15 ޖެނުއަރީ 2025 - 13:31

ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކްކުރަން ނިންމާފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ޓިކްޓޮކާއި އެކްސް ބޭނުން ކުރުން މަނާކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.
ހީނާ ވިދާޅުވީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެއްވެސް ފްލެޓްފޯމެއް ބްލޮކް ނުކުރާނެ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާއެއް ވެސް ކޮށްފައި ނުވާ ކަމަށް ހީނާ ވިދާޅުވި އެވެ.
"ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވެ އެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައި ވެސް ނުވެއެވެ،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ގާނޫނުއަސާސީން ލިބިފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ގާނޫނުއަސާސީގެ އިންތަކާއި ހުދޫދުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދިނުމެވެ.