ޣައްޒާއަށް 470 ދުވަސް ފަހުން ހަމަނޭވާއެއް!
ޣައްޒާއަށް 470 ދުވަސް ފަހުން ހަމަނޭވާއެއް!

ދުވަހަކު ވެސް އިޒްރޭލަށް ދީފައި ނުވާ ވަރުގެ ވަރުގަދަ އަދި ރޭވުންތެރި ހަމަލާތަކެއްގައި ހަމާސް އާއި އެ ޖަމާއަތުގެ ބައިވެރިން އިޒްރޭލު ކުޑަކަކޫ މައްޗަށް ތިރިކޮށްލިތާ މިއަދަށް 470 ދުވަސް ވީ އެވެ.

ޣައްޒާއަށް 470 ދުވަސް ފަހުން ހަމަނޭވާއެއް!
ޣައްޒާއަށް 470 ދުވަސް ފަހުން ހަމަނޭވާއެއް!

އިޒްރޭލުގެ ހާހަކަށްވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރި އެ ހަމަލާތަކުގެ ބަދަލު ހިފައި ހަމާސް ޖަމާއަތް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ފެށި ރައްދު ހަމަލާތަކަކީ މިހާތަނަށް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި އެންމެ ބޮޑު އެއް ޖަރީމާ އެވެ. ޣައްޒާގައި އިޒްރޭލުގެ އަމަލުތައް ހުރީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ނިޔަތުގައި ކަމަށް ހުރިހާ ގޮތަކުން ވެސް ބެލެވޭތީ ބައިނަލްއަގުވާމީ ކޯޓުތަކުންނާއި އދ. އިން ވެސް އިޒްރޭލުގެ ހަމަލާތައް ހުއްޓާލަން ގޮވާލައި އަމުރުތައް ނެރުނަސް ބޮޑެތި ގައުމުތަކުގެ ހިމާޔަތުގައި އޮތް އިޒްރޭލުން އެއްވެސް އިޖާބައެއް ނުދީ މިހާ ހިސާބަށް އައި އައި އިރު ފަލަސްތީނުން 47،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

ޣައްޒާއަށް 470 ދުވަސް ފަހުން ހަމަނޭވާއެއް!
ޣައްޒާއަށް 470 ދުވަސް ފަހުން ހަމަނޭވާއެއް!

ހަމާސް އާއި އެހެން ޖަމާއަތްތަކުގެ ހަމަލާތަކުގައި އިޒްރޭލުން 1،706 މީހަކު މަރުވި އެވެ.

ޣައްޒާއަށް 470 ދުވަސް ފަހުން ހަމަނޭވާއެއް!
ޣައްޒާއަށް 470 ދުވަސް ފަހުން ހަމަނޭވާއެއް!

އިޒްރޭލުން ކެނޑިނޭޅި ދިން ހަމަލާތަކުގައި 166 ނޫސްވެރިންނާއި މީޑިއާ ސްޓާފުންނާއި އެކަޑެމިކް ދާއިރާގެ 120 މީހަކާއި އިންސާނީ އެހީގެ މަސައްކަތުގައި އުޅުނު 224 މީހަކާއި އދ. އިން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާން އުފައްދާފައިވާ ޖަމިއްޔާގެ 179 މުވައްޒަފަކު ވެސް ވަނީ މަރުވެފަ އެވެ.

އެތައް ހާސް ފުރާނައެއް ގެއްލިގެން ދިޔައިރު އިޒްރޭލުން ޣައްޒާ އޮތީ ބިމާ ހަމަކޮށްލައިފަ އެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މަގުތަކާއި އާންމު އިންފްރާސްޓަކްޗާ ވެއްޔަށް ހަދައިފަ އެވެ. ޣައްޒާ އާރާސްތުކުރަން އެތައް ބިލިއަން ޑޮލަރެއް ބޭނުންވާއިރު ކުރީގެ ހާލަތަށް ރުޖޫއަވާން ނަގާނެ މުއްދަތެއް އަންދާޒާކޮށްލަން ވެސް ނޭނގެ އެވެ.

