ކަޅު ހަރުފަ
ކަޅު ހަރުފަ

(އާދިއްތަ ދުވަހާ ގުޅޭ)

"ކީއްކުރަން ނަޖޫ ލައްވާ އަހަންނަށް ބޭބެ ކިއުއްވީ؟" ރާއިދު ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ.
އެއީ ސަލްވާ އެކަނި ކުރި ކަމެއް ނޫނެވެ. ހާމިދާޔާ ދެ މީހުން ކުރި ކަމެއް ވެސް ނޫނެވެ. ކުޑައިރު ފެންނަހައި މީހަކަށް ދައްތަބޭބެކޮއްކޮ ކިޔުއްވުމަކީ ދިވެހީންގެ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ވެސް މެއެވެ. ފަހަރެއްގައި ވެސް އެ އިން ނުކުމެދާނެ މައްސަލައާ މެދަކު ނުވިސްނެއެވެ.

"ދަރިފުޅަށް ވެސް އެނގޭނެ ހާމިދާއަކީ މަންމަގެ ބެސްޓްފްރެންޑްކަން،" ސަލްވާ ބުންޏެވެ. "އޭނަގެ ކުދިންނަށް ކިހިނެއް ނަމުން ކިޔާނީ ދަރިފުޅާ؟ މަންމަގެ ދަރިންނަށް ވެސް އޭނަ ކިޔާނީ ދަރިފުޅު. އޭނަގެ ދަރިފުޅަށް މަންމަ ވެސް..."

"މަންމަމެން ކޮންމެ އެއްޗެއް ކިޔަސް އަހަންނަށް އޯކޭއޭ،" ސަލްވާގެ ޖުމުލަ ނިމެންދެން މަޑުނުކޮށް ރާއިދު ބުންޏެވެ. "ކީއްވެހޭ އަހަރެން ލައްވާ ކޮއްކޮ ކިޔުއްވާފަ ނަޖޫ ލައްވާ ބޭބެ ކިޔުއްވީ؟ މަންމަމެން ތީ ބޮޑެތި މީހުން. ވިސްނޭ މީހުން."

ރާއިދުގެ ރުޅިއަށް ވުރެ ހިތާމައިން ސަލްވާގެ ހިތަށް ކުރި އަސަރު ބޮޑެވެ. އެހެނަސް ދެއްކޭނެ އެހެން ސަބަބެއް ނެތެވެ. ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން ސަލްވާއަށް ގަބޫލު ވެސް ކުރެވިއްޖެއެވެ.

"ދެން މަންމައަކަށް ނޭނގެ ބުނާނެ އެއްޗެއް ދަރިފުޅާ!" ރާއިދުގެ ހިތާމައިގައި ބައިވެރިވަމުން ސަލްވާ ބުންޏެވެ. "ދެން އެ ހިޔާލު ދޫކޮށްލާ!"

"އުހުނ! އެހެން ކަމަކު ނުދާނެ،" ރާއިދަކަށް އެއްބަހެއް ނުވެވުނެވެ. "މަންމަޔާ ހެދި މިހެން ވީ. އަހަރެން މި ވާހަކަ ނުދައްކަން ހުއްޓާ މަންމައެއްނު ބުނީ ގޮސް ނަޖޫއާ ވާހަކަ ދައްކާށޭ! ދެން މަންމަ ޖެހޭނެ މި ކަން ފިކްސް ކުރަން. ނަޖޫއާ މެރީ ނުކުރެވިއްޖެއްޔާ އަހަރެން ދުވަހަކު ވެސް މެރީއެއް ނުކުރާނަން."

"އައްދެއައްދެ!" ސަލްވާ ބުންޏެވެ. "އަދި ތިހާ ހިސާބަށް ދާކަށް ނުވެއެއްނު ދަރިފުޅާ! ތީ މަންމަގެ ދަރިޔަކު ބުނާ ކަހަލަ އެއްޗެއް ވެސް ނޫނެއްނު! ބަލަ ކުރިން ބޭބެ ކިޔަސް ދެން ނުކިޔާށޭ ބުނެބަލަ! އެ ނިމުނީނު!"

"ނުނިމުނޭ!" ވަރުބަލިވެފައިވާ ރާގެއްގައި ރާއިދު ބުންޏެވެ. "ދެން މަންމަ ގުޅާ ނަޖޫއަށް."

