09 މާޗް 2017 - 22:09

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، ރައީސްކަމުން ވަކި ކުރަން ޖެހޭ ކަމަށާއި އެއީ ގައުމީ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފި އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި މަސީހު ހުންނަވައި ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމު ހަރާބުކޮށް، އުސޫލުތަކުގެ ބޭރުން ގާނޫނުއަސާސީއަށާއި ގާނޫނުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކޮށް ޝަރުއީ ނިޒާމު ހެޔޮ ގޮތުގައި ހިނގާކަން ކަށަވަރު ކުރުމަށް މަޖިލީހާއި މަޖިލީހުގެ މެމްބަރުންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް މަސީހު ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންވެ، މަސީހު މަގާމުން އަޒުލު ކުރުމަކީ ދިވެހި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއް ކަމުގައި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. މަސީހުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ވިސްނުން ވެސް އައީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ ތެރެއިން ކަމަށް ވެ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވާނެ އެވެ.
މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ގުޅިގެން މަޖިލީހަށް ހުށަހެޅީ 26 މެމްބަރުންގެ ސޮޔާއެކުގަ އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް ޕީޕީއެމާއި އެމްޑީއޭ އިން ބުނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ފެއިލްކޮށްލާނީ ފަސޭހަކަމާއެކުގައި ކަމަށެވެ.