ފިޔައިން ފަތުރާލެވިފައިވާ ދޫލަ މަތީގައި ފައި އަޅަމުން، ރިހި ހަނދުވަރުން ފެންވަރަމުން، ފަން އިސްތަށިގަނޑު ވަޔާ ވިހުރަމުން ރާއިދަށް ހިނިތުންވެލީ ދެވަނަ ދެ މީހެއް ނޫނެވެ. އެއީ ރީތީގެ ރާނީއެކެވެ. ފަތްމިންޏެއް ފަދަ ޕަރީއެކެވެ. ތޫބާއެވެ. (ނުނިމޭ)