16 ޖެނުއަރީ 2025 - 14:00

ސައުދީ އަރަބިއާއިން މިއަހަރު ރާއްޖެއަށް ދީފައިވާ 50 ޓަނުގެ ކަދުރު އަންނަ ހޯމަ ދުވަހުން ފެށިގެން ބަހަން ފަށާއިރު، ރޯދަ ވީއްލުންތައް އިންތިޒާމްކުރާ ޖަމްއިއްޔާތަކަށް ވެސް ކަދުރު ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ބެހުމަށް ހަމަޖެހިފައިވާ ކަދުރުތައް ސައުދީ ސަރުކާރުން މިހާރު އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޖަމްއިއްޔާތަކުގެ ތެރެއިން ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމްއިއްޔާތަކަށް ވެސް ކަދުރު ބަހާނެ އެވެ. އެކަމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން މިނިސްޓްރީގައި ނަން ނޯޓް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
މީގެ ކުރިން ކަދުރު ބަހަނީ ހަމައެކަނި ގޭބިސީތަކަށް އެކަންޏެވެ.
ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި އަންނަ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ. ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަމްބަރަށް ބަލައި އަދި ކަދުރު ހަވާލުވާ މީހެއްގެ އައިޑީކާޑަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި ރަށްރަށުގައި ކަދުރު ބަހާނީ ކައުންސިލްތައް މެދުވެރިކޮށެވެ.
މާލޭ ސަރަަހައްދުގައި ކަދުރު ބަހާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ފެބްރުއަރީ 6 ގެ ނިޔަލަށެވެ. ކަދުރު ބަހާނީ 9:30 އިން މެންދުރު 1 އާ ހަމައަށެވެ.
މިދިޔަ އަހަރާއި އޭގެ ކުރީގެ އަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ސައުދީން ހަދިޔާކުރި އެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް މަހުގެ ފުރަތަމަ ދުވަހެވެ.