10 ޖެނުއަރީ 2025 - 15:31

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ދެ ބިދޭސީ އަންހެނަކު ޑީޕޯޓް ކޮށްލައިފި އެވެ.
އިމިގްރޭޝަން އިން ބުނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީންނަށް އަމާޒުކޮށް ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެއީ އުމުރުން 40 އަހަރާއި 41 އަހަރުގެ ވިއެޓްނާމް އަށް ނިސްބަތްވާ ދެ މީހުންނެވެ.
އިމިގްރޭޝަން އިން ބުނީ އެކަކު ރާއްޖޭގައި އުޅެމުން ދިޔައީ ވޯކް ވިސާގައި ކަމަށާއި ދެވަނަ މީހާއަކީ ޓޫރިސްޓް ވިސާގައި ދިރިއުޅެމުން އައި މީހެއް ކަމަށެވެ.
އެ ދެ މީހުން ވެސް ޑީޕޯޓް ކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަން އިން މިދިޔަ އަހަރު ފަހުކޮޅު ވެސް ވަނީ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ހަތް މީހަކާއި އޭޖަންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީ ފިރިހެނުން އަތުލައިގަނެ އެ މީހުން ޑީޕޯޓް ކޮށްލައިފަ އެވެ.