ޕީއެންސީގެ އެސްޖީގެ މަގާމަށް މުއާޒް އައްޔަންކޮށްފި
ޕީއެންސީގެ އެސްޖީގެ މަގާމަށް މުއާޒް އައްޔަންކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމް އައްޔަންކޮށްފި އެވެ.

މީގެކުރިން ޕީއެންސީގެ އެސްޖީގެ މަގާމުގައި ހުންނެވީ ޒީނާޒު އަދުނާނެވެ. ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒުގެ މަގާމުގެ ދައުރު މިދިޔަ މަހުގެ 31 އަށް ވަނީ ހަމަވެފަ އެވެ.

ޕީއެންސީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މަގާމު ހުސްކޮށް އޮންނަތާ 13 ދުވަހަށް ފަހު އެސްޖީގެ މަގާމަށް މުއާޒު އައްޔަންކޮށްފައިވަނީ މިއަދެވެ.

މުއާޒު އެސްޖީގެ މަގާމަށް އައްޔަންކޮށްފައި މިވަނީ ޕީއެންސީއަށް މެންބަރުން އިތުރު ކުރަން ހުށަހެޅި ފޯމުތަކުގެ ތެރޭގައި އެހެން ޕާޓީތަކުގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ހިމެނޭހެން ފޯމުތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ.

މި މައްސަލައާ ގުޅިގެން ޕީއެންސީން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

އެހެން ޕާޓީތަކުން ޕީއެންސީއަށް ވެއްދި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް ހިމެނެ އެވެ. އޭނާގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ ޕީއެންސީގެ ފަރާތުން ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.