އިޒްރޭލުން ކަން ކުރާނެ ގޮތެއް ސުވާލެއްގެ ތެރޭގައި ޣައްޒާއަށް މި އާދީއްތަ ދުވަސް މި ފެށެނީ އުންމީދާ އެކީގަ އެވެ. 470 ދުވަހަށް ފަހު ބޮމާއި ބަޑީގެ އަޑު "ވަގުތީ ގޮތުން" ނަމަވެސް ކެނޑުނީ އެވެ.

ތިރީގައި މިވަނީ ހަމަލާތައް ހުއްޓާލުމަށް ގަތަރާއި އެމެރިކާ އަދި އިޒްރޭލުގެ އިސްވެރިން އެއްބަސްވެފައިވާ 42 ދުވަހުގެ ފުރަތަމަ މަރުހަލާގެ މުހިންމު ތަފްސީލުތަކެވެ.

ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ ވިދާޅުވި ގޮތުގައި ހަމާސް އިން މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ 33 ރަހީނުން ދޫކޮށްލާނެ އެވެ.

މީގެ ތެރޭގައި ހިމެނެނީ "އާންމު އަންހެނުންނާއި އަންހެން ސިފައިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނާއި ޒަޚަމްވެފައިވާ އާންމު ރައްޔިތުން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސާ ބުނި ގޮތުގައި 33 ރަހީނުންގެ ބަދަލުގައި އިޒްރޭލުން އަދާކުރަނީ ބޮޑު އަގެކެވެ. އެއީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު މިނިވަންކުރުމެވެ. އެކަމަކު އިޒްރޭލުގެ އޮފިޝަލަކު ބުނީ އިޒްރޭލުގެ ޖަލުތަކުން ދޫކުރާ ފަލަސްތީނު މީހުންގެ އަދަދު ބިނާވާނީ 33 ރަހީނުން ދޫކޮށްލާނެ ކަމަށް ބުނި ނަމަވެސް އޭގެ ތެރެއިން ދިރިތިބި މީހުންގެ އަދަދުގެ މައްޗަށެވެ.

މި 33 ރަހީނުންނަކީ އޮކްޓޫބަރު 7، 2023 ގައި ރަހީނުކޮށް ޣައްޒާއަށް ގެންދިޔަ 94 ރަހީނުންގެ ތެރެއިން ބައެކެވެ. ރަހީނުންގެ ޖުމްލަ އަދަދުގައި، މަރުވެފައިވާ ކަމަށް އިޒްރޭލު ސިފައިން އިއުލާނުކޮށްފައިވާ މީހުން ވެސް ހިމެނެ އެވެ.

ހަމާސްއާ ގާތް ދެ މަސްދަރަކުން އޭއެފްޕީއަށް ބުނި ގޮތުގައި އާދީއްތަ ހަވީރު ފުރަތަމަ ދޫކޮށްލާނީ އިޒްރޭލުގެ އަންހެން ތިން ސިފައިންނެވެ. އެކަމަކު ހަމާސް އިން ބަލާ ގޮތުގައި، އަސްކަރިއްޔާއަށް ހިދުމަތްކުރާ އުމުރުގެ އިޒްރޭލު ކޮންމެ މީހަކީ ވެސް ސިފައިންގެ މީހެކެވެ.

