11 މާޗް 2017 - 07:20

ރީތީގެ ރާނީ ސުޝްމިތާ ސެންގެ އުމުރުން 41 އަހަރުވީ އިރު ވެސް ކައިވެނި ނުކޮށް ހުރުމުން ސޯޝަލް މީޑިއާގައި އޭނާއާ ދިމާކޮށްލައިގެން މީގެ ދުވަސްކޮޅެއް ކުރިން އުޅުނެވެ. އަދި ދެ އަންހެންކުދިން އެޑޮޕްޓްކޮށްގެން ގެންގުޅޭތީ ވެސް ފާޑު ކިޔާފައިވެ އެވެ.
އޭނާ ކައިވެނި ނުކުރާ ސަބަބާއި ދަރިން ހޯދަން ބޭނުން ނުވާ ސަބަބަކީ ކޮބައިތޯ ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.
މިސް އިންޑިޔާ އާއި މިސް ޔުނިވާސްގެ ފަޚުރުވެރި ތާޖު ހާސިލުކޮށްފައިވާ ސުޝްމިތާއަށް ހުސްހަށިބަޔަށް ހުންނާތީ އެ ސުވާލު އޭނާއަށް އަމާޒުވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.
މިއީ މުހިންމު ސުވާލެއް ނޫން ކަމަށާއި ޖަވާބު ދޭން ނުޖެހޭ ކަމަށް ނިންމައިގެން ހުރި ނަމަވެސް މިފަހަރު ސޯޝަލް މީޑިއާގައި އެ ވާހަކަ މާބޮޑަށް މައްޗަށް ދިއުމުން ސުޝްމިތާ ޖަވާބު ދިނެވެ.
ސުޝްމިތާ ބުނީ އޭނާގެ އަމިއްލަ ދިރިއުޅުމާ އެހެން މީހަކާ ނުބެހެވޭނެ ކަމަށާއި މީހަކާ އިނުމާއި ނުއިނުމަކީ އޭނާގެ ހައްގެއް ކަމަށެވެ. އޭނާ ޖަވާބު ދިނެވެ؛
"ދެން ބުނަމާ ހިނގާ އަހަރެން ކަހަލަ މީހަކާ އެކަށީގެންވާ ވަރުގެ މީހަކާ އަދި ބައްދަލު ނުވަނިއްޔޭ،" ސުޝްމިތާ ލިޔެފައިވެ އެވެ.