09 މާޗް 2017 - 18:48

އެކަކު މަދުކޮށް ކުޅެ ނިއު ރޭޑިއަންޓުން މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
ޖެހިޖެހިގެން ދެ ވަނަ މެޗުން ހޯދި މޮޅާ އެކު ނިއު ހަ ޕޮއިންޓް ހަމަކޮށްފައިވާއިރު ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނަ ގްރީން ސްޓްރީޓްސް އެވެ. އެއް މެޗު ކުޅެފައިވާ މާޒިޔާ އާއި ދެ މެޗު ކުޅެފައިވާ ކްލަބް އީގަލްސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ އާއި ސާބިއާ ޑިފެންޑަރު މާކޮވިޗް ސްޓެވާން އާއި އަލީ ފާސިރު (ސެންޓޭ) ނިއު އަށް ލަނޑު ޖަހައިދިން އިރު އެ ޓީމުގެ ޖަޕާން މިޑްފީލްޑަރު އޮގާވާ ކެއިސުކޭ އަށް ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ރަތްކާޑެއް ދައްކައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. ހޫނުގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ކުޅެގަންނަން ދަތިތަކެއް ދިމާވި އެވެ. ފުރަތަމަ ހާފުގައި ނިއު އިިން ފޮނުވާލި ދެ ހަމަލައެއް ޔުނައިޓެޑް ވިކްޓަރީގެ ކިރްގިސްތާނުގެ އާމިރޯފް ރުސްލާން ވަނީ މަތަކޮށްފަ އެވެ. މި ދެ ބޯޅަ ވެސް އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ގަލާޑޯ އެވެ. އޭގެ ކުރިން ގަލާޑޯ ދިން ބޯޅައަކަށް ސެންޓޭ އަރައި ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި މަތިންނެވެ.
ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ވެސް ގަލާޑޯ ވަނީ ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފަ އެވެ. މި ފަހަރު ވެސް ހުރަހަކަށްވީ ކިރްގިސްތާން ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކީޕަރު ރުސްލާން އެވެ. އެކަމަކު 50 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދައި ސެންޓޭ އޭރިއާ ތެރެއަށް ވަދެ ގަލާޑޯ އަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މިއީ އޭނާ ދެ މެޗުން ޖެހި ތިން ވަނަ ލަނޑެވެ.
މި ގޯލާ އެކު ނިއު އަށް ހަމަޖެހުން ލިބި މެޗުގެ ކޮންޓްރޯލް އިތުރަށް ހޯދި އެވެ. އެކަމަކު މައްސަލައަކަށްވީ 64 ވަނަ މިނެޓުގައި ޖަޕާން މިޑްފީލްޑަރު އޮގާވާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމެވެ. ނިއު އިން އެކަކު މަދުވި ނަމަވެސް މާގިނަ އިރުތަކެއް ނުވަނީސް އެ ޓީމުގެ މާކޮވިޗް ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ގޯލް އޭނާ 69 ވަނަ މިނެޓުގައި ޖެހީ ކޯނަރަކުން ސެންޓޭ ހުރަސްކުރި ބޯޅައެއް ބޮލުން ޖަހަ އެވެ.
އޭގެ ފަހުން ސެންޓޭ އަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެކަނިމާއެކަނި އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މި ހާފުގައި ޔުނައިޓެޑް ވިކްޓަރީގެ ފޯވާޑް ތިހޯމިރް ވަޓްސްކޯ ވަނީ ހިލޭ ޖެހުމުން ދެ ފަހަރު ނިއު އަށް ނުރައްކާކޮށްފަ އެވެ.
ނިއުގެ ތިން ވަނަ ލަނޑު 89 ވަނަ މިނެޓުގައި ސެންޓޭ ޖެހީ ގަލާޑޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެއް ލަނޑު ޖަހައި ދެ ލަނޑު ޖަހަން މަގުފަހިކޮށްދިން ސެންޓޭ އެވެ.