ހުކުރު ދުވަހު އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީން އާންމުކުރި ލިސްޓެއްގައި ފަލަސްތީނުގެ ގައިދީންގެ ތެރެއިން ފުރަތަމަ މިނިވަންކުރާނެ 95 މީހުންގެ ނަންތައް ހާމަކޮށްފައިވެ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

އިޒްރޭލު ސިފައިންގެ އޮފިޝަލެއް ބުނި ގޮތުގައި ގައިދީން ހަވާލުކުރުމަށް ތިން ޕޮއިންޓެއް މިހާރު ވަނީ ގާއިމުކޮށްފަ އެވެ. އެ ތަންތަނުގައި ރަހީނުންނާ ބައްދަލުކުރަން ޑޮކްޓަރުންނާއި ނަފްސާނީ ބަލިތަކުގެ މާހިރުން ތިބޭނެ އެވެ. އޭގެފަހުން އެމީހުން ހެލިކޮޕްޓަރުގައި ނުވަތަ އެއްގަމު އުޅަނދުތަކުގައި އިޒްރޭލުގެ ހޮސްޕިޓަލްތަކަށް ގެންދާނެ އެވެ.

ގަތަރުގެ ޝައިޚް މުހައްމަދު ވިދާޅުވިގޮތުގައި ދެވަނަ އަދި ތިންވަނަ މަރުހަލާގައި ދޫކޮށްލާނެ ފަލަސްތީނުގެ ގައިދީންގެ އަދަދު ފުރަތަމަ މަރުހަލާގައި ކަނޑައަޅާނެ އެވެ.

ފުރަތަމަ 42 ދުވަހުގެ ތެރޭގައި، ޣައްޒާގެ އާބާދީ ބޮޑު ސަރަޙައްދުތަކުން އިޒްރޭލު ސިފައިން އަނބުރާ ގެންދާނެ އެވެ. މިއީ ގައިދީންނާއި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އެއްބަޔަކު އަނެއް ބަޔަކާ ހަވާލުކުރުމަށާއި ޣައްޒާއިން ބޭރުކޮށްލާފައިވާ ފަލަސްތީނު މީހުން އަނބުރާ ދިއުމަށް ކަމަށް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

އިޒްރޭލު ސިފައިންގެ އޮފިޝަލް ބުނި ގޮތުގައި ސިފައިން ވަނީ "ޣައްޒާގެ ދިފާއީ ޕްލޭން" އަލުން އެކުލަވާލައިފަ އެވެ. މީގެ ތެރޭގައި، ޣައްޒާގެ ބޯޑަރު ސަރަހައްދު ބެލެހެއްޓުން ވަރުގަދަކުރުން ހިމެނޭ ކަމަށް ބުންޏެވެ. މި ބަދަލާ އެކު ޣައްޒާގެ ބައެއް ސަރަހައްދުތަކާއި މަގުތަކުން އިޒްރޭލު ސިފައިން ފައިބާނެ އެވެ.

"އިޒްރޭލު ސިފައިން ގާއިމުވެ ތިބޭ އެއްވެސް ހިސާބަކަށް ޣައްޒާގެ އާންމު ރައްޔިތުންނަކަށް އަނބުރާ ނުދެވޭނެ" ކަމަށް އޮފިޝަލް ބުންޏެވެ.

އިޒްރޭލުގެ އެހެން އޮފިޝަލެއް މި ހަފްތާގެ ކުރީކޮޅު ބުނި ގޮތުގައި ދެވަނަ މަރުހަލާގެ މަޝްވަރާތައް ފަށާނީ ފުރަތަމަ މަރުހަލާ ފަށާތާ "16 ވަނަ ދުވަހު" އެވެ.

އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްބަސްވުމުގެ ދަށުން، އިޒްރޭލުން ފުރަތަމަ މަރުހަލާގައި ޣައްޒާގެ ތެރޭގައި ބަފަ ޒޯނެއް ވެސް ގާއިމުކުރާނެ އެވެ. ހަމާސްއާ ގާތް މަސްދަރެއް ބުނި ގޮތުގައި އިޒްރޭލު ސިފައިން "ދެކުނުގެ ރަފަހުން ފެށިގެން އުތުރުގައިވާ ބައިތު ހަނޫނާ ހަމައަށް 800 މީޓަރާ ހަމައަށް ޣައްޒާގައި އެތެރޭގައި" ތިބޭނެ ކަމަށް ލަފާކުރެވެ އެވެ.

