ރަސްދޫ އާއި ބޮޑުފޮޅުދޫ އަތޮޅު ސެމީ އަށް، މަތިވެރި ވެސް ދުލެއް ނުދޭ
ރަސްދޫ އާއި ބޮޑުފޮޅުދޫ އަތޮޅު ސެމީ އަށް، މަތިވެރި ވެސް ދުލެއް ނުދޭ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އއ. އަތޮޅު ބުރުގެ ސެމީ ފައިނަލުން ރަސްދޫ އާއި ބޮޑުފޮޅުދޫ ޖާގަ ހޯދައިފި އެވެ.

ރަސްދޫ އާއި ބޮޑުފޮޅުދޫ އަތޮޅު ސެމީ އަށް، މަތިވެރި ވެސް ދުލެއް ނުދޭ
ރަސްދޫ އާއި ބޮޑުފޮޅުދޫ އަތޮޅު ސެމީ އަށް، މަތިވެރި ވެސް ދުލެއް ނުދޭ

އއ. އަތޮޅު ގުރޫޕް ބީގައި އިއްޔެ ހަވީރު ރަސްދޫ ވަނީ ފެރިދޫން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 5-1 އިން މޮޅުވެފަ އެވެ. ބޮޑުފޮޅުދޫ މޮޅުވީ މާޅޮހާ ވާދަކޮށް 4-2 އިންނެވެ. ރަސްދުއާއި ބޮޑުފޮޅުދޫ ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިފަ އެވެ.

އއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން މަތިވެރި ވެސް ވަނީ މިހާތަނަށް ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ކާމިޔާބު ކޮށް ހަ ޕޮއިންޓް ހޯދައިފަ އެވެ. ގުރޫޕް އޭގައި އިއްޔެ މަތިވެރި ވަނީ އުކުޅަހާ ވާދަކޮށް 7-0 އިން މޮޅުވެފަ އެވެ. މި ގުރޫޕްގައި ދެން ކުޅުނު މެޗުގައި ފަހު ހާފުގެ ގޯލުތަކުން ތޮއްޑޫ ވަނީ 2-0 އިން ހިމަންދޫ ބަލިކޮށްފަ އެވެ.

އއ. އަތޮޅު ގުރޫޕް ބީ އިން ތޮއްޑޫ އާއި ހިމަންދުއަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، ތިން ޓީމަށް ވެސް ސެމީގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. ފައިދާ ގޯލުގެ ތަފާތުން އެންމެ ކުރީގައި އޮތީ ހަ ޕޮއިންޓް ހޯދާފައިވާ މަތިވެރި އެވެ. ފުރަތަމަ މެޗުގައި މަތިވެރިން ވަނީ 3-1 އިން ތޮއްޑޫ ބަލިކޮށްފަ އެވެ. އަދި ހިމަންދޫ ފުރަތަމަ މެޗު ކާމިޔާބު ކުރީ 3-2 އިން އުކުޅަސް ބަލިކޮށްގެންނެވެ.

ފަހު މެޗުގައި މަތިވެރި ނުކުންނާނީ ހިމްނަދުއާ ދެކޮޅަށެވެ. ތޮއްޑޫ ބައްދަލުކުރާނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ އުކުޅަހާ ދެކޮޅަށެވެ.

މުބާރާތުގައި ރޭ ފ. އަތޮޅުގެ ދެ މެޗު ކުޅެފައި ވާއިރު، ދަރަނބޫދޫ ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި 5-4 އިން ނިލަންދޫ ބަލިކޮށްފަ އެވެ. ދަރަނބޫދޫގެ މުޒްދާން ހަސަން ވަނީ މި މެޗުގައި ހެޓްރިކް ހަދައިފަ އެވެ.

މި އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ބިލެތްދޫ ރޭ ކުޅުނީ މަގޫދޫއާ ދެކޮޅަށެވެ. މި މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. މިއާ އެކު ބިލެތްދޫ އާއި މަގޫދުއަށް ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ރޭ ވަނީ މި އަހަރުގެ މުބާރާތުގައި މ. އަތޮޅާއި ސ. އަތޮޅު އަދި ގދ. އަތޮޅުގެ ކުޅުން ވެސް ފަށައިފަ އެވެ.

އެގޮތުން މ. އަތޮޅުގެ ގުރޫޕް ބީ ގެ ކޮޅުފުއްޓާއި މުލި ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. މި ގުރޫޕްގައި ތިން ޓީމު ހިމެނޭ އިރު، ގުރޫޕް އޭ ގައި ހަތަރު ޓީމު ހިމެނެ އެވެ.

ސ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ހިތަދޫ ފެށީ މޮޅަކުންނެވެ. ގުރޫޕް ބީގެ މެޗުގައި ހިތަދޫ ވަނީ ހާޒިމް ފައުޒީ އާއި އީމާން ނަޒީރު އަދި މުހައްމަދު ދާނިޝް އިބްރާހިމްގެ ގޯލުތަކުން 3-0 އިން ރޭ މަރަދޫ ބަލިކޮށްފަ އެވެ. ގުރޫޕް އޭ ގައި ފޭދޫ އާއި މަރަދޫފޭދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ގދ. އަތޮޅުގެ ގުރޫޕް އޭ ގައި ރޭ ބައްދަލުކުރީ ތިނަދޫ އާއި މަޑަވެލި އެވެ. މި މެޗު 3-2 އިން ކާމިޔާބު ކުރީ މަޑަވެލި އެވެ. މި އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ވާދޫ ވަނީ ރޭ މި އަތޮޅުގެ ގުރޫޕް ބީގެ ފުރަތަމަ މެޗުގައި 11-1 އިން ފިޔޯރީ ބަލިކޮށްފަ އެވެެ.