12 ޖެނުއަރީ 2025 - 16:14

ބަހުގެ އުސްތާޒް އަބްދުﷲ ސޯދިގު (ސޯދުބެ) އެ އިންނެވީ ހަގު ދަރިކަލުން ރައުފަތުގެ އަތުން ބޯކޮށަން ހ. އާމުލީގެ ގޯތިތެރޭގައި އިށީނދެވަޑައިގެންނެވެ. ސޯދުބެއަށް އިއްޔެ 90 އަހަރު ފުރުމާ ދިމާކޮށް ރައުފަތު މި ފޮޓޯ ހިއްސާކުރެއްވީ އެ ފޮޓޯ ވަރަށް ހާއްސަވީމަ އެވެ.

ބޯކޮށައިދޭ ތަންތަން ގެ ކައިރީގައި ހުއްޓަސް ގޭގައި އެކަން ކުރަން ފެށީ ކޮވިޑް19 ގެ ދުވަސްވަރު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ. އެކަމަކު އޭގެ ފަހުން އެކަން އާދައަކަށްވީ އެވެ.

"ފޮޓޯއަކުން 'ވަރަށް ލޯބިވޭ' ބުނެވޭނީ މިވަރަށް ތާއެވެ." ރައުފަތު ފޮޓޯގެ ކެޕްޝަނުގައި ލިޔުއްވި އެވެ.

