09 މާޗް 2017 - 22:48

މި އަހަރު ދެބައިވުމުގެ ކުރިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިޔަށްގެންދިޔަ ދެ ދުވަހުގެ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފްރީ ޓްރޭޑް އެގްރިމަންޓް ގާއިމުކުރުމުގެ މަޝްވަރާކުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އަދި މިހާރު އެ މަޝްވަރާތައް ނިމި، ސޮއިކުރުމުގެ ކުރިން ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ދެ ގައުމަށް ގަބޫލުކުރެވޭ ވަރަށް މަސައްކަތްތައް މިހާރު މިވަނީ ނިމިފައި. އެހެން ނަމަވެސް އެޑްމިނިސްޓްރޭޓިވްލީ ބައެއް ކަހަލަ ކަންތައްތައް އެބަހުރި ކުރަން. އެހުރިހާ ކަމަކާއެކު ވެސް އަޅުގަނޑުމެން އިއްޔެ ހިއްސާކުރި ގޮތަށް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެގްރިމަންޓްގައި ސޮއިކުރެވޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެ މަޝްވަރާތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖެއިން ހުށަހެޅި ހުރިހާ ކަންތައްތަކަކަށް މިހާރު ވަނީ ޕޮޒިޓިވް ނަތިޖާއެއް ނެރެވިފައި ކަމަށެވެ.
"މީގެ އެންމެ ބޮޑު ވިނާއެއް (ކާމިޔާބީއެއް ލިބުނީ) ރާއްޖެއަށް ކަމަށް ގަބޫލުކުރަނީ. ޗައިނީސް ސައިޑުން އިންވެސްޓްމަންޓްތައް އައުން އެކަށީގެން ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ދުވަހުން ފެށިގެން ޗައިނާއަށް އެކްސްޕޯޓްކުރާ ތަކެއްޗަށް ޑިއުޓީއެއް ނުނަގާނެ ކަމަށެވެ. އަދި ޗައިނާއިން ގެންނަ މުދަލަށް ރާއްޖެއިން ވެސް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރާއިރު އެމެރިކާ އާއި ޔޫރަޕިއަން ޔުނިއަން އާއި ޖަޕާން އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކާއެކު ވެސް އެފަދަ އެއްބަސްވުން ގާއިމުކުރަން ދައުވަތުދީފައިވާ ކަމަށެވެ. އަދި ހޮންކޮންގާއެކު މިހާރު ދެވަނަ މަޝްވަރާ ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަންނައިރު މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ތަފާތު ތިން ކަމާ ގުޅޭ ގޮތުންނެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ރާއްޖޭގެ އިތުރުން ޗައިނާއިން ވެސް ވަނީ ސެންސިޓިވިޓް ލިސްޓެއް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމާއި ބައިނަލްއަގުވާމީ ބާޒާރުގައި މުދާ ވިއްކާއިރު މުދަލުގެ އަސްލު ކަނޑައެޅުމާ ގުޅޭ ގޮތުން ވެސް ދެ ގައުމުގެ ދެމެދުގައި މަޝްވަރާކޮށްފަ އެވެ.