އެ ކަމާ ކުރިމަތިލުމުން ސަލްވާއަކަށް ވެސް އެއީ ފަސޭހަކަމަކަށް ނުވިއެވެ. އެއް ފަހަރު ހިތަށް އަރަނީ ހާމިދާ ގާތުގައި އެ ވާހަކަ ދައްކާށެވެ. އަނެއް ފަހަރު ހިތަށް އަރަނީ ފުރަތަމަ ނަޖާތާ މަޝްވަރާ ކުރާށެވެ. ސަލްވާގެ ފިރިމީހާ ލައްވައި ހާމިދާގެ ފިރިމީހާއަށް ގުޅުވަން ވެސް ހިތަށް އެރިއެވެ. ހައްތައި ވެސް ގޮތްގޮތެވެ. އެހެނަސް، ފިރިމީހާގެ ގޮތް ސަލްވާއަށް އެނގެއެވެ. އެ ކަހަލަ ކަންކަމުގެ ތެރެއަށް އޭނައެއް ނުވަންނާނެއެވެ.

ނަޖާތު އާއި ރާއިދު އެތައް ވަގުތެއް ފޯނުގައި ހޭދަކުރެއެވެ. އެ ގުޅުން ވެސް ވަނީ މެދުކެނޑިފައެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ، އިސްނަގައި އަނެކަކު ގުޅާށެވެ. ދައްކާނެ ވާހަކަ އެބަހުއްޓެވެ. ނެތީ ފަށްޓާނެ މީހެކެވެ. އެތައް ބައިވަރު މެސެޖެއް ބަދަލުކުރެވިފައި އެބަހުއްޓެވެ. އެ އަށް ބެލުމުން، ކުރިން ގެއްލިފައިވާ މަންޒަރެއް ނަޖާތުގެ ލޮލުގައި އަޅައިގަތެވެ. ސިއްރެއް ބުނަން ރާއިދު ވަރަށް މަސައްކަތް ކޮށްފައި ހުއްޓެވެ. ނަޖާތަށް ހަމަ ނުވިސްނުނީއެވެ.

ހޫނު ގުޅަ ކޮތަޅެއް ހިފައިގެން ހާމިދާއާ ބައްދަލުކުރަން ސަލްވާ ދިޔައެވެ. އެކުގައި އައީ ސަލްވާގެ އަންހެންދަރިފުޅު ޒަފާއެވެ. ރާއިދެއް ނާދެއެވެ. އެއީ ކުރީން ނުވާ ކަމެކެވެ. އެ ސުވާލު ހިތުގައި އުފެދުނު ނަމަވެސް، ސައިބޯން އިށީނދެފައި ހާމިދާ ކުރީ އެހެން ސުވާލެކެވެ.

"ކުރީ ދުވަހު ޓަސްލާފަ ރާއިދު ކީއްވެތަ ދިޔައީ؟" ހާމިދާ އެހިއެވެ.

"ކުޑަކޮށް ހުން ވައްތަރުވާން ފެށީމައޭ ބުނީ." ސަލްވާ ތައްޔާރު ކޮށްފައިވާ ޖަވާބަކީ އެއީއެވެ.

"އެހެންތަ؟" ހާމިދާ ބުންޏެވެ. "އެހެންވެ ދޯ މިއަދު ނައީ؟"

ސަލްވާ އާނއެކޭ ބުނުމުގެ ބޯޖަހައިލުމުން ޒަފާ ވަރަށް ހައިރާންވެފައި މަންމައާ ދިމާއަށް ބަލައިލިއެވެ. ބޭބެ ބަލި ނުވާކަން ޒަފާއަށް އެނގެއެވެ. ޒަފާ އެއްޗެއް ބުނެފާނެތީ ސަލްވާ އެހެން ވާހަކައެއް ފެށިއެވެ.

"ނަޖޫއަށް މިއަދު ގުޅަ ވަސް ނުދުވަނީތަ؟" ސަލްވާ އެހިއެވެ.

"އަހަރެން ވެސް އެބަ ހިތަށްއަރާ ތިހެން،" ހާމިދާ އެހެން ބުނެފައި ދެ ފަހަރަކު ނަޖާތަށް ގޮވައިލިއެވެ.

"އަންނާނަން ބަލައިލާފަ."

