12 ޖެނުއަރީ 2025 - 12:31

ސްރީ ލަންކާގެ ޖަމިއްޔާއަކާ ގުޅިގެން ގދ. ފަރެސްމާތޮޑާ ކައުންސިލުން އައި ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ވިދާޅުވީ ސްރީ ލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލާ ގުޅިގެން ބާއްވާ އެ ކޭމްޕް އޮންނާނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.
އެ ކޭމްޕުގައި ލަންކާގެ ލޮލުގެ ހާއްސަ ހަތަރު ޑޮކްޓަރަކާއި ޓެކްނީޝަނުންގެ ގޮތުގައި ހަރަކާތްތެރިވާ ދެ ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
ދާއިރާގެ މަޖިލިސް މެމްބަރު އަޝްރަފް ރަޝީދުގެ ވެސް އެހީއާ އެކު ބާއްވާ މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހިލޭ ލިބޭއިރު 300 އައިނު ދުނިގަނޑު ވެސް ހިލޭ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަތޮޅުގެ ދާއިރާގެ ރަށްތަކަށް ވެސް ފުރުސަތު ހުޅުވާލައިފައި އޮންނަނީ. އެއީ 250 އައިނު ރަށަށް، ބާކީ 50 އައިނު އަތޮޅުގެ އެހެން ރަށްތަކަށް. މުޅި ކޭމްޕަށް ހަރަދު އެއްކޮށް ކުރަނީ ކައުންސިލުން، ކޭމްޕަށް އެއްކޮށް މިލިއަނަކާ ގާތްކުރާ އަދަދަކަށް ހަރަދުވާނެ،" އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވީ މިއީ މިދިޔަ އަހަރު އޮގަސްޓުގައި އެ ރަށު ކައުންސިލުން ލަންކާއަށް ކުރި ދަތުރުގެ ތެރެއިން ހަމަޖެހުނު ކޭމްޕެއް ކަމަށެވެ. މި ކޭމްޕަކީ ސްރީލަންކާގެ ވިކްމަރާޗީ އޮޕްޓިކަލްސްގެ ފަރާތުން އެތަނުގެ ސީއެސްއާރުގެ ދަށުން ހިންގާ އައި ކޭމްޕެކެވެ.