ކޮމާކޯޅިއެއްގައި "ވަރަށް ލޯބިވޭ" ބުނެފައި އެ އޮތީ ވެސް އެ ބަސް ސޯދުބެއަށް މިހާރު ވަރަށް ހާއްސަވީމަ އެވެ. އެއީ މިހާރު ސޯދުބޭގެ ޓެގް ލައިނަކަށް ވެއްޖެ އެވެ.
އަބަދުވެސް ހިނިތުންވުމާއި ލޯތްބާ އެކު، ސަމާސާ މިޒާޖެއް ގެންގުޅުއްވާ ސޯދުބެ މި ފަހުން ރަހުމަތްތެރިންނާއި ކުރީގެ ދަރިވަރުންނާ ބައްދަލުކުރައްވާއިރު ވެސް "ވަރަށް ލޯބިވޭ" އެވެ.
"ހަނދާންވާ ގޮތުން 2018 ނޫނީ 2019 ހިސާބުން ފެށިގެން ކޮންމެ ބައެއްގެ ގާތުގައި ވެސް، ލޯބިވާ ވާހަކަ ޖެހިލުންނުވެ ވިދާޅުވާން ބައްޕަ ބުނުއްވާނެ ... އާންމުކޮށް އަޅުގަނޑުމެން ވަރަށް ޖެހިލުންވާނެ މީހެއް ގާތުގައި ލޯބިވާ ވާހަކަ އެގޮތަށް ބުނަން. އެކަމަކު މިހާރު ބައްޕަ ގާތަށް މިހާރު ޒިޔާރާތް ކުރައްވާ ރަހުމަތްތެރިންނާއި، ކުރީގެ ދަރިވަރުން ވެސް ބުނުއްވާނެ ހަމަ އެހެން. ކުރިއަށްއޮތް ތާންގައި ބައްޕަގެ ބްރޭންޑެއް ނޫނީ ތަރިކައަކަށް ވެގެން މި ދަނީ،" ރައުފަތު ވިދާޅުވި އެވެ.
ސޯދުބެ ވަނީ ދިވެހި ބަހާއި އަދަބިއްޔާތަށް ބައި ގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައިފަ އެވެ. މިކަމުގެ އަގު ވަޒަންކޮށް 2019 ވަނަ އަހަރު ސޯދުބެއަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ (ނ.ޢ.ޢ.ވ) ލަގަބު އަރުވާފަ އެވެ. ސޯދުބެއަކީ ދިވެހި އެތައް ހާސް ދަރިވަރުންތަކެއްގެ އުސްތާޒެވެ. އަދި ދިވެހި އަދަބިއްޔާތުގައި އަގުނުކެރެވޭނެ ފަދަ މޮޅު އުފެއްދުންތަކެއް ދޫކުރެއްވި ކުޅަދާނަ އަދީބެކެވެ. މިހާތަނަށް އައިއިރު 50 އަށްވުރެ ގިނަ ފޮތް ވަނީ ލިޔުއްވައިފަ އެވެ. ދުވަހަކު އަހައި ފޫހިނުވާނެ ހިތްގައިމު އެތައް ލަވަޔަކާއި، ފުން އަސަރުތަކެއް ކުރުވާ ޅެންތަކެއް ވަނީ ލިޔުއްވައިފަ އެވެ.
ކޮވިޑް19ގެ ފަހުން ސޯދުބެ ސިއްހީ ހާލަތު އައީ ދެރަވަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެެން ހޮސްޕިޓަލުގައި ވެސް ފަރުވާ ދިނެވެ. ރައުފަތު ވިދާޅުވި ގޮތުގައި އެ އުމުރުގައި ވެސް އެ ހިނިތުންވުމާއި، ކުލުނާއި ލޯބި އާއިލާއަށާއި ރަހުމަތްތެރިންނަށް އަދި ކުރީގެ ދަރިވަރުންނަށް ސޯދުބެ ދެއްވަ އެވެ.
"އުމުރާ އެކު ވެސް ބަލިކޮށް އުޅުއްވަނީ. އެކަމަކު އަދިވެސް އެ މިޒާޖަކަށް އެއްވެސް ބަދަލެއް ނާންނާތީ ވަރަށް އުފާވޭ. އެއީ އާންމުކޮށް ބައްޕަގެ އެންމެ ގާތް ދަރިވަރުންނާއި، ކުރިން އެކުގައި މަސައްކަތްކުރެއްވި ބައެއް އެކިއެކި ބޭފުޅުން އެހެން ޒިޔާރަތްކުރައްވާއިރު ވެސް އެ ގުޅުމާއި ކުލުނު ފެނި އަސްލު ވަރަށް އުފާވޭ. އުމުރުގެ ސަބަބުން ބައެއް ބަދަލުތަކެއް ހުއްޓަސް، ބައްޕައާ އެކު އަދިވެސް މި ވަގުތުތައް ހިއްސާކުރަން ލިބުމަކީ ވަރަށްބޮޑު ނަސީބެއް،" ރައުފަތު ވިދާޅުވި އެވެ.
ރައުފަތު ވިދާޅުވީ ސޯދުބެގެ މަސައްކަތްތައް އާކައިވްކޮށް ރައްކާކުރުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެތެރެއިން، ޅެންވެރިންގެ ދުވަހަށް "ޅެން ބަހުރުވަ 3" ނެރުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. މިއީ ފާއިތުވި 15 އަހަރު ސޯދުބެ ލިޔެ ޝާއިއުނުކޮށް ހުރި ޅެންތަކާއި ލަަވަތައް އެއްކުރެވި ޝާއިއުކުރާ ފޮތެކެވެ. މި މަސައްކަތުގައި އެކެޑަމީގެ މުވައްޒަފުންނާއި، ސެކްރެޓަރީންގެ އެހީތެރިކަން ރައުފަތު ޝުކުރާ އެކު ފާހަގަކުރި އެވެ.
ހަަމައެޔާ އެކު، ސޯދުބެ ލިޔުއްވާފައިވާ މަޒުމޫނުތައް ވެސް އެއްކޮށް، ފޮތެއްގެ ސިފައިގައި މި އަހަރު ނެރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މިއީ ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކުރައްވާ ހަސަން ޝާކިރު މުހައްމަދު އިސްވެ ކުރައްވާ މަސައްކަތެކެވެ.
ރައުފަތު ވިދާޅުވާ ގޮތުން ސޯދުބެ ވަރަށް ގިނައިން ވިދާޅުވާ އެއް ވާހަކައެއް އޮވެ އެވެ. އެއީ ދިވެހި ބަހުގެ ހަރުބަހާއި މުސްކުޅި ބަހާއި މަޖާޒާއި މިސާލު ބަސްތައް މިޒަމާނުގައި ކިޔައިއުޅޭ ބުނުންތަކާ އެއްކޮށް ފޮތަކަށް ހެދުމުގެ ވާހަކަ އެވެ.
"އެންމެ ގިނައިން ކުރައްވާ އެއް މަޝްވަރާއަކީ ހަރުބަހާއި މުސްކުޅިބަހުގެ އާ އިސްލާހެއް ނެރުމުގެ ވާހަކަ. އެއީ (މިހާރު މި ބޭނުންކުރާ ހަރުބަހާ މުސްކުޅި ބަހަކީ) އެދުވަސްވަރު އާންމުކޮށް ބޭނުންކޮށް އުޅުނު އެކަހަލަ ބުނުންތާ. އެކަމަކު މިހާރު ވެސް ހަމަ އާންމުންގެ މެދުގައި ކިޔައި އުޅޭ އެކި ބަސްތަކާއި ބުނުންތަކާއި ނޯޓުކޮށްފައި ރަދީފުގައި ހުރި ބައެއް އެއްޗެހި ވެސް އެއްކޮށްލައިގެން އާ އެއްޗެއް އުފައްދަވަން ވަރަށް ހިތްވަރުދެއްވާ." ރައުފަތު ވިދާޅުވި އެވެ.