ދަރިންނަށް ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމުކުރަން ބައެއް ކޯޓުތަކުން ފަށައިފި
ދަރިންނަށް ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމުކުރަން ބައެއް ކޯޓުތަކުން ފަށައިފި

ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރަން ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން ފަށައިފި އެވެ.

ހުކުމާ އެއްގޮތަށް ދަރިންނަށް ހަރަދު ނުދޭ މީހުންނަކީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ކޯޓުތަކުން ބަލަ އެވެ. އަދި އެފަދަ މީހުންގެ ވަނަވަރު އާންމުކޮށް އިއުލާން ކުރަން އާއިލާއާ ބެހޭ ގަވާއިދުން ދަށުން ހުއްދަ ކުރެ އެވެ.

ނަމަވެސް ފެމެލީ ކޯޓުން މިހާތަނަށް އެގޮތަށް މީހުންގެ ވަނަވަރު އާންމުކޮށްފައެއް ނުވެ އެވެ.

ފެމެލީ ކޯޓުން އެގޮތަށް މީހުންގެ މައުލޫމާތު މިހާތަނަށް އާންމުކޮށްފައިނުވީ ނަމަވެސް، މި މަހުން ފެށިގެން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ ދަރިންނަށް ހަރަދު ނުދައްކާ މީހުންގެ ވަނަވަރު އާންމުކުރަން ފަށައިފަ އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ ދަރިންގެ ހަރަދު ނުދައްކާ މީހެއްގެ މައުލޫމާތު އާންމުކޮށް އިއުލާންކޮށްފަ އެވެ. އަދި މި މަހުގެ ހަތް ވަނަ ދުވަހު ހިންނަވަރު ކޯޓުން ވެސް ދަރިންނަށް ހަރަދު ނުދައްކާ މީހެއްގެ ވަނަވަރު އާންމުކޮށްފަ އެވެ.

ދަރިންނަށް ހަރަދު ނަގައި ދިނުމުގެ ގަވާއިދުތައް މިހާރު އޮންނަ ގޮތުން މިހާރު ނަގައިދެނީ އެންމެ ކުއްޖެއް ހުރި ނަމަ މަހަކު 2،000ރ. އާއި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000ރ. ގެ ރޭޓުންނެވެ. ނަމަވެސް ކުއްޖާގެ ބައްޕަގެ ތަނަވަސްކަން ހުރި ނަމަ ނުވަތަ ކުއްޖާ އަށް އިތުރު ހަރަދުތަކެއް ކުރަންޖެހޭ ނަމަ އެ އަށް ވުރެ އިތުރަށް ހަރަދު ނަގައި ދެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ.