14 ޖެނުއަރީ 2025 - 09:15

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ހއ. އުތީމަށް މޮޅެއް ނުހޯދި އުޅެނިކޮށް، ވަށަފަރުން އަތޮޅު ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

އުތީމަކީ މިދިޔަ އަހަރު ގަދަ 16 ގައި ވާދަކުރި ޓީމެކެވެ. އެ ޓީމު މިހާތަނަށް އަތޮޅުގެ ގުރޫޕް ބީގައި ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. ފުރަތަމަ މެޗުގައި ވަށަފަރާ ދެކޮޅަށް އެއްވަރު ވި އިރު، ރޭ އިހަވަންދުއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 3-3 އިންނެވެ.

ވަށަފަރު ވަނީ ރޭ 4-1 އިން މުރައިދޫ ބަލިކޮށް، ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ސެމީގެ ޖާގައެއް ޔަގީން ކޮށްފަ އެވެ. ވަށަފަރުން ވަނީ އެ ޓީމުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ އަތޮޅޫ ޗެމްޕިއަން ދިއްދޫ ބަލިކޮށްފަ އެވެ.
ގުރޫޕް ބީގެ އެއް ވަނައިގައި ވަށަފަރު މި ވަގުތު އޮތް އިރު، މުރައިދުއަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އަދި އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ދިއްދުއަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އުތީމަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައި ވާއިރު، އިހަވަންދުއަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ.
ގުރޫޕް ސްޓޭޖުގައި ވަށަފަރަށް ބާކީ އޮތީ އިހަވަންދުއާ ދެކޮޅަށް ކުޅޭ މެޗެވެ. މުރައިދުއަށް ދެން އޮތީ އުތީމާ ދެކޮޅަށް ކުޅޭ މެޗެވެ. މުރައިދުއާ ދެކޮޅަށް ކުޅުމަށް ފަހު ދިއްދުއާ ދެކޮޅަށް ވެސް އުތީމު ކުޅޭނެ އެވެ. އަދި ދިއްދޫ އެންމެ އަވަހަށް ދެން ކުޅޭނީ އިހަވަންދުއާ ދެކޮޅަށެވެ.
ހއ. އަތޮޅު ގުރޫޕް އޭގައި ރޭ ކެލާ ވަނީ މަމްދޫހް އަބްދުލް ގާދިރުގެ ހެޓްރިކަކާ އެކު 5-0 އިން ފިއްލަދޫ ބަލިކޮށްފަ އެވެ. އަދި މާރަންދޫ ވަނީ 3-0 އިން ހޯރަފުށި ބަލިކޮށްފަ އެވެ.
މިއާ އެކު ހއ. އަތޮޅު ގުރޫޕް އޭގެ ކެލާ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައި ވާއިރު، މާރަންދޫ ވަނީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. އަދި ބާރަށުން ވަނީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. ފިއްލަދޫ އަށް ކުޅުނު ދެ މެޗުން ޕޮއިންޓެއް ލިބިފައި ވާއިރު، ހޯރަފުށި މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައި ވަނީ ޕޮއިންޓެކެވެ.
ހދ. އަތޮޅުގެ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި، ޗެމްޕިއަން ނައިވާދޫ އާއި ރަނަރަޕް ނޮޅިވަރަން ވެސް ހިމެނެނީ ގުރޫޕް ބީގަ އެވެ. ރޭ މި ދެ ޓީމު ބައްދަލުކުރި މެޗު ނައިވާދޫ ކާމިޔާބު ކުރީ 5-1 އިންނެވެ. ނޮޅިވަރަމުން ފުރަތަމަ ގޯލު ޖަހާ ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނައިވާދޫ ވަނީ އެއްވަރު ކޮށްފަ އެވެ. ނައިވާދޫ މެޗު ކާމިޔާބު ކުރީ ފަހު ހާފުގައި ހަތަރު ގޯލު ޖަހައިގެންނެވެ.
މި ގުރޫޕްގައި ހިމެނޭ ވައިކަރަދޫ ވަނީ ރޭ ފަހަތުން އަރައި 2-1 އިން ނެއްލައިދޫ ބަލިކޮށްފަ އެވެ.
މިއާ އެކު މި ގުރޫޕްގެ އެއް ވަނައިގައި މިވަގުތު އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ ނައިވާދޫ އެވެ. ދެ ވަނައިގައި އޮތް ކުމުންދޫ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ތިން ވަނައިގައި އޮތް ވައިކަރަދޫ ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. ނޮޅިވަރަމަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައި ވާއިރު، ނެއްލައިދޫ ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ގުރޫޕް އޭގެ އެއް ވަނައިގައި އޮތީ ރޭ 3-0 އިން ފިނޭ ބަލިކުރި ނޭކުރެންދޫ އެވެ. ނޭކުރެންދޫ ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށް ހަ ޕޮއިންޓް ހޯދައިފަ އެވެ.
މި ގުރޫޕްގެ ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ މަކުނުދޫ އެވެ. ތިން ވަނައިގައި އޮތީ ރޭ 1-0 އިން ހަނިމާދޫ ބަލިކޮށް، ތިން މެޗުން ހަތަރު ޕޮއިންޓް ހަމަކުރި ނޮޅިވަރަންފަރެވެ. ނޮޅިވަރަންފަރުގެ ހަމައެކަނި ގޯލު މި މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ އާދަމް ސައީދެވެ. ހަނިމާދުއަށް ތިން މެޗުން ޕޮއިންޓެއް ލިބިފައި ވާއިރު، ފިނޭ އަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ.
މުބާރާތުގައި މިއަދު ހަވީރު އދ. އަތޮޅުގެ ދެ މެޗާއި ރ. އަތޮޅުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިރޭ ކ. އަތޮޅުގެ ކުޅުން ފެށުމަށް ފަހު ތ. އަތޮޅުގެ މެޗުތަކެއް ވެސް ކުޅޭނެ އެވެ.