10 ޖެނުއަރީ 2025 - 20:05

ވައިގެ މަގުން ރާއްޖެއަށް ޑްރަގް އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ޑްރަގް ފެނިފައިވަނީ އޭނާ ރާއްޖެ އައިއިރު، ގެނައި ދެ ލަގެޖުގެ އަތްގަނޑުގެ ދަށަށް ވާ ގޮތަށް އައްސާފައިވާ ކޮތަޅެއްގެ ތެރެއިންނެވެ.
ކޮތަޅުގެ ތެރެއިން ފެނުނު ޑްރަގްގެ ބަރުދަނުގައި 109 ގްރާމް ހުރި ކަމަށް ބަންދު އަމުރުގައިވެ އެވެ. ކަސްޓަމްސް އިން މި ތަކެތި ބަލައި ތަހުލީލު ކުރިއިރު، އެ ތަކެތި ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވެ އެވެ.
އެ މީހާއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ.