13 ޖޫން 2016 - 20:48

ވެޓެރަންސް ކަޕްގައި މިއަދު ބީޖީ ސްޕޯޓްސް އަތުން 4-1 އިން ހޯދި ފަސޭހަ މޮޅާ އެކު ވެލެންސިއާ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވަ މި މުބާރާތުގެ ދެ ވަނަ ބުރުން ވެލެންސިއާ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެ މެޗުން މޮޅުވެގެންނެވެ. ވެލެންސިއާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެ ޓީމު ވަނީ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ 11 ވަނަ މިނިޓްގައި ވެލެންސިއާ އަށް ލީޑު ނަގައިދިނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް މައުސޫމް އަބްދުލް ގަފޫރު (މާސޭ) އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލެންސިއާގެ ލީޑުފުޅާކޮށްދިނީ އިސްމާއިލް އަނިލް އެވެ.
ދެ ވަނަ ހާފްގައި ވެލެންސިއާގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް މޮޅުކުޅުމެއް ދެއްކި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި މުހައްމަދު ރަމީޒް އެވެ.
ބީޖީ ސްޕޯޓްސްގެ ހަމައެކަނި ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކުރީ ގައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުރިން ކުޅުނު އާދަމް ލަރީފް (ރޮނާ) އެވެ. މި މެޗުގެ ދެ ވަނަ ހާފްގައި ބީޖީގެ އިމްރާން ވާފިރު އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ވެލެންސިއާގެ ޔޫސުފް އަޒީމް (ޔޫއްޓޭ) އަށް ފައުލުކުރުމުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ވެލެންސިއާގެ އިއްސޭ އަށެވެ.
މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމްކުރާ މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ވިކްޓަރީ އާއި ނިއު ރޭޑިއަންޓެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.