15 ޖެނުއަރީ 2025 - 10:31

ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައި، ގެއްލުން ދީފި އެވެ.
ޕީއެންސީ އަށް މެންބަރުން އިތުރު ކުރަން ވަގު ފޯމްތަކެއް ހުށަހަޅާފައިވާ މައްސަލާގައި އެމްޑީޕީން ވަނީ އެކަން ކުރި ކަމަށް ތުހުމަތުވާ މީހުންގެ ފޮޓޯ ޖަގަހައިގެ ގޭޓުގައި ހަރުކޮށްފަ އެވެ.
ރޭގެ ވަގުތެއްގައި އެތަނަށް ބަޔަކު ކަޅުތެޔޮ ޖެހުމުން ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް މައްސަލަ ބަލައިފަ އެވެ.
ނަމަވެެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ޕާޓީތަކުގެ މެދުގައި ހިނގާ އެފަދަ ކަންކަމާ ގުޅިގެން ކަޅުތެޔޮ ޖެހުމަކީ ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަގު ފޯމްތަކެއް ޕީއެންސީން ހުށަހެޅި މައްސަލާގައި އެމްޑީޕީގެ މެންބަރުން ވަނީ އެ އޮފީސް ކައިރީގައި ވެސް އިހުތިޖާޖު ކޮށްފަ އެވެ.
އެ ޕާޓީ އަށް ވަގަށް ވެއްދި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކާއި އާންމު ގިނަ މެންބަރުން ހިމެނެ އެވެ. އެ މައްސަލަ އެމްޑީޕީން ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.
މި މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.