09 މާޗް 2017 - 19:09

ތިން މަސް ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށްފައިވާ އަހުމަދު ނަބީހު، 14، އަށް އިމާދުއްދީން ސްކޫލުން ރަތް ދޫލައިގެ މަރުހަބާއެއް މިއަދު ކިޔައިފި އެވެ.

އުމުރުން ހަ އަހަރުން ފެށިގެން އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުން ތައުލީމް ހާސިލްކުރަމުން އަންނަ ނަބީހަށާއި އޭނާގެ މަންމަ އާމިނަތު މުހައްމަދު އަދި ބައްޕަ އަބްދުލް ގާދިރު އެ ސްކޫލަށް ދިއުމުން ވަނީ، އެ މީހުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކޮށްފަ އެވެ.

ނަބީހުގެ އެ ކާމިޔާބީގެ އަގުވަޒަންކުރަން ސްކޫލުގެ ހޯލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޕްރިންސިޕަލް ލަތީފާ އަހުމަދު ވިދާޅުވީ ނަބީހު ވަނީ އެ ސްކޫލާއި މުޅި ގައުމު ވެސް ފަހުރުވެރިކޮށްދީފައި ކަމަށާއި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ވެދާނެ ކަން ނަބީހު ދައްކައިދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގުރުއާނަކީ މި ބިން މަތީގައިވާ އެންމެ މާތް ފޮތް ކަމަށާއި އެ ފޮތް ދަސްކޮށް އެ ފޮތުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ލަތީފާ އެދިވަޑައިގަތެވެ.
ނަބީހުގެ ދިރިއުޅުމުން ފިލާވަޅު ނަގައި ކޮންމެ ކުއްޖެއް ވެސް ގުރުއާން ދަސްކުރުމުގެ މަސައްކަތް ކުރުމަށް އޭނާ ވަނީ ނަސޭހަތް ދީފަ އެވެ.
މި ރަސްމިއްޔާތުގައި އެމް ސެވަން ޕްރިންޓާއި އެ ސްކޫލުގެ ފަރާތުން ނަބީހަށް ވަނީ ހަދިޔާ ދީފަ އެވެ.
ނަބީހުގެ ބައްޕަ އަބްދުލް ގާދިރު ބުނީ ބޭނުންވީ މީޑިއާގެ ކުރިމަތީގައި ސަމާލުކަން ހޯދަން ނޫން ކަމަށާއި މަސައްކަތް ކުރަމުން އައީ އެ ދެމަފިރިން ނެތަސް ނަބީހަށް ދުނިޔޭގެ އުޅެވޭނެ މަގެއް ހޯދައިިދިނުމަށް ކަމަށެވެ. ނަމަވެސް ދަތިތަކާއެކު ވެސް އުއްމީދު ކުރި ވަރަށް ވުރެ ދުރަށް ދެވިއްޖެ ކަމަށް އޭނާ ބުންޏެވެ.
ނަބީހަކީ އޯޓިސްޓިކް ކުއްޖަކަށް ވުމުން ބައެއް ގުރުއާން ކްލާސްތަކުން ވަނީ އޭނާއަށް ގުރުއާން ކިޔަވައިދޭން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ގެއަށް ގުރުއާން ޓީޗަރެއް ގެންގޮސް، ގުރުއާން ހިތުދަސްކުރަން އަޒުމް ކަނޑައަޅައިގެން މަސައްކަތް ފެށިތާ ތިން މަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ އެކަން ހާސިލްކޮށްފަ އެވެ.
ގުރުއާން ހިތުދަސްކުރަން މެދުނުކެނޑި މަސައްކަތް ކޮށްފިނަމަ އާއްމުކޮށް އެކަން ކުރެވޭނީ އެންމެ އަވަހަށް ވެސް ދެ ތިން އަހަރު ފަހުންނެވެ. ރަނގަޅަށް ގުރުއާން ދަސްކުރަން ހައެއްކަ އަހަރު ނަގާނެ ކަމަށް، ގުރުއާން ހިތުދަސްކޮށްދިނުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެ އެވެ.