12 ޖެނުއަރީ 2025 - 13:01

ވައްކަމުގެ މައްސަލައެއްގައި ގޭ ބަންދުގައި ހުރި މީހަކު އަނެއްކާވެސް ދެވަނަ ފަހަރަށް ވައްކަން ކޮށްގެން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާއަކީ ވައްކަމުގެ މައްސަލައެއްގައި މީގެ ކުރިން ވެސް ގޭބަންދު ކުރަން ހުކުމް ކޮށްފައިވާ މީހެކެވެ.
ކްރިމިނަލް ކޯޓު އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާ ހުއްޓުވިއިރު އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނުތަކެއް ފެނިފައިވާ ކަމަށެވެ.
އެ ވަގުތު އޭނާ ބުނެފައި ވަނީ އެއީ ރަހުމަތްތެރިއަކު ވިއްކަން ހަވާލު ކުރި ފޯނުތަކެކެވެ. އެހެން ނަމަވެސް ޝަރީއަތުގައި އެއީ އެތަނުގައި ހުރި ކާޓެލްއެއް ފުލުހުން ބަލާ ފާސް ކުރަނިކޮށް ބޭރަށް ނެރެފައި ހުރި ދަބަހެއްގެ ތެރެއިން ނެގި ފޯނުތަކެއް ކަމަށް އޭނާ ބުނި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އޭނާ އެހެން ބުނި ނަމަވެސް އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން އޭނާ ފިހާރަ ދޮރަށް ގެއްލުން ދޭ މަންޒަރާއި ފިހާރަ ހުންނަ ސަރަހައްދުން ހިނގާފައިދާ ތަން ފެންނަ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އޭނާ ގެއިން ބޭރުގައި އުޅުނީ ބެލެނިވެރިއަކާ އެއްކޮށް ކަމަށް ކޯޓުގައި ބުނި ނަމަވެސް، ސީސީީޓީވީ ފުޓޭޖުން ފެންނަނީ ފެންނަނީ އޭނާ އެކަނި ހުރި މަންޒަރު ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުުކުރަން އަމުރުކޮށްފަ އެވެ.