އަތީގުގެ ހެޓްރިކުން ދިއްދޫ އަތުން ވަށަފަރު މޮޅުވެއްޖެ
އަތީގުގެ ހެޓްރިކުން ދިއްދޫ އަތުން ވަށަފަރު މޮޅުވެއްޖެ

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ހއ. ވަށަފަރުން 3-2 އިން އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން ދިއްދޫ ބަލިކޮށްފި އެވެ.

މި މެޗުގައި ވަށަފަރުގެ އިބްރާހިމް އަތީގު ހަސަން ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. ދިއްދޫގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝަނާއު ނަސީރާއި ހުސެއިން ޝިފާހް އެވެ.

ވަށަފަރު ވަނީ ހއ. އަތޮޅުގެ ގުރޫޕް ބީގައި ކުޅުނު އެ ޓީމުގެ ފުރަރަމަ މެޗުގައި އުތީމު އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. އެ މެޗުގެ ފަހު ވަގުތު ވަށަފަރުން އެއްވަރު ކުރި ގޯލު ވެސް ޖެހީ އަތީގް އެވެ. ދިއްދޫ ވަނީ ފުރަތަމަ މެޗުގައި މުރައިދޫ ބަލިކޮށްފަ އެވެ.

މުރައިދޫ ވަނީ ރޭ އިހަވަންދޫއާ ވާދަކޮށް 5-3 އިން މޮޅުވެފަ އެވެ. މުރައިދޫގެ އަބްދުﷲ ހިޝާން ދެ ގޯލު ޖެހި އިރު އަހުމަދު ނައުފަލް އާއި އިޔާން އަބްދުލް އަޒީޒް އަދި އައިރޫން އަހުމަދު ރަޝީދު ވެސް ގޯލެއް ޖެހި އެވެ. އިހަވަންދޫގެ ފުރަތަމަ ލަނޑު ޖެހީ އަހުމަދު ނައިޝާދެވެ. އަނެއް ދެ ލަނޑު ޖަހައިދިނީ އިބްރާހިމް ހާމިދެވެ.

ހއ. އަތޮޅުގެ ގުރޫޕް އޭގައި ރޭ ހޯރަފުއްޓާއި ފިއްލަދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު މުހައްމަދު ރައްޔާން ބިން އަބްދުﷲ އާމިރުގެ ދެ ގޯލުން ހޯރަފުށި ލީޑު ކުރަނިކޮށް ފިއްލަދޫ އެއްވަރު ކުރީ މުހައްމަދު ހުސާމް އާއި އަލީ ކާމިލްގެ ގޯލުތަކުންނެވެ. މި ގުރޫޕްގައި ހިމެނޭ ބާރަށާއި މާރަންދޫ ބައްދަލުކޮށް 2-0 އިން މެޗު ކާމިޔާބު ކުރީ މާރަންދޫ އެވެ. ފުރަތަމަ ހާފުގައި މާރަންދޫގެ ދެ ގޯލު ޖަހައިދިނީ އާދަމް ހަސީބް އާއި ހުމެއިދު ހުސެއިން އެވެ.

ހދ. އަތޮޅުގެ ގުރޫޕް އޭގައި ނޮޅިވަރަންފަރާއި ފިނޭ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އަދި މަކުނުދޫ އާއި ހަނިމާދޫ ބައްދަލުކުރި މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މަކުނުދޫން ވަނީ ދެ ފަހަރު ފަހަތުން އަރައި ނަތީޖާ އެއްވަރު ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ހުޒާމް އަބްދުއްރަހީމްގެ ގޯލުން ހަނިމާދޫ ލީޑް ނަގާފައި ވަނިކޮށް މަކުނުދޫއަށް އެއްވަރު ކޮށްދިނީ ނުހާދު ފާއިޒް އެވެ. މި ހާފުގެ އެންމެ ފަހު މިނިޓުގައި ހަނިމާދުއަށް އަލުން ލީޑު ނަގައިދިނީ މުހައްމަދު ޚާލިދެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު މަކުނުދޫ އެއްވަރު ކުރި ލަނޑު ޖަހައިދިނީ ޒިދާން އަހުމަދެވެ.

މި އަތޮޅުގެ ގުރޫޕް ބީގައި، މިދިޔަ އަހަރުގެ އަތޮޅު ރަނަރަޕް ނޮޅިވަރަން ވަނީ 2-0 އިން ނެއްލައިދޫ ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ނޮޅިވަރަމަށް ލަނޑުތައް ޖަހައިދިނީ އަމްދާން އަލީ އާއި ހުސެއިން އީސާ އެވެ. މިއީ ނޮޅިވަރަން މިއަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. މި ގުރޫޕްގައި ދެން ކުޅުނު ކުމުންދޫ އާއި ވައިކަރަދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ކުމުންދޫން ލީޑު ނެގީ ޝިނާން އިބްރާހިމްގެ ގޯލަކުންނެވެ. މެޗު ނިމެނިކޮށް ވައިކަރަދޫއަށް އެއްވަރު ކޮށްދިނީ އަހުމަދުﷲ މުހައްމަދު ސަދަތެވެ.

މިރޭގެ ކުރިން މިއަދު ހަވީރު ވެސް މުބާރާތުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހަވީރު 4 ޖަހާއިރު ކުޅުމަށް ހަމަޖެހިފައި ވަނީ ރ. އަތޮޅުގެ ދެ މެޗެވެ. އަދި 5 ޖަހާއިރު ކުޅޭނީ އދ. އަތޮޅުގެ ދެ މެޗެވެ. މިރޭ ކުޅޭނީ ތ. އަތޮޅާއި ށ. އަތޮޅުގެ މެޗުތަކެވެ.