ށ. އަދި އއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ޔަގީންވެއްޖެ
ށ. އަދި އއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ޔަގީންވެއްޖެ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ށ. އަތޮޅާއި އއ. އަތޮޅުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ސެމީ ފައިނަލް ކުޅޭ ޓީމުތައް ޔަގީން ވެއްޖެ އެވެ.

ރޭގެ މެޗުތަކުގެ ކުރިން ށ. އަތޮޅުގެ ސެމީ ފައިނަލް ކުޅޭ ތިން ޓީމު ވަނީ ޔަގީން ވެފަ އެވެ. އެއީ މިލަންދޫ އާއި ބިލެތްފަހި އަދި އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމެވެ. މި އަތޮޅުން ސެމީގެ ފަހު ޖާގަ ޔަގީން ކުރީ ނަރުދޫ އެވެ.

ނަރުދޫ ވަނީ ށ. އަތޮޅު ގުރޫޕް ބީގައި ރޭ ގޮއިދޫއާ ވާދަކޮށް 2-2 އިން އެއްވަރުކޮށްފަ އެވެ. ނަރުދޫ އާއި ގޮއިދޫ އަށް ވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ނަރުދޫ ސެމީގެ ޖާގަ ހޯދީ ފައިދާ ގޯލުން ގޮއިދޫއަށް ވުރެ ކުރި ހޯދައިގެންނެވެ. މި ގުރޫޕުގެ އެއް ވަނަ ހޯދާފައި ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރި ބިލެތްފަހި އެވެ. އެ ޓީމު ވަނީ ރޭ 7-1 އިން ޅައިމަގު ބަލިކޮށްފަ އެވެ.

މި އަތޮޅުގެ ގުރޫޕް އޭގެ ތިން މެޗު ވެސް ކާމިޔާބު ކޮށްގެން އެއް ވަނަ ހޯދީ މިލަންދޫ އެވެ. މިލަންދޫ ވަނީ ރޭ 2-0 އިން އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ކަނޑިތީމު ބަލިކޮށްފަ އެވެ. ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ހޯދި ކަނޑިތީމަށް ލިބުނީ ގުރޫޕުގެ ދެ ވަނަ އެވެ. އެންމެ ފަހުގެ ށ. އަތޮޅު ރަނަރަޕް ފޭދޫ ވަނީ ރޭ 4-0 އިން މަރޮށި ބަލިކޮށްފަ އެވެ. ނަމަވެސް ތިން ޕޮއިންޓާ އެކު އެ ޓީމަށް ވަނީ ގުރޫޕުގެ ތިން ވަނައިގައި އޮވެ މުބާރާތް ނިންމާލަން ޖެހިފަ އެވެ.

ށ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރެވެ. ފުރަތަމަ ސެމީގައި މިލަންދޫ އާއި ނަރުދޫ ބައްދަލުކުރާ އިރު، ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ބިލެތްފަހި އަދި ކަނޑިތީމެވެ.

އއ. އަތޮޅުން، ގެ ގުރޫޕް ބީގެ ރަސްދޫ އާއި ބޮޑުފޮޅުދޫ ވަނީ ރޭގެ މެޗުތަކުގެ ކުރިން ވެސް ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ.

ރަސްދޫ އާއި ބޮޑުފޮޅުދޫ ރޭ ބައްދަލު ކުރި މެޗު 0-0 އިން އެއްވަރު ވުމުން ދެ ޓީމަށް ވެސް ހަތް ޕޮއިންޓް ލިބިފައި ވާއިރު، ފައިދާ ގޯލުގެ ތަފާތުން ގުރޫޕުގެ އެއް ވަނަ ހޯދީ އެންމެ ފަހުގެ އަތޮޅު ރަނަރަޕް ބޮޑުފޮޅުދޫ އެވެ. މި ގުރޫޕްގެ ތިން ވަނައިގައި ނިންމީ ރޭ 7-3 އިން ފެރިދޫ ބަލިކޮށް ތިން ޕޮއިންޓް ހޯދި މާޅޮހެވެ.

ގުރޫޕް އޭޭގައި ހިމެނޭ އެންމެ ފަހުގެ އއ. އަތޮޅު ޗެމްޕިއަން މަތިވެރި ވަނީ ރޭ 4-0 އިން ހިމަންދޫ ބަލިކޮށް، ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ. ދެ ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ ރޭ 4-2 އިން އުކުޅަސް ބަލިކޮށް ހަ ޕޮއިންޓް ހޯދި ތޮއްޑޫ އެވެ. އުކުޅަހަށް ޕޮއިންޓެއް ނުލިބި މުބާރާތް ނިންމާލި އިރު، ގުރޫޕްގެ ތިން ވަނައިގައި ނިންމީ ހިމަންދޫ އެވެ.

އއ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ. ފުރަތަމަ ސެމީގައި މަތިވެރި އާއި ރަސްދޫ ބައްދަލުކުރާ އިރު ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ބޮޑުފޮޅުދޫ އާއި ތޮއްޑޫ އެވެ.

މުބާރާތުގައި މިއަދު ހަވީރާއި ރޭގަނޑު ވެސް އަތޮޅު ބުރުގެ މެޗުތައް ކުޅޭނެ އެވެ. އެގޮތުން ހަވީރު ކުޅޭނީ ގދ. އަތޮޅާއި ފ. އަތޮޅުގެ މެޗުތަކެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ނ. އަތޮޅާއި ސ. އަތޮޅުގެ އިތުރުން ވ. އަތޮޅާއި މ. އަތޮޅުގެ މެޗުތަކެވެ.