ސަލްވާ ހަދާ ފުށްގުޅައަކީ ނަޖާތުއަށް މާ މީރު އެއްޗެކެވެ. އެކަމަކު ރާއިދުގެ މަންމަޔާ ހަތަރުކަޅި ހަމަކުރާކަށް ނަޖާތުއަކަށް ފަސޭހައެއް ނޫނެވެ. ރާއިދަށް ދެވުނު ޖަވާބަކުންނެވެ. ވާހަކަ ކިޔާ ކަމަށް ހެދިގެން ކޮޓަރީގައި އޮތް ނަޖާތު ގާތުގައި ހާމިދާ ބުނުމުން ވެސް ނައެވެ.

"މި ތަންކޮޅު ކިޔާލާފަ ދެވޭނީ،" ނަޖާތު ބުންޏެވެ. "އަޅެ މަންމަ އަހަންނަށް ގުޅަކޮޅެއް ގެނެސްދީބަލަ! ޕްލީޒް!"

ހާމިދާ ގޮސް ތަށްޓަކަށް ގުޅަ އަޅަން ފެށިއެވެ.

"ވާހަކަފޮތުގަ ތަތްވެފަ އޮތީ،" ހާމިދާ ބުންޏެވެ. "ގެނެސްދޭށޯ؟"

ތަށްޓަށް ގުޅަ އެޅުމުން ސަލްވާ އެ ތަށި ހިފައިގެން ހިނގައިގަތެވެ.

"އެއްކަލަ މަސާލާ ސައި ހަދާ!" ހާމިދާ ބުންޏެވެ. "އަންނާނަން މި ދީފަ."

ސަލްވާ ކޮޓަރީގެ ދޮރު ހުޅުވައިލުމުން ނިކަން އުފާވެފައި ނަޖާތަށް ބަލައިލެވުނެވެ. މަންމަ ކަމަށް ހީކޮށެވެ. ސަލްވާ ފެނުމުން ނަޖާތު ވަގުތުން ވާހަކަ ކިޔާ ކަމަށް ހެދުނެވެ. އެނދުމަތީގައި ތަށި ބަހައްޓާފައި އެނދުގައި ސަލްވާ އިށީނެވެ.

"އަހަރެން މީ ދަރިފުޅު ނަމަވެސް ހަމަ ތިހެން ހަދާނީ،" ސަލްވާ ބުންޏެވެ. "އެކަމަކު ތީ އަދި ހައްލެއް ނޫން. ހިނގާ އަހަރުމެން ދެމައިން ވެގެން މި ކަމާ ކުރިމަތިލަމާ! ހިނގާ ސުމަކުން ފަށަމާ!"

"ސުމަކާ ހަމައަށް ގެންގޮސްދީ!" ނަޖާތު އެދުނެވެ. "ދުނިޔެ ރިވާސް ކޮށްލާފަ، ވީ ހުރިހާ ކަމެއް ނުވާ ކަމަކަށް ހަދާލަދީ! ހުރިހާ މެމޮރީއެއް ފުހެލަދީފަ، އަހަރުމެން މީ ސްޓްރޭންޖަރސްއަށް ހަދާލާ! ހެދޭނެ؟"

"ތި ހުންނަނީ ނުވާނެ ކަންތައް." ސަލްވާ ބުންޏެވެ.

"މަންމަ ތި ބުނާ ކަންތައް ވާނެތަ މަންމާ؟" ވަރަށް އިހުތިރާމާ އެކުގައި ނަޖާތު ބުންޏެވެ. "ކިހިނެއް ސުމަކުން ފަށާނީ؟"

އެހެން ބުނެފައި ނަޖާތު ތެދުވެގެން ގޮސް އަލަމާރި ހުޅުވައިލާފައި ކާޑު ބޮނޑިއެއް ނަގައިފައި އެނދުމައްޗަށް އެއްލިއެވެ. ސަލްވާ ބަލައިލި އިރު އެއީ ރާއިދު ފޮނުވައިފައި ހުރި ކާޑެވެ. ނަޖާތުގެ ހަތްވަނަ އުފަންދުވަހުން ފެށިގެން ކޮންމެ އުފަންދުވަހަކުއެވެ. އޭގެ ފަހުން އައި ކޮންމެ އާ އަހަރެއްގެ ފެށޭ ދުވަހުއެވެ. ކޮންމެ ކުޑަ އީދު ދުވަހަކުއެވެ. ކޮންމެ ބޮޑު އީދު ދުވަހަކުއެވެ. ކޮންމެ ކާޑެއްގައި ވެސް ޖަހާފައި އޮތީ "ސިސްޓަރ" އެވެ.

"ކޮންމެ ކާޑަަކަށް ނަޖޫ ވެސް އޮންނާނެ ބްރަދަރ ޖަހާފަ ކާޑެއް ފޮނުވާފަ،" ނަޖާތު އެހެން ބުނީ ރުޅި އައިސްގެނެއް ނޫނެވެ. ގޮތް ހުސްވެފައިވާ ރާގެއްގައެވެ. "ފިފްޓީން ޔިއާރސް ވެއްޖެ ބޭބެ ކިޔާތާ!"

ސަލްވާ އިރުކޮޅެއް ވަންދެން ވިސްނަން އިނެވެ. ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"އެނގޭ ފަސޭހައެއް ނުވާނެކަން،" އެންމެ ފުރަތަމަ ވެސް ސަލްވާ އެއްބަސްވިއެވެ. "މަންމަ މި އައީ ރިކްއެސްޓެއް ހިފައިގެން. ޓްރައި ކޮށްލަދޭށޭ! ކުރިން ވެސް ވާހަކަ ދައްކާހެން ދެ ކުދިން ވާހަކަ ދައްކާށޭ!"

"އެންމެ ރަނގަޅު. މަންމަ ބުނެބަލަ ނަޖޫ ހަދަންވީ ގޮތެއް." ނަޖާތު އެދުނެވެ.

"އޭރުން ކަމަކު ނުދާނެ،" ސަލްވާ ރޮނގެއް ދަމައިލަމުން ބުންޏެވެ. "އަކުރު މަތީ އަކުރެއް ދެނެއް ނާޅާނަން. ކުރިން ވެސް މަންމައަށް މި އޮތީ ގޯސް ހެދިފަ. ނަޖޫ އަމިއްލައަށް ވިސްނާ!"

ނަޖާތު ވިސްނަން ފެށިއެވެ. ރޭގަނޑު ކޮޓަރީގައި ހޭލާ އިނދެގެން ފުރަތަމަ ފެށީ ހުރިހައި ކާޑުތަކުން "ސިސްޓަރ" ކަނޑައިލާށެވެ. އެ ކަން ކުރެވުނެވެ. ސިކުނޑިއަށް ލުއިވިއެވެ. ބަހައްޓާ ކަހަލަ، އަޅުވާ ކަހަލަ ކުދިކުދި ހަދިޔާތައް ވެސް ހުއްޓެވެ. ބައެއް އެއްޗެހި ޖެހުނީ އުކައިލާށެވެ. ހެނދުނުވީ އިރު ފުރަތަމަ މަރުހަލާ ކަޑައްތު ކުރެވިއްޖެއެވެ.

ދެވަނަ މަރުހަލާއަކީ، ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވައިލުމެވެ. އިސްނެގީ ނަޖާތެވެ. ރާއިދަށް ގުޅާކަށް ނުކެރުނެވެ. މެސެޖެއް ލިޔަން ފެށިއެވެ. ލިޔަމުން ގޮސް ވަރަށް ދިގުކޮށް ލިޔެފައި އެއްކޮށް ފުހެލިއެވެ. އެ ހިޔާލު ކަމަކު ނުދިޔައެވެ.

"ހައި" ފެށުމެއް ކަމަށް ބަލައިފައި ނަޖާތު ފޮނުވި މެސެޖަކީ އެއީއެވެ.

ވަގުތުން ރާއިދު ގުޅިއެވެ. ހީވާ ކަހަލައެވެ. ރާއިދު އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. ކުރިން ނަގާހެން ނަޖާތަކަށް އެ ފޯނެއް ނުނެގުނެވެ. އެއީ ނަޖާތަށް ލިބުނު އުފަލެކެވެ. ބަދަލެއް އައި ކަމުގެ ނިޝާނެކެވެ. ކުރީގެ ނަޖާތު ނަމަ، ވަގުތުން އެ ފޯނު ނަގައިފައި ވާހަކަ ދެއްކުނީހެވެ. އެ ފަހަރު ފޯނު ނަގައިފައި ނަޖާތު އިނީއެވެ. ގަޑިއެއްގެ އިރު ހެން ހީވި ތިން ސިކުންތު ވެއަތުވިއެވެ.

