15 ޖެނުއަރީ 2025 - 11:01

މާލޭގެ މަގުމަތިން ޒަހަމް ތަކަކާ އެކު ފެނުނު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
ސެނެހިޔާ ހޮސްޕިޓަލް ސަރަހައްދުން މަގުމަތިން ޒަހަމްތަކަކާ މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު އެވެ.
ފުލުހުން ބުނި ގޮތުގައި ޒަހަމްތަކަކާއެކު ފެނުނީ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ މީހާ ފެނުނު ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.