17 ޖެނުއަރީ 2025 - 21:14

ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރުމުން ފަލަސްތީނުގެ އާންމުން އުފާ ފާޅުކުރުމުގެ ހަރަކާތްތައް ނުބޭއްވުމަކީ އެދުމެއް ކަމަށާއި އެފަދަ ހަރަކާތްތައް ހުއްޓުވަން މަސައްކަތްކުރާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލް ޕްރިޒަން ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގައި ތިބި އިޒްރޭލުގެ ރަހީނުންގެ ބަދަލުގައި ގައިދީން ދޫކޮށްލުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަން އަންނަ އާދީއްތަ ދުވަހު ފެށޭނެ ކަމަށެވެ.
އެ އިދާރާއިން ބުނީ ގުދުސް ކައިރީގައި ހުރި ދެ ޖަލަކާއި ދެކުނުގެ އަސްޤަލާން (އަޝްކެލޯން) ސިޓީ ކައިރީގައި ހުރި ދެ ޖަލަކުން މިނިވަން ކުރުމަށް ގައިދީން އެއްތަނަަކަށް ޖަމާކޮށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ.
"އިޒްރޭލް ޕްރިޒަން ސާވިސްގެ ކޮމިޝަނަރު މޭޖާ ޖެނެރަލް ކޯބީ ޔަކޯބީ އެކަމަށް އިރުޝާދު ދެއްވި.. އަޝްކެލޯން އާއި އިޒްރޭލުގެ އެހެނިހެން ސަރަހައްދުތަކުގައި އާންމުކޮށް އުފާވެރިކަން ފާޅުކުރުން ހުއްޓުވުމުގެ ގޮތުން 'ޝިކްމާ' ޖަލުން މީހުން ނެރުމަށް [އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ] ރެޑް ކްރޮސްގެ މަދަނީ ބަސްތައް ބޭނުންކޮށްގެން ނުވާނެ ކަމަށް،" ބަޔާނުގައިވެ އެވެ.
ގައިދީން މިނިވަންކުރުމުގެ ކަންކަން ޖެނީވާގެ އައިސީއާރުސީން މީގެ ކުރިން ބަލަހައްޓާފައި ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޣައްޒާގައި ބަންދުކޮށްފައި ތިބި އިޒްރޭލުގެ 105 މީހުން މިނިވަންކުރި އިރު އެވެ. އެފަހަރު އިޒްރޭލުގެ 80 މީހުންގެ ބަދަލުގައި ފަލަސްތީނުގެ 240 ގައިދީން މިނިވަންކުރި އެވެ.
ޕްރިޒަން ސާވިސް އިން ބުނީ އައިސީއާރުސީގެ ބަދަލުގައި، އެ ޖަލުން މީހުން ނެރުމުގައި އުޅޭނީ އިޒްރޭލުގެ "ހާއްސަ ޔުނިޓެއް" ކަމަށެވެ.
އަދި މިނިވަންކުރުމަށް ކަނޑައަޅާފައިވާ ގައިދީން ދޫކޮށްލުމުން "އިޒްރޭލު ތެރޭގައި އުފާވެރިކަން ފާޅުނުކުރުމަށް" ޖަކޯބީ ވަނީ އަންގައިފަ އެވެ.
އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން މިއަދު ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ރުހުން ދީފަ އެވެ. އެ އެއްބަސްވުން މިހާރު އޮތީ ފުލް ކެބިނެޓަށް ހުށަހަޅައިފަ އެވެ.
ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާރް ބެން ގްވީރު ވަނީ އެ އެއްބަސްވުން ބަލައިނުގަތުމަށް ސިޔާސީ ބައިވެރިންގެ ކިބައިން އެދިފަ އެވެ. އޭނާ ބުނީ މިނިވަންކުރާ މީހުންގެ ތެރޭގައި އިޒްރޭލު މީހުން މެރުމުގެ ސަބަބުން އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ މީހުން ވެސް ހިމެނޭ ކަމަށާއި އެ ކަންކަން ބަލައިނުގަނެވޭނެ ކަމަށެވެ.