ޗެމްޕިއަން އޭދަފުށީގެ ފުރަތަމަ މެޗު ކާމިޔާބު
ޗެމްޕިއަން އޭދަފުށީގެ ފުރަތަމަ މެޗު ކާމިޔާބު

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި، އެންމެ ފަހުގެ ޗެމްޕިއަން ބ. އޭދަފުށި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

ޗެމްޕިއަން އޭދަފުށީގެ ފުރަތަމަ މެޗު ކާމިޔާބު
ޗެމްޕިއަން އޭދަފުށީގެ ފުރަތަމަ މެޗު ކާމިޔާބު

ބ. އަތޮޅުގެ ކުޅުން އިއްޔެ ހަވީރު ފަށާފައި ވާއިރު، ފުރަތަމަ މެޗުގައި އޭދަފުށި ވަނީ 1-0 އިން ތުޅާދޫ ބަލިކޮށްފަ އެވެ. އޭދަފުށީގެ ހަމައެކަނި ގޯލު ޖަހައިދީފައި ވަނީ ހުސެއިން ޝަރީފް އެވެ.

ޗެމްޕިއަން އޭދަފުށީގެ ފުރަތަމަ މެޗު ކާމިޔާބު
ޗެމްޕިއަން އޭދަފުށީގެ ފުރަތަމަ މެޗު ކާމިޔާބު

މި އަތޮޅު ބުރުގައި ތިން ޓީމު ވާދަކުރާއިރު، ދެން ހިމެނެނީ ފެހެންދޫ އެވެ. މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބ. އަތޮޅުގެ ފައިނަލް ކުޅޭނީ ތިން ޓީމުގެ މެޗުގައި ލީގު ބުރެއް ކުޅެގެން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމުގެ މެދުގަ އެވެ.

އޭދަފުށި ވަނީ މި އަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗުގައި ވެސް ކުޅެފަ އެވެ. އެ މެޗުން އޭދަފުށި ވަނީ ހަމަ މި ނަތީޖާއިން ލ. ގަން އަތުން ބަލިވެފަ އެވެ.

އިއްޔެ ވަނީ ތިން ޓީމު ވާދަކުރާ ދ. އަތޮޅުގެ ކުޅުން ވެސް ފަށައިފަ އެވެ. މި އަތޮޅުގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ ބަނޑިދޫ އާއި މާއެނބޫދޫ އެވެ. މި މެޗު 12-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ މާއެނބޫދޫ އެވެ.

ދ. އަތޮޅުގައި ދެން ހިމެނެނީ އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ކުޑަހުވަދޫ އެވެ. މި އަތޮޅުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރެއެވެ.

ހއ. އަތޮޅު ގުރޫޕް ބީގައި ފުރަތަމަ ދެ މެޗު އެއްވަރުވި އުތީމު މިވަނީ މުހައްމަދު އާލިމް އަބްދުﷲ ގެ ހެޓްރިކަކާ އެކު ރޭ 5-0 އިން މުރައިދޫ ބަލިކޮށް، ސެމީގެ ފުރުސަތެއް ހޯދުމުގެ އުންމީދު ދަމަހައްޓައިފަ އެވެ. މި ގުރޫޕްގައި ރޭ ދެން ކުޅުނު މެޗުގައި، އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ދިއްދޫ ވަނީ 6-1 އިން އިހަވަންދޫ ބަލިކޮށްފަ އެވެ.

މިއާ އެކު ގުރޫޕް ބީގެ އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ވަށަފަރެވެ. ދިއްދުއަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އުތީމު ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު މެޗުން ތިން ޕޮއިންޓާ އެކު މުރައިދުއަށް މުބާރާތް ނިމިފައި ވާއިރު، ފުލުގައި އޮތް އިހަވަންދުއަށް ތިން މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

އުތީމުން ގުރޫޕް ސްޓޭޖުގައި އެ ޓީމު ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ދިއްދުއާ ދެކޮޅަށެވެ. އެ މެޗު ކުޅޭ ވަގުތު ވަށަފަރާއި އިހަވަންދޫ ވެސް ބައްދަލުކުރާނެ އެވެ.

މި އަތޮޅުގެ ގުރޫޕް އޭގައި ރޭ ހޯރަފުށި ވަނީ ކެލާ އާ 2-2 އިން އެއްވަރުވެފަ އެވެ. އަދި ފިއްލަދޫ ވަނީ 4-2 އިން ބާރަށް ބަލިކޮށްފަ އެވެ.

ގުރޫޕް އޭގެ އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ކެލާ އެވެ. ދެ ވަނައިގައި އޮތް މާރަންދޫ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ފިއްލަދޫ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ބާރަށަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އަދި ހޯރަފުއްޓަށް ވަނީ ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާ އެކު މުބާރާތް ނިމިފަ އެވެ.

އަންގާރަ ދުވަހުގެ ހަވީރު މި ގުރޫޕްގެ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު، މާރަންދޫ ނުކުންނާނީ ފިއްލަދޫއާ ދެކޮޅަށެވެ. އަދި ކެލާ ކުޅޭނީ ބާރަށާ ދެކޮޅަށެވެ.

ހދ. އަތޮޅުގެ އެންމެ ފަހުގެ ރަނަރަޕް ނޮޅިވަރަން ވަނީ ރޭ 3-0 އިން ކުމުންދޫ އަތުން ބަލިވެގެން، ގުރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި މުބާރާތުން ކަޓައިފަ އެވެ.

ގުރޫޕް ބީގައި ހިމެނޭ ނޮޅިވަރަން ތިން މެޗުން ހޯދި ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް އިރު، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވައިކަރަދޫ ބަލިކޮށްގެން ވެސް އެ ޓީމަށް ގުރޫޕްގެ ދެ ވަނަ ހޯދުމުގެ ފުރުސަތެއް ނެތެވެ.

ނޮޅިވަރަމަށް ވުރެ ކުރީގައި އޮތް ވައިކަރަދޫ އަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ގުރޫޕްގެ ދެވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ކުމުންދޫ އެވެ.

އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ނައިވާދޫ ވަނީ ރޭ 6-1 އިން ނެއްލައިދޫ ބަލިކޮށް ނުވަ ޕޮއިންޓް ހޯދައިގެން ސެމީގެ ޖާގައެއް ޔަގީން ކޮށްފަ އެވެ. ނެއްލައިދޫ ވަނީ ގުރޫޕް ސްޓޭޖުގައި އެ ޓީމުގެ ހުރިހާ މެޗަކުން ވެސް ބަލިވެފަ އެވެ. ނައިވާދޫ ކުޅޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުންނާނީ ކުމުންދުއާ ދެކޮޅަށެވެ.

މި އަތޮޅުގެ ގުރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ނޭކުރެންދޫ ވަނީ ސެމީގެ ޖާގައެއް ޔަގީން ކޮށްފަ އެވެ. ނޭކުރެންދޫ ރޭ ކުޅުނު މެޗުގައި ވަނީ 5-1 އިން ނޮޅިވަރަންފަރުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ނޭކުރެންދޫ މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދާފައި ވާއިރު، ދެ ވަނައިގައި އޮތީ ރޭ ފިނޭއާ ވާދަކޮށް 1-1 އިން އެއްވަރު ކޮށްގެން، ތިން މެޗުން ފަސް ޕޮއިންޓް ހަމަކޮށްފައިވާ މަކުނުދޫ އެވެ.

ގުރޫޕްގެ ތިން ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ނޮޅިވަރަންފަރެވެ. ފިނޭ އަށް ތިން މެޗުން ދެ ޕޮއިންޓް ލިބިފައި ވާއިރު، ހަނިމާދުއަށް ތިން މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

މި ގުރޫޕްގެ ފަހު ދެ މެޗު އަންގާރަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައި ވާއިރު، ނޭކުރެންދޫ ނުކުންނާނީ މަކުނުދޫއާ ދެކޮޅަށެވެ. އަދި ހަނިމާދޫ ކުޅޭނީ ފިނޭއާ ދެކޮޅަށެވެ.

މުބާރާތުގައި މިއަދު ހަވީރު ތ. އަތޮޅުގެ ހަތަރު މެޗު ކުޅޭނެ އެވެ. މިރޭ ކުޅޭނީ ގއ. އަތޮޅާއި ރ. އަތޮޅުގެ އިތުރުން ލ. އަތޮޅުގެ މެޗުތަކެވެ.