އިޒްރޭލު އޮފިޝަލަކު ބުނި ގޮތުގައި އިޒްރޭލު ސިފައިން ގާޒާއިން އެއްކޮށް ނުކުންނާނީ "ހުރިހާ ރަހީނުން އަނބުރާ ގެނައުމުން" އެވެ.

ހަމާސްގެ މަސްދަރު ބުނި ގޮތުގައި ޣައްޒާގެ އާންމުން އެނބުރި ޣައްޒާއަށް ވަންނާނީ އިޒްރޭލު ސިފައިން ގާއިމުކޮށްފައިވާ، ކެމެރާ ހަރުކޮށްފައިވާ އިލެކްޓްރޯނިކް ޗެކްޕޮއިންޓްތަކެއް މެދުވެރިކޮށެވެ.

"އެތަނުގައި އިޒްރޭލު ސިފައިންނެއް ނުތިބޭނެ. އަދި ފަލަސްތީނު ހަނގުރާމަވެރިން އެ ޗެކްޕޮއިންޓުން ދިއުން މަނާވާނެ،" އޮފިޝަލް ބުންޏެވެ.

މެދުވެރިންގެ ގޮތުގައި ތިބި ގަތަރާއި އެމެރިކާ އަދި މިސްރުން، މިސްރުގައި ގާއިމުވެ ތިބޭ ބަޔަކު މެދުވެރިކޮށް އެއްބަސްވުން ތަންފީޒުކުރުމުގެ ކަންކަން މޮނިޓަރކުރާނެ ކަމަށް ޝައިޚް މުހައްމަދު ވިދާޅުވި އެވެ. އަދި އެއްބަސްވުން ތަންފީޒުކުރަން ފެށުމުގެ ކުރިން ޣައްޒާގައި ހަމަޖެހުން ގާއިމުކުރުމަށް އޭނާ ގޮވައިލެއްވި އެވެ.

"ދެ ވަނަ އަދި ތިން ވަނަ މަރުހަލާއަށް މަޝްވަރާކުރާނެ ސާފު އުސޫލެއް" އެބަ އޮތް ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

"މިއީ ހަނގުރާމައިގެ އެންމެ ފަހު ސަފުހާ ކަމަށް އަޅުގަނޑުމެން އުންމީދުކުރަން. އަދި ހުރިހާ ފަރާތްތަކުން މި އެއްބަސްވުމުގެ ހުރިހާ މާއްދާތަކަށް އަމަލުކުރާނެ ކަމަށް އުންމީދުކުރަން،" އެއްބަސްވުމަކަށް އާދެވުނުކަން ހާމަކުރެއްވިއިރު ޝައިޚް މުހައްމަދު ވިދާޅުވި އެވެ.

ގަތަރުން އިސްކޮށް މަސައްކަތްކޮށްގެން ގާއިމުކުރި އެއްބަސްވުމުގެ ދަށުން ދެވަނަ އަދި ތިންވަނަ މަރުހަލާގެ ތަފްސީލުތައް "ނިންމާނީ" ފުރަތަމަ މަރުހަލާ ތަންފީޒުކުރަމުންދާއިރު އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވި ގޮތުގައި ދެވަނަ މަރުހަލާއިން "ދާއިމީ ގޮތެއްގައި ހަނގުރާމަ ނިމުމަކަށް" އަންނާނެ އެވެ.

އިޒްރޭލުގެ ފިރިހެން ސިފައިން ހިމެނޭ ގޮތަށް، ދިރިތިބި ހުރިހާ ރަހީނުން އެ ހިސާބުން މިނިވަންވެ އަދި އޭގެ ފަހުން ޣައްޒާއިން އިޒްރޭލު ހުރިހާ ސިފައިން އަނބުރާ ގެންދާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.