ށ. އަތޮޅު ސެމީ ފައިނަލުގެ ތިން ޓީމު ޔަގީން ވެއްޖެ
ށ. އަތޮޅު ސެމީ ފައިނަލުގެ ތިން ޓީމު ޔަގީން ވެއްޖެ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ށ. އަތޮޅުގެ ސެމީ ފައިނަލަށް ތިން ޓީމު ހޮވިއްޖެ އެވެ.

ސެމީ ފައިނަލަށް ހޮވުނީ މިލަންދޫ އާއި ބިލެތްފަހި އަދި އެންމެ ފަހުގެ ޗެމްޕިއަން ކަނޑިތީމެވެ.

ށ. އަތޮޅުގެ ގުރޫޕް އޭ ގައި ކަނޑިތީމު ވަނީ ރޭ 1-0 އިން ފޭދޫ ބަލިކޮށްފަ އެވެ. ކަނޑިތީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބްރާހިމް ނަދާދެވެ. މި ގުރޫޕުން މިލަންދޫ ވަނީ 3-0 އިން މަރޮށި ބަލިކޮށްފަ އެވެ. ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްފަ އެވެ.

ގުރޫޕް ބީ އިން ސެމީގެ ޖާގަ ޔަގީން ކުރީ ފުރަތަމަ މެޗުގައި ގޮއިދޫ ވެސް ބަލިކުރި ބިލެތްފަހި އެވެ. އެ ޓީމުން ވަނީ ރޭ 3-2 އިން ނަރުދޫ ބަލިކޮށްފަ އެވެ. ގޮއިދޫ ވަނީ ރޭ 2-1 އިން ޅައިމަގު ބަލިކޮށްފަ އެވެ. ފުރަތަމަ ދެ މެޗުން ވެސް ބަލިވެ، ޅައިމަގަށް ވަނީ މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު ގެއްލިފަ އެވެ. ގޮއިދޫ އާއި ނަރުދުއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ތ. އަތޮޅުގެ ގުރޫޕް އޭ ގައި ރޭ ވިލުފުށިން ވަނީ 2-1 އިން ދިޔަމިގިލި ބަލިކޮށް، ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި ވިލުފުށި އަތުން ބަލިވި އެންމެ ފަހުގެ އަތޮޅު ރަނަރަޕް އޮމަދޫ ވަނީ ރޭ ކިނބިދުއާ ވާދަކޮށް 2-2 އިން އެއްވަރު ވެފަ އެވެ. މިއީ ކިނބިދޫ މިހާތަނަށް ކުޅުނު ދެ މެޗުން ހޯދި ފުރަތަމަ ޕޮއިންޓެވެ.

ގުރޫޕް ބީގައި ހިރިލަންދޫ 6-0 އިން ގާދިއްފުށި ބަލިކުރި އެވެ. ހިރިލަންދޫގެ މުހައްމަދު ނިޝާހް ހެޓްރިކް ހެދި އިރު އަބްދުﷲ އިޝާން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެން ގޯލު ޖެހީ މުހައްމަދު ޝަމްހާން އެވެ. މި ގުރޫޕްގައި ދެން ކުޅުނު މެޗުގައި ބުރުނި ވަނީ 4-1 އިން ވޭމަންޑޫ ބަލިކޮށް ހަ ޕޮއިންޓް ހޯދައިފަ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުތަކަށް ބަލައިލާއިރު، ރ. އަތޮޅުގެ އެންމެ ފަހުގެ ރަނަރަޕް އަލިފުށި އަދި މަޑުއްވަރި ބައްދަލުކުރި ގުރޫޕް އޭގެ މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. އަލިފުށީގެ އަހުމަދު ހުސާމް މި މެޗުގައި ހެޓްރިކް ހެދި އިރު، މަޑުއްވަރި އަށް ލަނޑުތައް ޖަހައިދިނީ އަހުމަދު ނާހީ އާއި ހުސެއިން އިރުފާހް އެވެ. އިރުފާހް ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ. ގުރޫޕް ބީގެ އިނގުރައިދޫ ވަނީ 5-0 އިން މީދޫ ބަލިކޮށްފަ އެވެ. އަލީ ހާފިޒް (ހާއްޕެ) އާއި މުހައްމަދު މަމްދޫހް ދެ ގޯލު ޖެހި އިރު ދެން ގޯލު ޖެހީ އަހުމަދު އައިހަމް (އައިހު) އެވެ.

އދ. އަތޮޅުގެ ގުރޫޕް އޭގެ ކުނބުރުދޫ އާއި ދަނގެތި ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބު ކުރީ ދަނގެތި އެވެ. އަދި ގުރޫޕް ބީގައި އޮމަދޫ އާއި މަންދޫ ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބު ކުރީ މަންދޫ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އއ. އަތޮޅުގެ ހަތަރު މެޗެވެ. މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ މ. އަތޮޅާއި ސ. އަތޮޅުގެ އިތުރުން ފ. އަތޮޅާއި ގދ. އަތޮޅުގެ މެޗުތަކެކެވެ.