ޣައްޒާގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލު ކެބިނެޓުން ވެސް ރުހުން ދީފި
ޣައްޒާގައި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލު ކެބިނެޓުން ވެސް ރުހުން ދީފި

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި އިޒްރޭލާއި ފަލަސްތީނުން ގައިދީން މިނިވަންކުރުމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމަށް އިޒްރޭލުގެ ކެބިނެޓުން ވެސް މިއަދު ރުހުން ދީފި އެވެ.

އިޒްރޭލާއި ހަމާސްގެ މަންދޫބުން އެއްބަސްވުމަކަށް އައިކަން ބުރާސްފަތި ދުވަހު އިއުލާނުކުރި ނަމަވެސް އަދިވެސް ވަކި ގޮތަކަށް ނުނިމޭ ކަންކަން އެބަހުރި ކަމަށް އިޒްރޭލު ސަރުކާރުން އައީ ބުނަމުންނެވެ. އޭގެ ފަހުން އެ އެއްބަސްވުން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކުރުމަށް ފަހު މުޅި ކެބިނެޓަށް ހުށަހެޅީ އެވެ. އިޒްރޭލުގެ އެންމެ ފަހު ބަސް ނުލިބޭތީ، މި ހަފްތާ ބަންދުގައި އެއްބަސްވުން ތަންފީޒުކުރަން ފެށިދާނެކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

އިޒްރޭލު ކެބިނެޓުން ރުހުން ދިނުމާ އެކު، އާދީއްތަ ދުވަހުން ފެށިގެން ޣައްޒާގައި ހަމަލާތައް ހުއްޓާލަން ޖެހޭނެ އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލުގެ ހާހަކަށްވުރެ ގިނަ މީހުން މަރާލި ކުއްލި ހަމަލާތަކުގައި ރަހީނުކުރި މީހުން މިނިވަންކުރުމުގެ މަސައްކަތް އެ ހިސާބުން ފެށޭނެ އެވެ.

"ރަހީނުން އަނބުރާ ގެނައުމުގެ ޕްލޭން ސަރުކާރުން ވަނީ ފާސްކޮށްފައި،" އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީން ވަނީ އާދީއްތަ ދުވަހުން ފެށިގެން ފަލަސްތީނުގެ 95 މީހަކު މިނިވަން ކުރަން ނިންމައި އެ މީހުންގެ ލިސްޓެއް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 16 ފިރިހެނުންނާއި 10 ކުޑަކުދިންނެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ހަމާސްގެ ބާރުގެ ދަށުގައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ޣައްޒާގެ ކަންކަމާ ފަލަސްތީނު ސަރުކާރުން ހަވާލުވާން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ. އަނެއްކޮޅުން، ޣައްޒާގެ އާންމުން ދަނީ ހަމަލާތައް ހުއްޓާލުމަށް ކަނޑައަޅާފައިވާ ވަގުތުގެ ވެސް ކުރިން އަލުން އެނބުރި އެ މީހުންގެ ގެދޮރަށް ބަދަލުވަމުންނެވެ.

ހަމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވުމަށް ފަހުގައި ވެސް އިޒްރޭލުން މިދިޔަ 24 ގަޑިއިރު ތެރޭ ޣައްޒާގެ ފަންސާހަކަށް ސަރަހައްދަށް ހަމަލާ ދީފައިވެ އެވެ. އެ ހަމަލާތަކުގައި ވެސް ފަލަސްތީނުގެ އެތައް ބަޔަކު ވަނީ ޝަހީދުވެފަ އެވެ.

ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ކެނޑިނޭޅި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 46،876 މީހުން ޝަހީދުވެ ޣައްޒާގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން މި ފަށާނީ އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެ ވަޑައިގަތުމަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ. އެއްބަސްވުމަކަށް އާދެވުމުގެ ކްރެޑިޓް ޓްރަމްޕް ނަންގަވާއިރު އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބުނަނީ އިޒްރޭލާއި ހަމާސް އިން އެއްބަސްވީ ބައިޑެން ހުށަހެޅުއްވި ޕްލޭނަކަށް ކަމަށެވެ.