"ހައި!" ފުރަތަމަ ވާހަކަދެއްކީ ރާއިދެއެވެ.

"މިއަދު އަހަންނަށް ވަރަށް ސަޅި ފިލްމެއް.." ނަޖާތަށް ބުނެވުނީ އެ ހިސާބަށެވެ.

"ފުރަތަމަ ހިނގާ ސީރިޔަސް ޓޮޕިކަށް ދަމާ!" ރާއިދު އެދުނެވެ. "ޕްލީޒް!"

"އޯކޭ! ހިނގާ!" ނަޖާތު އެއްބަސްވިއެވެ. "މީ އަހަރެންގެ އައިޑިޔާ! ހިނގާ އަހަރުމެން ދުވަސްކޮޅެއް ވަންދެން ނުފެނި އުޅެމާ! ގެއިން ވެސް މަގުމަތިން ވެސް ފެނިގެން ނުވާނެ. ނޯ ފޯން. ނޯ މެސެޖް."

"ނުވާނެ ތި ކަމެއް،" އިނގިރޭސިން ރާއިދު ބުންޏެވެ. "އަހަރެން މޮޔަވެދާނެ."

ނަޖާތު ހީނގަތެވެ. އެހައި ހިސާބަށް ކަންތައް ދިޔަ ކަމަކަށް ނަޖާތު ހިޔެއް ނުކުރެއެވެ. ރާއިދަށް ހީވީ އެއީ މަލާމާތެއް ކަމަށެވެ.

"އަހަންނަކަށް މަޖައެއް ނޫން!" ރާއިދު ވަރަށް ސީރިޔަސް ރާގަކަށް ބުންޏެވެ. "އެއްވެސް މަޖައެއް ނޫން."

ފޯނު ކެނޑުނެވެ. ނަޖާތަށް ލިބުނީ ޝޮކެކެވެ. ލޯތްބަކީ އޭރު ނަޖާތަށް އާ މަގެކެވެ. އާ އިހުސާސެކެވެ.

"ކަނޑައިލީތަ؟" ހިތާހިތުން ނަޖާތަށް ބުނެވުނެވެ.

އަނެއްކާ ނަޖާތު ގުޅިއެވެ. ހަމަ ގުޅާ އިރަށް ރާއިދު ފޯނުނަގައެވެ.

"އަޅެ ދެން ތިހާ ސީރިޔަސް ނުވެބަލަ!" ނަޖާތު އެދުނެވެ.

"އަހަރެން ބުނާނީ ނަޖޫ ތަންކޮޅެއް ސީރިޔަސް ވެބަލާށޭ!" ރާއިދު ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ތިހެން އުޅެނިކޮށް އަހަންނަށް ކުރެވޭ ކަމަކުން ނަޖޫ މުޅި ލައިފްގަ ރިގްރެޓް ކުރަން ޖެހިދާނެ އިނގޭ!ހީނުކުރައްޗޭ އަހަރެން ސަމާސަ ކުރަނީއޭ! ނީވެއެއްނު އަހަރެން ހޭ އަޑެއް ވެސް."

ރާއިދަކީ ކެރޭ މީހެކެވެ. ކަމެއް ކުރަން ފަސްޖެހޭ މީހެއް ނޫނެވެ. ކުޅެން އުޅުނު އިރު، އެތައް ފަހަރަކު ރާއިދު އެ ކަން ސާބިތު ކޮށްދީފިއެވެ.

"ދެން ނޫން.." ނަޖާތަށް ބުނެވުނެވެ. "ސްޓްޕިޑް ކަމެއް ނުކުރައްޗޭ! ސީރިޔަސް ވީމައެއްނު މި ގުޅީ!"

"އޯކޭ! ކިހާ ސީރިޔަސްތޯ ބަލާލަފާނަމޭ!" ރާއިދު ބުންޏެވެ. "އަހަރެންގެ ނަމުން އަހަންނަށް ގޮވާލަބަލަ!"

ނަޖާތަކަށް ނުކެރުނެވެ. ރާއިދުގެ ނަމުން ގޮވަން ނަޖާތުގެ ތުންފަތް އިއުތިރާޒު ކުރިއެވެ. (ނުނިމޭ)